Advertisement

ފުރަތަމަ ލެގުގައި ލިވަޕޫލުން ފުލަމް ބަލިކޮށްފި

11 ޖަނަވަރީ 2024 - 07:13 0


ފުރަތަމަ ލެގުގައި ލިވަޕޫލުން ފުލަމް ބަލިކޮށްފި

11 ޖަނަވަރީ 2024 - 07:13 0

ލިވަޕޫލް (ޖެނުއަރީ 11) - އިނގިރޭސި ލީގު ކަޕްގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި ލިވަޕޫލުން ފަހަތުން އަރައި، 2-1 އިން ފުލަމް ބަލިކޮށްފި އެވެ.

ދެ ވަނަ ލެގު ކުޅޭނީ މި މަހުގެ 24 ވަނަ ދުވަހު ފުލަމްގެ ދަނޑުގަ އެވެ. އެ މެޗު އެއްވަރުކޮށްލައިގެން ވެސް ލިވަޕޫލަށް ފައިނަލުގެ ޖާގަ ހޯދޭނެ އެވެ. އަނެއް ސެމީ ފައިނަލް ފުރަތަމަ ލެގުގައި ޗެލްސީ އަތުން މިޑްލްސްބަރާ ވަނީ 1-0 އިން މޮޅުވެފަ އެވެ.

ލިވަޕޫލުން މި މެޗުގައި ކުޅެން ޖެހުނީ، އެފްރިކަން ކަޕާއި އޭޝިއަން ކަޕްގައި ކުޅެން ދިޔަ ކުޅުންތެރިންނާއި އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ކުޅުންތެރިން ހިމަނައިގެން ޖުމްލަ 10 ވަރަކަށް ސީނިއާ ކުޅުންތެރިން ނުލަ އެވެ. އަނިޔާގެ ލިސްޓަށް އެންމެ ފަހުން އިތުރުވި، ޓްރެންޓް އަލެކްސަންޑަ އާނޯލްޑްގެ ބަދަލުގައި މި މެޗުގައި ކުޅުނު، ޒުވާން ފުލްބެކް، ކޮނާ ބްރެޑްލީ ވަނީ މޮޅަށް ކުޅެފަ އެވެ.

ފުލަމް އިން މި މެޗުގައި ލީޑުނެގީ 19 ވަނަ މިނިޓްގައި ވިލިއަން ޖެހި ގޯލުންނެވެ. އޭނާ މި ގޯލު ޖެހީ އަންޑްރެއަސް ޕެރެއިރާ ދިން ބޯޅައަކުންނެވެ. ފުލަމް އިން ލީޑުފުޅާކުރަން ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފި އެވެ. އެ ގޮތުން އެ ޓީމަށް ދެ ވަނަ ގޯލެއް ޖަހައިދޭން އެންމެ ހުސް ފުރުސަތެއް ލިބުނު ބޮބީ ޑީކޯޑޯވާ ރީޑް އަމިއްލަ އަށް ޖަހަން އުޅުމުން އެ ފުރުސަތު ގެއްލުނީ އެެވެ.

ލިވަޕޫލުން ނަތީޖާ އަނބުރާލީ ބަދަލަކަށް އެރި ދެ ކުޅުންތެރިންގެ އެހީއާ އެކު އެވެ. އެ ގޮތުން، ލިވަޕޫލުން ވަނީ ދެ ވަނަ ހާފުގައި ޑާވިން ނޫނޭޒް އާއި ކޯޑީ ގަކްޕޯ ކުޅެން އަރުވައިފަ އެވެ. ލިވަޕޫލުން އެއްވަރުކުރީ މެޗުގެ 68 ވަނަ މިނިޓްގައި ކާޓިސް ޖޯންސް ޖެހި ގޯލުންނެވެ. އޭރިއާބޭރުން ޖޯންސް ޖެހި ބޯޅަ ގޯލަށް ވަނީ ފުލަމްގެ ޓޮސުން އަޑަރަބަޔޯ ގައިގައި ޖެހިފަ އެވެ. އޭގެ ތިން މިނިޓް ފަހުން، ނޫނޭޒް ދިން ބޯޅައަކުން ލިވަޕޫލްގެ ދެ ވަނަ ގޯލު ޖެހީ ގަކްޕޯ އެވެ.

ތިން ވަނަ ގޯލެއް ޖަހައިދޭން، ލިވަޕޫލްގެ ނޫނޭޒް އޭރިއާތެެރެއިން ޖެހި ބޯޅަ ފުލަމްގެ ކީޕަރު، ލޭނޯ ވަނީ މަތަކޮށްފަ އެވެ.