Advertisement

ވިލިމާލޭގެ މަގު ހެދުމުގެ މަޝްރޫއާ ގުޅިގެން ދެ ޖަމިއްޔާއެއްގެ ކަންބޮޑުވުން

10 ޖަނަވަރީ 2024 - 13:37 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ވިލިމާލޭގެ މަތިން ނަގާފައިވާ ފޮޓޯއެއް: އެ ރަށަކީ ރާއްޖޭގައި އޮތް މީހުން ދިރިއުޅޭ ހަމައެކަނި އިކޯ ފްރެންޑްލީ ރަށް -- ފޮޓޯ: އަދަދު


ވިލިމާލޭގެ މަގު ހެދުމުގެ މަޝްރޫއާ ގުޅިގެން ދެ ޖަމިއްޔާއެއްގެ ކަންބޮޑުވުން

10 ޖަނަވަރީ 2024 - 13:37 0

ވިލިމާލޭގެ މަގުހެދުމުގެ މަޝްރޫއުއާ ގުޅިގެން އެ އަވަށުގައި ހަރަކާތްތެރިވާ ދެ ޖަމިއްޔާއަކުން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ވިލިމާލޭގައި ހަރަކާތްތެރިވާ ވިލި ޖޯލި އާއި ސޭވް ދަ ބީޗް ޖަމިއްޔާ ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި ބުނީ ވިލިމާލޭގެ މަގުތަކަކީ ރަނގަޅު ފެންވަރެއްގައި ތަރައްގީ ކުރެވިފައި ހުރި މަގުތަކެއް ކަމަށާއި އެ މަގުތަކުގެ ހާލަތު ދަށްވެފައި ވަނީ ގިނަ ދުވަސްތަކެއް ވަންދެން މަގުތައް މަރާމާތުނުކޮށް އޮތުމުން ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލު ކުރާ ގޮތުގައި މި ދަތިތައް ފިލުވުމަށްޓަކައި ބޭނުންވަނީ ވަކި ވަކި މަރާމާތުތަކެކެވެ. ޕޭވްމެންޓާއި މަގު އެއްވަރު ކުރުމާއި، ހަލާކުވެފައިވާ ކާނުތަކާއި މަގުގެ ބައިތައް މަރާމާތު ކުރުން ފަދަ ކަންކަމެވެ. ޕޭވްމަންޓަށް ގަސްގަހުގެ މޫގަނޑު އަރައިގެން އުފުލިފައި ހުންނަ ތަންތަން ރަނގަޅު ކުރުމަށްޓަކައި ގަސްތައް ކެނޑުމުގެ ބަދަލުގައި ތަރައްގީވެފައިވާ އެހެން ގައުމުތަކުގައި ވެސް ބޭނުންކުރާ ތަފާތު ގޮތްގޮތް ބޭނުންކޮށްގެން ގަސްތައް ހިމާޔަތްކުރުމަށް އަޅުގަނޑުމެން ވަރަށް ބޮޑަށް އެދެމެވެ." އެ ބަޔާނުގައި ވެ އެވެ.

އެ ބަޔާނުގައި އިތުރަށް ބުނީ މި މަހު ކުރީކޮޅު މެދުރާއްޖެތެރެއަށް ކުރި ވިއްސާރައިގައި މާލެ އާއި ހުޅުމާލެއަށް ބޮޑެތި ގެއްލުންތަކެއް ލިބުނު އިރު ވެސް ވިއްސާރައިގެ ސަބަބުން ވިލިމާލޭގައި ފެންބޮޑުވުމުގެ މައްސަލައެއް ދިމާވެފައި ނުވާކަން ފާހަގަކޮށްފައި ވެ އެވެ. އޭގެ ސަބަބެއްގެ ގޮތުގައި އެ ދެ ޖަމާއަތުން ފާހަގަކޮށްފައި ވަނީ ވިލިމާލޭގެ ގުދުރަތީ ވިލުންތެރިކަމުން ފޯރުކޮށްދޭ ރައްކާތެރިކަމެވެ.

