Advertisement

އާބަންކޯ ބަލިކޮށް ގައުމީ ޗެމްޕިއަންކަން ސިފައިންނަށް

11 ޖަނަވަރީ 2024 - 00:47 0

އަތޫފް އާތިފް

އަތޫފް އާތިފް

ގައުމީ ފިރިހެން ވޮލީބޯޅަ މުބާރާތުގެ ތަށްޓާ އެކު ދިވެހި ސިފައިންގެ ކްލަބުން އުފާފާޅުކުރަނީ.---- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


އާބަންކޯ ބަލިކޮށް ގައުމީ ޗެމްޕިއަންކަން ސިފައިންނަށް

11 ޖަނަވަރީ 2024 - 00:47 0

ފައިނަލުގައި ކުލަބް އާބަންކޯ ބަލިކޮށް ދިވެހި ސިފައިންގެ ކުލަބުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ސިފައިން އެންމެ ފަހުން ގައުމީ ތަށި ހޯދީ 2019 ވަނަ އަހަރު އެވެ. މިދިޔަ ސީޒަނުގައި ގައުމީ ތަށި އުފުލާލީ، ސްޕޯޓްސް ކްލަބް ސިޓީ އެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި މިރޭ ކުޅުނު ފައިނަލް މެޗު ސިފައިން ކާމިޔާބުކުރީ 3-1 ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ 25-22, 23-25, 26-24 އަދި 25-20 އިންނެވެ.

މި މެޗުގެ ފުރަތަމަ ސެޓުގައި ފެނިގެންދިޔައީ ހަމަހަމަ ކުޅުމެކެވެ. އެކަމަކު، މި ސެޓު ފަށައިގެން ޖުމްލަކޮށް ސިފައިން ލީޑު ކޮށްގެން ކުޅުނުއިރު, އެ ޓީމުގެ އާދަމް ނަސީމް (އެޑަމާ), ރަޒީން އަދި ޕާކިސްތާން ކުޅުންތެރިޔާ މުބައްޝިރު ރާޒާގެ މޮޅު ކުޅުން ފެނިގެންދިޔަ އެވެ. މި ސެޓު ސިފައިން ކާމިޔާބުކުރީ 25-22 އިންނެވެ.

ދެ ވަނަ ސެޓުގައި އާބަންކޯއިން އިތުރު ހިތްވަރަކާ އެކު ކުޅުނުއިރު, މި ސެޓުގައި އާބަންކޯގެ ތަފާތަކަށްވީ ބިދޭސީ ދެ ކުޅުންތެރިން އަދި އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) ފޯމުގައި ހުރުމެވެ. އޭގެ ނަތީޖާއަކަށްވީ ސެޓުގެ ފަހު ކޮޅު ވިސްނުންތެރިކަމާ އެކު ލީޑުގައި އޮވެ ސެޓު ނިންމާލުމެވެ. މި ސެޓު އާބަންކޯ ކާމިޔާބުކުރީ 25-23 އިންނެވެ.

މެޗުގެ ތިން ވަނަ ސެޓު ފަށައިގެން އާބަންކޯ އިން ތިން ޕޮއިންޓްގެ ލީޑެއް ނެގި އެވެ. އެކަމަކު، ސެޓުގެ މެދުތެރެއިން ސިފައިންގެ ޓީމުން ހަމައަކަށްއެޅި އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލި އެވެ. ސެޓުގެ ފަހު ކޮޅު ދެ ޓީމަށްވެސް ބޮޑު ލީޑެއް ނެގިފައިނުވާއިރު, ސެޓު ސިފައިންނަށް ލިބުނީ އާބަންކޯއަށް ރެފުރީ ދެއްކި ރަތް ކާޑެއްގެ ސަބަބުންނެވެ. މި ސެޓު ސިފައިން ކާމިޔާބުކުރީ 26-24 އިންނެވެ. މި ސެޓަށް ފަހު އާބަންކޯ ކުޅުންތެރިން ވަނީ ރެފުރީ ކައިރީ ވަރަށް ބޮޑަށް އެޕީލް ކޮށްފަ އެވެ.

މެޗުގެ ހަތަރު ވަނަ ސެޓުގައި އާބަންކޯ އިން އާދައިގެ ގޯސްތައް ހެދިއިރު, މި ސެޓުގެ މެދުތެރެއިން ސިފައިން ވަނީ ފަސް ޕޮއިންޓްގެ ލީޑެއް ނަގައިފަ އެވެ. އަދި ސެޓު ސިފައިން ނިންމާލީ އެ ލީޑުގައި އޮވެ އެވެ. މި ސެޓު ސިފައިން ކާމިޔާބުކުރީ 25-20 އިންނެވެ.

މި މުބާރާތުގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔަކަށް ހޮވުނީ ދިވެހި ސިފައިންގެ ކުލަބްގެ މުބައްޝަރް ރަޒާ އެވެ. އަދި މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ދިވެހި ސިފައިންގެ ކުލަބްގެ ހުސެއިން ރަޒާން އެވެ.

މި ފަހަރުގެ ވޮލީބޯޅަ ސީޒަނުގެ ފިރިހެން މުބާރާތްތަކަށް ބަލާއިރު، އެސޯސިއޭޝަން ކަޕް ކާމިޔާބުކުރީ ސިޓީ ސްޕޯޓްސް ކްލަބް އެވެ. ގައުމީ ލީގާއި ގައުމީ މުބާރާތް ކާމިޔާބުކުރީ، ސިފައިންނެވެ. މި ކާމިޔާބީތަކާ އެކު، ރާއްޖޭގެ ވޮލީބޯޅައިގެ އެންމެ މަތީ ފަންތީގައި ސިފައިން ވަނީ 19 ތަށި ހަމަކޮށްފަ އެވެ.