Advertisement

ވޮލީބޯލް އެސޯސިއޭޝަންގެ އާ ހިންގާ ގަވާއިދު "ޑިމޮކްރަޓިކް އުސޫލާ ހިލާފު" ކަމުގެ ޝަކުވާ!

9 ޖަނަވަރީ 2024 - 10:34 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު


ވޮލީބޯލް އެސޯސިއޭޝަންގެ އާ ހިންގާ ގަވާއިދު "ޑިމޮކްރަޓިކް އުސޫލާ ހިލާފު" ކަމުގެ ޝަކުވާ!

9 ޖަނަވަރީ 2024 - 10:34 0

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްްސް (ވީއޭއެމް) އިން ފާއިތުވި އަހަރުތަކުގައި ގާނޫނާ އެއްގޮތަށް ކަންކަން ކޮށްފައިނުވާތީ، އުވާލަން އިއުލާނުކުރި ޖަމިއްޔާގެ ލިސްޓަށް ވެސް އެ އެސޯސިއޭޝަން ވަނީ ލައިފަ އެވެ. އެކަމަކު، އެ ލިސްޓު ފަހުން ސައްހަ ނޫން ކަމަށް ޔޫތު މިނިސްޓްރީން ނިންމީ އެވެ. މިހާރު، ވޮލީ އެސޯސިއޭޝަނުން އިސްލާހުކޮށް ފާސްކުރަން އުޅޭ އަސާސީ ގަވާއިދު، "ޑިމޮކްރަޓިކް އުސޫލާ ހިލާފު" ކަމުގެ ޝަކުވާ ލިބޭ ކަމަށް އިއްޔެ، ކޮމިޝަނާ އޮފް ސްޕޯޓްސް، މުހައްމަދު ތޮޮލާލް ވަނީ ވިދާޅުވެފަ އެވެ.

ވޮލީބޯލް އެސޯސިއޭޝަން މައްސަލަތަކެއްގެ ތެރޭގައި އޮތުމަށް ފަހު، 2021 ވަނަ އަހަރު އިންތިހާބެއް ބާއްވައި، މުހައްމަދު ރަނޭޝް (ރަނޭ) ރައީސްގެ މަގާމަށް އިންތިހާބުވެފައިވަނީ، ދުނިޔޭގެ މައި ވޮލީބޯޅަ ފެޑެރޭޝަން، އެފްއައިވީބީގެ ވެސް ބައިވެރިވުމާ އެކު ބޭއްވި އިންތިހާބެއްގަ އެވެ. އެ އިންތިހާބު ބާއްވާތާ، 90 ދުވަސް ތެރޭ، ވޮލީ އެސޯސިއޭޝަންގެ ހިންގާ ގަވާއިދު އިސްލާހު ކުރަން އެފްއައިވީބީން އޮތީ ލަފާދީފަ އެވެ.

އެކަމަކު، އެއާ އެއްގޮތަށް އެކަމެއް ނުވިިއިރު، އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާ ނުބޭއްވި ވެސް ޖެހުނީ އަހަރު ގުނާށެވެ. އުވާލާ ޖަމިއްޔާތަކުގެ ލިސްޓަށް، ވޮލީ އެސޯސިއޭޝަން އައި ވެސް މި ސަބަބާ ހުރެ އެވެ.

ވޮލީ އެސޯސިއޭޝަނުން އެންމެ ފަހުން ބޭއްވި ދެ އަހަރީ އާންމު ޖަލްސާގެ މައުލޫމާތު ރަސްމީކޮށް މީޑިއާ އަށް ހިއްސާކޮށްފައިނުވެ އެވެ.

އެ ގޮތުން، ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހު ވޮލީ އެސޯސިއޭޝަނުން އަހަރީ އާންމު ޖަލްސާއެއް ބާއްވައި، އެސޯސިއޭޝަނުގެ އަސާސީ ގަވާއިދަށް ބަދަލުތަކެއް ގެނައިއިރު، 10 ދުވަސް ތެރޭ އެސޯސިއޭޝަންގެ އާ އިންތިހާބެއް ބާއްވަން ނިންމި އެވެ. އެ އިންތިހާބު ނުބޭއްވުނީ، އޭރު ހުރި ކޮމިޝަނާ އޮފް ސްޕޯޓްސް އެ ޖަލްސާ ބަލައިނުގަންނަން ނިންމުމުންނެވެ.

ކުރީގެ އެކްޓިން ކޮމިޝަނާ އޮފް ސްޕޯޓްސް އައިޝަތު ސަމާހު ވޮލީ އެސޯސިއޭޝަނަށް ފޮނުއްވި، ސިޓީގައި ވަނީ އެ ޖަލްސާ ބަލައިނުގަންނަން ނިންމި މައިގަނޑު ފަސް ކަމެއް ހާމަކޮށްދެއްވައިފަ އެވެ.

