Advertisement

ރައީސް އަޒުލުކުރަން އާޒިމް ވިދާޅުވުމުން މަހުލޫފުގެ ނުރުހުން: "މިހާއަވަހަށް ސަރުކާރު ވައްޓާލަން ދެކޮޅު"

9 ޖަނަވަރީ 2024 - 17:40 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު؛ ރައީސުލްޖުމްހޫރިއްޔާގެ ދައުރުގެ މިހާ ކުރީކޮޅު އަޒުލު ކުރުމާ ދެކޮޅުކަން ވިދާޅުވެއްޖެ - ފޮޓޯ: ހުސައިން ޝަޔާހް / އަދަދު


ރައީސް އަޒުލުކުރަން އާޒިމް ވިދާޅުވުމުން މަހުލޫފުގެ ނުރުހުން: "މިހާއަވަހަށް ސަރުކާރު ވައްޓާލަން ދެކޮޅު"

9 ޖަނަވަރީ 2024 - 17:40 1

ރައީސް ޑރ. މުހައްމަދު މުއިއްޒު އަޒުލު ކުރުުމުގެ ވާހަކަ ދަ ޑިމޮކްރެޓްސްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ދައްކަވަން ފެއްޓެވުމުން އެ ކަން ކުރުމާ ދެކޮޅަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީއަށް ނިސްބަތްވާ ކުރީގެ މިނިސްޓަރު އަހުމަދު މަހުލޫފު ވާހަކަ ދައްކަވައިފި އެވެ.

އާޒިމްގެ ރަސްމީ އެކްސް އެކައުންޓުން އެފަދަ ވާހަކައެއް ލިޔުއްވީ، ރާއްޖޭގެ ތިން ޑެޕިއުޓީ މިނިސްޓަރަކު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ސޯޝަލް މީޑިއާގައި މަލާމާތްކުރި މައްސަލަ ހޫނުވެފައި ވަނިކޮށެވެ. އާޒިމް ވިދާޅުވާ ގޮތުން، އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަޒުލު ކުރަން ޖެހޭ ވަރުގެ ކަމެކެވެ.

ކުރީގެ ޔޫތު މިނިސްޓަރު މަހުލޫފުގެ އެކްސް އެކައުންޓުން ކުރެއްވި ޓުވީޓެއްގައި ލިޔުއްވީ، ރައީސް މުއިއްޒުގެ ސަރުކާރަށް އަދި ފުރުނީ ދެ މަސް ކަމަށާއި އެހާ އަވަހަށް އެމަނިކުފާނު އަޒުލު ކުރުމަށް މަސައްކަތް ކުރުމަކީ ރާއްޖެއަށް އެންމެ ރަނގަޅު ތަރުތީބު ނޫން ކަމަށެވެ.

"ރައްޔިތުން އިންތިހާބުކޮށްފައިވާ ސަރުކާރެއް ގަދަބާރުން، ބަގާވާތަކުން ވައްޓާލުމާ ދެކޮޅު. އެއީ ދިވެހިރާއްޖެއަށް ރަނގަޅު ތަޖުރިބާއެއް ނޫން. އިންތިހާބުތަކަކީ ކުޅޭ ކުޅިވަރަކަށް ވެގެން ނުވާނެ،" މަހުލޫފު ލިޔުއްވާފައިވެ އެވެ.

ރައީސް މުއިއްޒުގެ ސަރުކާރަކީ، އާޒިމް ވެސް ނިސްބަތްވާ ޑިމޮކްރެޓްސްގެ ތާއީދާއެކު އައިސްފައިވާ ސަރުކާރެއް ނޫންތޯ ވެސް މަހުލޫފު ސުވާލުކުރެއްވި އެވެ. އެހެންވިޔަސް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޑިމޮކްރެޓްސްއިން އެއްވެސް ބަޔަކަށް ތާއީދުކޮށްފައެއް ނުވެ އެވެ.

މީގެ ކުރިން ވެސް ރައީސް މުއިއްޒު އަޒުލުކުރުމުގެ އަޑުތައް ގަދަވި އެވެ. އެ ވާހަކަތައް ފެށުނީ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަޒުލުކުރުން ކުރިއަށް ގެންދިއުމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ މާއްދާތައް އިސްލާހުކޮށް، އެ މަރުހަލާގެ ހަމަތަކާއި ތަރުތީބަށް ބަދަލު ގެނެސް، އެމްޑީޕީއިން އެކަން ފާސްކުރުމުންނެވެ.

ގެނައި އިސްލާހަކީ މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދުގެ ގޮތުގައި، އެ މަޖިލީހަށް އޭރަކު އިންތިހާބުވި މެންބަރުންގެ އަދަދުގެ ބަދަލުގައި އެ ވަގުތަށް މަޖިލީހުގައި ތިއްބެވި މެންބަރުންގެ އަދަދު ކަމަށް ބެލުމެވެ. އެ ގޮތަށް ބަދަލު ގެނައީ އަބަދުވެސް ރިޔާސީ އިންތިހާބަށް ފަހު ގިނަ މެންބަރުންތަކެއް ސަރުކާރާ ގުޅޭތީ، ދެމެދު ބައި އިލެކްޝަން ބާއްވާނެ މުއްދަތެއް ނެތުމުން ހުސްވެފައިވާ ގޮނޑިތަކެއް ހުންނާތީ އެވެ.

އެ އިސްލާހާއެކު ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރަން ދެން ބޭނުން ވާނީ 54 މެންބަރުންގެ ވޯޓެވެ. ކުރިން ނަމަ 58 މެންބަރުންގެ ވޯޓު ބޭނުން ވާނެ އެވެ. އޭރު އެމްޑީޕީގެ ޕީޖީ ގްރޫޕުގައި 56 މެންބަރުން ތިއްބެވެ.

ނަމަވެސް އެމްޑީޕީގެ 14 މަޖިލިސް މެންބަރަކު ސަރުކާރު ހިންގާ ޕީއެންސީއާ ގުޅުމާއެކު އެ ވާހަކަތައް ވަނީ މުޅީހެން މަޑުޖެހިފަ އެވެ. އޭގެ ފަހުންވެސް އެމްޑީޕީގެ މެންބަރަކު ވަނީ އެ ޕާޓީ ދޫކޮށް ޕީއެންސީއާ ގުޅިފަ އެވެ.

އެ މެންބަރުންތައް ޕާޓީއިން ވަކިވުމާއެކު، އެމްޑީޕީއިން ދެން ވަނީ ރައީސް އަޒުލުކޮށް މަގާމުން ވަކި ކުރަން އެ ޕާޓީން ނިންމާފައިނުވާ ކަމަށާއި އެކަމަށް މަސައްކަތް ވެސް ނުކުރާ ކަމަށް ބުނެފަ އެވެ.

މިހާރު އެމްޑީޕީގައި ތިބީ 42 މަޖިލިސް މެންބަރުންނެވެ. މަޖިލީހުގައި ޑިމޮކްރެޓުން ތަމްސީލުކުރާ 13 މެންބަރުން އެބަ ތިއްބެވެ. އެ ދެ ޕާޓީގެ މެންބަރުން އެއްކޮށްލުމުން އަދިވެސް އިސްލާހާއެކު ރައީސް އަޒުލުކުރަން ބޭނުންވާ 54 މެންބަރުންގެ އަދަދު ހަމަވާނެ އެވެ.