Advertisement

ކުޅިވަރާއި ބެހޭ ވުޒާރާގައި 160 މިލިއަން ރުފިޔާގެ ދަރަނި

8 ޖަނަވަރީ 2024 - 21:39 0

އަތޫފް އާތިފް

އަތޫފް އާތިފް

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މިނިސްޓަރު، ރާފިއު ވާހަކަ ދައްކަވަނީ.---- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ކުޅިވަރާއި ބެހޭ ވުޒާރާގައި 160 މިލިއަން ރުފިޔާގެ ދަރަނި

8 ޖަނަވަރީ 2024 - 21:39 0

މިދިޔަ ސަރުކާރު ނިމި މި ސަރުކާރުން ކުޅިވަރާ ބެހޭ ވުޒާރާ އަށް ވަން އިރު އެ ވުޒާރާގައި 160 މިލިއަންގެ ދަރަންޏެއް އޮތް ކަމަށް، މި ސަރުކާރުގައި ކުޅިވަރަށް ހާއްސަކޮށް ހެދި މިނިސްޓްރީގެ ވަޒީރު އަބްދުﷲ ރާފިއު (ރާއްޕެ) ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރާފިއު ވިދާޅުވީ, ކުޅިވަރާ ބެހޭ ވުޒާރާއާ މި ސަރުކާރުން ހަވާލުވިއިރު, 232 ޕްރޮޖެކްޓް ފަށާފައިވާ ކަމަށެވެ. އެކަމަކު، މި ޕްރޮޖެކްޓްތައް ފައިސާގެ ދަތިކަމާއެކު ހުއްޓިފައި ހުރި ކަމަށް ރާފިއު ވިދާޅުވި އެވެ.

މިދިޔަ ސަރުކާރުގައި ކުޅިވަރާ ބެހޭ ކަންކަން އޮތީ ޔޫތު މިިނިސްޓްރީގެ ތެެރެއިންނެވެ. ކުޅިވަރަށް ހާއްސަ ވަކި މިނިސްޓްރީއެއް އުފެއްދީ މި ސަރުކާރުންނެވެ.

ރާފިއު ވިދާޅުވީ, މިދިޔަ ހަ ހަފްތާގެ ތެރޭގައި ކުރެވުނު މަސައްކަތް ތަކުން ކުޅިވަރާ ބެހޭ ވުޒާރާގެ ދަރަނީގެ ތެރެއިން 125 މިލިއަން ރުފިޔާގެ ދައްކާފައިވާ ކަމަށެވެ. އަދި މީގެ ސަބަބުން މި ވަގުތު ހުއްޓިފައި ހުރި ޕްރޮޖެކްޓްތަކުގެ ތެރެއިން 64 ޕޮރޮޖެކްޓް ފެށިފައިވާ ކަމަށް ރާފިއު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ބިލް ކުރެވިފައި އޮތީ 160 މިލިއަން ރުފިޔާގެ ދަރަނި. އެހެން ނަމަވެސް މިދިޔަ ހައެއްކަ ހަފުތާގެ ތެރޭ, އަޅުގަނޑުމެން 125 މިލިއަން ވަނީ ދައްކާފައި. އޭގެ ސަބަބުން މި ވަގުތު އަޅުގަނޑުމެންނަށް 64 ޕްރޮޖެކްޓް ވަނީ ފެށިފައި." ރާފިއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދަރަނީގެ އެއްބައި ހަމަޖެއްސީ، ސަޕްލިމަންޓްރީ ބަޖެޓުން ކަމަށާއި, ދަރަނީގެ އަނެއް ބަޔަކީ މި އަހަރަށް ކަނޑައެޅި ބަޖެޓުން ދައްކާފައިވާ ފައިސާ ކަމަށެވެ.

މި ފައިސާ އަކީ އަސްލު ބިލްކުރެވިފައި ހުރި އެއްޗައްސަށް ފިނޭންސް މިނިސްޓްރީން ހަމަޖައްސަވާފައި ހުރި ފައިސާ -- މިނިސްޓަރު ރާފިއު

މިކަމާއި ގުޅިގެން މިދިޔަ ސަރުކާރުގެ ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހުލޫފް "އަދަދަށް" ވިދާޅުވީ, ކުޅިވަރުގެ ބައިވަރު މަސައްކަތް މިދިޔަ ދައުރު ފެށިގެން ގޮސްފައިވާ ކަމަށާއި މި ޕްރޮޖެކްޓްތަކުގައި ފުދޭވަރަކަށް ބޮޑު އަދަދެއް އުޅޭނެ ކަމަށެވެ.

"ފުދޭ ވަރަކަށް ބޮޑު އަދަދެއް އުޅޭނެ ކުރިއަށްދިޔަ ޕްރޮޖެކްޓްތަކުގައި އަޅުގަނޑު ހަނދާން ވަނީ 120 (މިލިއަން) ވަރު" މަހުލޫފް ވިދާޅުވި އެވެ.

"ހަފްތާ 14" ގެ ގިނަ ކަންކަން ފެށުމަށް ތައްޔާރުވެފައި

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ މި ސަރުކާރުގެ ފުރަތަމަ 14 ހަފުތާގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާ ކުޅިވަރުގެ ޕްރޮޖެކްޓުތަކުގެ އެންމެ ފަހުގެ މައުލޫމާތުވެސް ދީފަ އެވެ.

އެ ގޮތުން ކުޅިވަރާ ބެހޭ ވުޒާރާއިން ހަފުތާ 14 ގެ ތެރޭގައި ކުރުމަށް ހަތް ކަމެއް ނިންމާފައި ވެއެވެ. އޭގެ ތެރެއިން ގިނަ ކަންކަމުގެ މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވި އެވެ.

އެގޮތުން މާލެ ސަރަހައްދުގައި ގާއިމުކުރާ ފުޓްސަލް ކޮމްޕްލެކްސް އާއި ނެޓްބޯލް ކޮމްޕްލެކްސް މަސައްކަތް ފެށުމަށް ވަނީ ތައްޔާރުވެފައި ކަމަށް ރާފިއު ވިދާޅުވި އެވެ. އަދި މި ދެ ކޮމްޕްލެކްސް މަސައްކަތް ބިން ހަމަ ޖެހުނުހާ އަވަހަށް ފެށިގެން ދާނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން ގައުމީ އަދި ބައިނަލްއަގްވާމީ މުބާރާތްތަކުގައި ސިއްހީ ހިދުމަތް ފޯރުކޮށް ދިނުމުގެ މިންގަނޑު އެކުލަވާލުމުގެ މަސައްކަތުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން މޯލްޑިވްސް އޮލިމްޕިކް ކޮމެޓީއާ އެކު މިހާރުވެސް މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށް ރާފިއު ވިދާޅުވި އެވެ.

ކުޅިވަރުގެ ދާއިރާއިން ހަފުތާ 14 ގައި ހިމެނޭ ބައެއް ކަންކަން ގެޒެޓުގައި ހިމެނިގެން ކުރިއަށްދާއިރު، އެ މަސައްކަތްތައް ވެސް ތާވަލާ އެއްގޮތައް ކުރިއަށް ދާނެ ކަމުގެ ޔަގީންކަން ރާފިއު ވަނީ ދެއްވައިފަ އެވެ.