އެ ސިޓީގައި ހިމެނޭ ކަންކަމަށް ބަލާއިރު، ވޮލީ އެސޯސިއޭޝަނުންގެ ސައްހަ މެމްބަރުން ކަނޑައެޅުމުގައި އެފްއައިވީބީން އަންގާފައިވާ ގޮތަށް ރިއާޔަތްކޮށްފައިނުވުމާއި، ވޮލީ އެސޯސިއޭޝަނުން އަހަރީ އާންމު ޖަލްސާގައި ކަންކަން ކުރިއަށް ގެންދިޔަ ގޮތާއި، ހިންގާ ކޮމިޓީގެ ދައުރާއި، އަހަރީ އާންމު ޖަލްސާ އޮންނަ މުއްދަތުގެ ތެރޭގައި ބޭއްވުން ވެސް ހިމެނެ އެވެ. އޭގެ އިތުރުުން، ފާސްކުރަން ހުށަހެޅި އާ ބަދަލުތައް ހިމެނޭ ހިންގާ ގަވާއިދުގައި ކުޅިވަރު ޖަމުއިއްޔާތައް ރަޖިސްޓްރީކޮށް، ހިންގުމާ ބެހޭ ގަވާއިދާއި، އެސޯސިއޭޝަނުގެ ހިންގާ ގަވާއިދާ ހިލާފު ކަންތައްތަކެއް ފާހަގަވެފައިވެ އެވެ.

ވީއޭއެމް އިން އަލުން އަހަރީ އާންމު ޖަލްސާއެއް ބޭއްވީ، މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ. މި ޖަލްސާ އަށް ވެސް މީޑިއާ އަށް ދައުވަތު ދީފައިނުވެ އެވެ. އެކަމަކު، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އާއި ސްޕޯޓްސް ކޮމިޝަން އަދި ސެންޓްރަލް އޭޝިއަން ޒޯނަލް ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ އޮބްޒާވަރުން މި ޖަލްސާގައި ބައިވެރިވި އެވެ.

އެ ޖަލްސާގައި މި އަހަރަށް ވަނީ، 25 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފަ އެވެ.

ކްލަބްތަކުގެ ޝަކުވާ އަދިވެސް އެބަހުރި، ބަލަންޖެހޭ ކަންކަން ގިނަ

ސްޕޯޓްސް މިނިސްޓްރީން އިއްޔެ ޕީއެސްއެމް ރޭޑިއޯ ބިލްޑިންގެ ސެނެކޯ މާލަމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، "އަދަދު" އިން ކުރި ސުވާލެއްގެ ޖަވާބުގައި، ކޮމިޝަނާ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލް ވިދާޅުވީ ވޮލީބޯލް އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާ ދާދި ފަހުން ބާއްވާފައިވާ ކަމަށެވެ.

އެހެން ނަމަވެސް، އަދިވެސް ވޮލީ އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާ ބޭއްވިފައިވަނީ އެންމެ ރަނގަޅަށް ނޫން ކަމުގެ ޝަކުވާތަކެއް ކްލަބްތަކުގެ ފަރާތުން ލިބެމުން އަންނަ ކަމަށް ތޮލާލް ވިދާޅުވި އެވެ.

"ހިންގާ ގަވާއިދަށް ގެނެވުނު އިސްލާހުތަކުގެ ތެރޭގައި އެސޯސިއޭޝަންގައި ވަރަށް ބޮޑަށް އެ ޑިމޮކްރަޓިކް އުސޫލުތަކާ ހިލާފަށް ކަންތައްތަކެއް ބައްޓަންވެގެންދާ ކަހަލަ ގޮތަކަށް ފާސްވެގެން ގޮސްފައި އޮތް ހިންގާގަވައިދެއްގެ ޝަކުވާ އަޅުގަނޑުމެންނަށް ވަނީ ލިބިފައި،" ތޮލާލް ވިދާޅުވި އެވެ.

މި ގޮތަށް ގޯސްކޮށް ހުރި ކަންކަން ރަނގަޅު ކުރުމަށް ވޮލީ އެސޯސިއޭޝަނާ އެކު ވާހަކަ ދައްކައި، އެހެން ހުރި މައްސަލަތައް ހައްލުކުރެވޭތޯ ބަލާނެ ކަމަށް ތޮލާލް ވިދާޅުވި އެވެ.

މީގެ އިތުރުން، ވޮލީބޯލް އެސޯސިއޭޝަންގެ ކޮންގްރެސްގައި ބައިވެރިވި ކްލަބްތަކުގެ ސައްހަކަމާ މެދު އުފެދޭ ސުވާލުތަކެއް ވެސް ވަނީ ކުރިމަތިވެފަ އެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ތޮލާލް ވާހަކަ ދައްކަވަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ތޮލާލް ވިދާޅުވީ ބަލަން ޖެހޭ ކަންކަން ވީ އެންމެ ރަނގަޅަށް ބެލުމަށް ފަހު ނޫނީ ކުރިއަށްދާނެ ގޮތެއް ކަނޑަނާޅާނެ ކަމަށެވެ.