ވިލިމާލޭގެ މަގުތައް ތަރައްގީ ކޮށްފައި ވަނީ ތިމާވެށްޓާ ރަހުމަތްތެރި އަދި އެއްގަމު އުޅަނދު ދުއްވުމަށް ވަކި މިންވަރެެއްގައި ކޮންޓުރޯލް ކޮށްފައި އޮންނަ ގޮތެއްގައިކަން ފާހަގަކޮށް އެ ބަޔާނުގައި ބުނެފައި ވަނީ ވިލިމާލޭގެ ރައްޔިތުން އެދެނީ މިހައިތަނަށް ހުރިހާ ސަރުކާރަކުން ވެސް ވިލިމާލެ ތަރައްގީ ކުރުމުގައި ގެންގުޅެފައިވާ "އިކޯ ފްރެންޑުލީ އައިލެންޑް" ކޮންސެޕްޓު މި ސަރުކާރުން ވެސް ދެމެހެއްޓުމަށް ކަމަށެވެ.

"ވިލިމާލޭ ރައްޔިތުން އެދެނީ ވިލިމާލޭގައި މިހާރު ގާއިމުކޮށްފައި ހުރި އަދި ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކޮށްދިނުމަށެވެ. މިހާރު ހުރި މަގުތައް މަރާމާތުކޮށް ޕެޑެސްޓްރިއަން ޕްރެންޑްލީ [ހިނގާ މީހުންނާ ރައްޓެހި] އަދި އެންމެންނަށް އެކްސެސިބަލް [ފަސޭހައިން ބޭނުންކުރެވޭ] މަގުތަކަކަށް ހެދުމަށެވެ." އެ ބަޔާނުގައި ބުނެފައި ވެ އެވެ.

ކޮންމެ ރަށަކީ ވެސް އެ ރަށެއްގެ ކެޕޭސިޓީ އަށްވުރެ ބޮޑަށް ބޭނުން ކުރެވޭ ރަށަކަށް ވެއްޖެނަމަ މާލޭގައި މިހާރު ދިމާވާ ހުރިހާ މައްސަލައެއް އެއިން ކޮންމެ ރަށެއްގައި ވެސް ދިމާވާނެ ކަމަށް އެ ބަޔާނުގައި ބުނެފައި ވެ އެވެ. އެހެންކަމުން ތިލަމާލެ ބުރިޖު އަޅައި ވިލިމާލެއާއި މާލެ ގުޅިގެންދާއިރު، ވިލިމާލޭގެ އަބާދީއާ އެކަށޭނެ ޕާކިންއެއް ހެދުމަށް އެ ބަޔާނުގައި ގޮވާލާފައި ވެ އެވެ.

ވިލިމާލެއަކީ މީހުން ދިރިއުޅުމަށް އެކަށީގެންވާ ރަށެއްގެ ގޮތުގައި ބޭއްވުމަށް އެ ރަށުގައި އުސްކޮށް އިމާރާތް ކުރުމުގެ ހުއްދަ ނުދިނުމަށް ވެސް އެ ބަޔާނުގައި ގޮވާލާފައި ވެ އެވެ.

ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް ހެދުމަށް ހަދަންޖެހޭ ޑިޒައިންއާއި ސާވޭ ހެދުމުގެ މަސައްކަތް ރޯޑު ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރްޑީސީ) އާ މިދިޔަ ބުރާސްފަތި ދުވަހު ވަނީ ހަވާލުކޮށްފަ އެވެ.

އެ މަސައްކަތުގެ ދަށުން ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރާނީ އެރަށުގައި ދިރިއުޅޭ ރައްޔިތުންގެ ހިޔާލު ހޯދައި ހަދަންޖެހޭ މަގުތައް ދެނެގަތުމަށް ފަހު ކަމަށް އިފްރާސްޓަރަކްޗާ މިނިސްޓަރު، ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެފައި ވެ އެވެ.

ވިލިމާލެއަކީ މުޅި ރާއްޖޭގައި ވެސް މީހުން ދިރިއުޅޭ ހަމައެކަނި އިކޯ ފްރެންޑްލީ ރަށެވެ. އެރަށުގައި ތެޔޮ އަންދާ ދުއްވާ އުޅަނދުފަހަރު ދުއްވުމާއި އުސްކޮށް އިމާރާތް ކުރުން އެއީ މަނާކަމެކެވެ. ނަމަވެސް ތިލަމާލެ ބުރިޖާއެކު އެކަންކަމަށް ބަދަލު އައުމުގެ ބިރު އުފެދިއްޖެ އެވެ.