"އަޅުގަނޑުމެން މި ބަލަނީ ވޮލީބޯލް އެސޯސިއޭޝަން ވެސް މިހާރު މި އިސްލާހު ކުރެވޭ ހިންގާ ގަވާއިދާއި، އޭރު 2021 ވަނަ އަހަރު އެފްއައިވީބީން ވެސް އިންސްޓްރަކްޓް ކޮށްފައި އެބައޮތް 90 ދުވަހުގެ ތެރޭގައި، ހިންގާ ގަވާއިދު އަލުން އެކުލަވާލައި، ރަނގަޅަށް އެސޯސިއޭޝަން ފަކްޝަންކުރަން،" ތޮލާލް ވިދާޅުވި އެވެ.

ވޮލީ އެސޯސިއޭޝަނުން އަސްލު އެ މަސައްކަތް ކުރަން ޖެހޭ މުއްދަތުގައި އެކަން ނުކުރެވި އޮވެ، މިހާރު އެ މަސައްކަތް ފަށައިގެން އުޅޭއިރުގައި، އޭގެ ތެރޭގައި އުޅޭ މައްސަލަތައް ގިނަ ކަމަށް ތޮލާލް ވަނީ ފާހަގަކުރައްވައިފަ އެވެ.

"ކްލަބްތަކުން އެބަ އާދޭ ޝަކުވާ ކްލަބްތަކުގެ ބައިވެރިވުން ނެތި އެކަން ކުރީމާ ހިންގާ ގަވާއިދު އިސްލާހު ކުރީމަ، މީގެ ތެރޭގައި 2021 ވަަނަ އަހަރު އެފްއައިވީބީން ވަރަށް ސާފުކޮށް ބުނެފައި އެބަ އޮވޭ. ބައެއް ކްލަބްތަކަކީ ކޮންގްރެސް އަށް އިންފްލުއެންސް ކުރަން (ނުފޫޒު ފޯރުވަން) ވެގެން އުފައްދާފައި ހުރި ޕޭޕަ ކްލަބްތަކެއް ކަމަށްވާތީ، އެ ކްލަބްތައް ނުލައި، ކޮންގްރެސް ކުރިއަށްދިއުމަށް އިންސްޓްރަކްޓް ކޮށްފައި އެބަހުރި، މިއީ އަޅުގަނޑުމެން ބަލަން ޖެހޭ ކަންތަައްތަކެއް،" ހުރި މައްސަލަތަކަށް އިޝާރާތްކޮށް ތޮލާލް ވިދާޅުވި އެވެ.

ތޮލާލް ވިދާޅުވީ ސިޓީއެއް ފޮނުވައި، ވޮލީ އެސޯސިއޭޝަނަށް އަންގާފައިވާނީ އެފްއައިވީބީން 2021 ވަނަ އަހަރު ކަނޑައެޅި ކްލަބްތަކާ އެއްކޮށް، މި އާސާސީ ގަވާއިދު އިސްލާހު ކުރުމުގެ ކަންކަން ކުރިއަށްގެންދިއުމަށް ކަމަށެވެ. އެއީ އެންމެ ރަނގަޅަށް އިންސާފުގެ މަގުން ކަންކަން ކުރެވެން އޮތީ އެ ގޮތަށް އަސާސީ ގަވާއިދު ފާސްކޮށްގެން ކަމަށް ތޮލާލް އަށް ގަބޫލުކުރެވޭތީ އެވެ.

"އަދިވެސް ހަގީގަތުގައި އަޅުގަނޑުގެ ސްޓޭންޑަކީ އެއީ. ދެން އިތުރަށް ފެންމަތިވާ ކަންތައްތައް ބަލައި، ގާނޫނީ ލަފާ ހޯދައިގެން ކުރިއަށްދާނީ،" ތޮލާލް ވިދާޅުވި އެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި، ކޮމިޝަނާ އޮފް ސްޕޯޓްސް، ތޮލާލް ވަނީ ވޮލީ އެސޯސިއޭޝަން އޮޑިޓެއް ކުރުމަށް ވެސް އަންގައިފަ އެވެ.

ފާސްކުރަން މަސައްކަތްކުރާ އަސާސީ ގަވާއިދުގައި ހުރި ބައެއް ކަންބޮޑުވުންތައް

ވޮލީބޯލް އެސޯސިއޭޝަން އާ ހިންގާ ގަވާއިދުގައި ހުރި ކަންބޮޑުވުން ފާޅުކޮށްފައިވާ ކަންތައްތަކަށް ބަލާއިރު، މެމްބަރުންގެ ތެރޭގައި ދިމާވާ މައްސަލަތައް ހައްލުކުރުމުގައި، ކޮމިޝަނާ އޮފް ސްޕޯޓްސްގެ ދައުރެއް ނެތެވެ. އެ ގޮތުން، މެމްބަރުންގެ މެދުގައި ޖެހޭ މައްސަލައެއް ފުރަތަމަ ލީގަލް ކޮމިޝަނަށް ހުށަހެޅުމަށް ފަހު، އެ ކޮމިޝަނުގެ ނިންމުން، އިސްތިއުނާފުކުރަން ދާން އޮތީ އެޕީލްސް ކޮމިޝަނަށެވެ. އެޕީލްސް ކޮމިޝަނުގެ ނިންމުން އިސްތިއުނާފް ކުރަން ދެވެން އޮންނަ ހަމައެކަނި ތަނަކީ، އެފްއައިވީބީ އެވެ.

މީގެ އިތުރުން، އާ އަސާސީ ގަވާއިދު ބުނާގޮތުން، ވޮލީ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ މެމްބަރުންގެ ޖުމްލަ އަދަދަކީ 15 އެވެ. އެއީ، އެކްސް އޮފިޝިއޯ ހަތް މެމްބަރުންނާއި ހިންގާ ކޮމިޓީގެ ހަ މެމްބަރުންގެ އިތުރުން ޖެނެރަލް ސެކްރެޓަރީ އާއި ޓްރެޝަރާ ހިމެނޭނެ އެވެ.

ހިންގާ ކޮމިޓީގެ، އެކްސް އޮފިޝިއޯ ހަތް މެމްބަރުންނަކީ ރައީސް ހިމެނޭ ގޮތަށް، ދެން ހަ ނައިބު ރައީސް (އެއް ސީނިއާ ނައިބު ރައީސް ހިމެނޭ ގޮތަށް) އެވެ. އެކްސް އޮފިޝިއޯ މެމްބަރުން ހޮވަން ޖެހޭ ގޮތަށް އޮތީ ޓީމެއްގެ ގޮތުގައި ކުރިމަތިލައިގެން، ހޮވޭ ސިއްރު ވޯޓަކުންނެވެ. މީގެ އިތުރުން، ހިންގާ ކޮމިޓީގެ ހަ މެމްބަރުން (މަދުވެގެން އެއް އަންހެން މެމްބަރު ހިމެނޭ ގޮތަށް) ހޮވަނީ ވަކިވަކިން ކުރިމަތިލެވޭ ގޮތަށް ނެގޭ ވޯޓެއްގަ އެވެ.

މިހާރު މި އޮތް އާސާސީ ގަވާއިދު އެކުލެވިފައި އޮތް ގޮތުން، އެސޯސިއޭޝަނުގައި ވޯޓް ލެވޭ ސައްހަ މެމްބަރުން ކްލަބްތަކުގެ އަދަދަށް ވުރެ، ހިންގާ ކޮމިޓީގައި މެމްބަރުން ގިނަވުމުގެ ފުރުސަތު ބޮޑެވެ.

މީގެ އިތުރުން، އާ އަސާސީ ގަވާއިދުގައި ރައީސް އަށް ލިބޭ ބާރުތައް ވެސް ބޮޑެވެ. އެ ގޮތުން، ހިންގާ ކޮމިޓީގައި ވޯޓު ވެސް ލެވޭ ގޮތަށް އައްޔަންކުރާ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް މީހަކު އައްޔަން ކުރުމުގެ ބާރު އޮތީ ސީދާ ރައީސް އަތުގަ އެވެ. މި ގޮތުން، ރައީސް އަތުގައި އޮތް އެހެން ބާރުތަކަށް ބަލާއިރު، ގައުމީ ޓީމުތަކަށް އޮފިޝަލުން އައްޔަން ކުރާނީ ރައީސް ކަމަށް އެބައޮތެވެ.

މީގެ އިތުރުން، ކޮންގްރެސް އާއި ހިންގާ ކޮމިޓީގެ ޖަލްސާތަކުގައި ފާސްކުރުމަށް މެމްބަރުން ހުށަހަޅާ ކަންތައްތަކަކީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާއި ހިލާފުވާ ކަހަލަ ކަމެއް ނުވަތަ ރާއްޖޭގެ ވޮލީބޯޅަ އަށް ގެއްލުމެއް ލިބިދާނެ ފަދަ ކަމެއް ކަމުގައި ރައީސް އަށް ފެންނަނަމަ އެ ކަމެއް ވީޓޯ ކުރުމުގެ ބާރު ރައީސަށް ލިބިގެންވެ އެވެ.