8 ޖަނަވަރީ 2024 - 17:52 0
އަތޫފް އާތިފް
ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ރިޔާޒް (ރިޔާ): މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
8 ޖަނަވަރީ 2024 - 17:52 0
ނިމިދިޔަ، ސަރުކާރުގެ ކުޅިވަރާ ބެހޭ ވަޒީރު، އަހުމަދު މަހުލޫފް، އިސްވެ ހުންނަވައި ފެށި، "އަރުތަ" ޕްރޮގްރާމް އަކީ ރަނގަޅު އުސޫލެއް ނެތި ފެށިފައިވާ ކަމެއް ކަމަށާއި، އެކަން ރިވިއު ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުން ކަމަށް ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ރިޔާޒް (ރިޔާ) ވިދާޅުވެއްޖެ އެވެ.
ރިޔާޒް، މި ގޮތަށް ވިދާޅުވީ، ސްޕޯޓްސް މިނިސްޓްރީން މިއަދު ޕީއެސްއެމް ރޭޑިއޯ ބިލްޑިންގެ ސެނެކޯ މާލަމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، "އަދަދު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިދިޔަ ސަރުކާރުން، 30 މާޗް 2023 ވަނަ ދުވަހު، "އަރުތަ" ސްކޮލަޝިޕް ޕްރޮގްރާމްގެ ނަމުގައި، އެތުލީޓުންނަށް ފުުރުސަތު ހޯދައިދޭން، އާ ކަމެއް ފެށިއިރު، އުސޫލެއް އާންމުކުރި އެވެ.
ސަރުކާރުން ފެށި "އަރުތަ" ޕްރޮގްރާމްގެ ދަށުން އެތުލީޓުންގެ ތަމްރީނުތަކަށާއި އަދި އެ ނޫން ވެސް ބޭނުން ތަކަށް "އަރުތަ" ޕްރޮގްރާމްގެ ދަށުން ވަނީ މާލީ އެހީތެރިކަން ދީފަ އެވެ. އެ ގޮތުން "އަރުތަ" ޕްރޮގްރާމްގައި މި ވަގުތު 50 އަށް ވުރެ ގިނަ އެތުލީޓުން ވަނީ ހިމަނައިފަ އެވެ.
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ކުރީގެ ރައީސް، ރިޔާޒް ވިދާޅުވީ, "އަރުތަ" ޕްރޮގްރާމް އަކީ ވަރަށް އުނދަގޫ މަރުހަލާއެއްގައި އޮތް ކަމެއް ކަމަށެވެ.
"އެއްވެސް ކަހަލަ އުސޫލެއް ހަމައެއް ނެތި އޮތް ޕްރޮގްރާމެއް އަރުތަ ޕްރޮގްރާމް އަކީ. އަޅުގަނޑުމެން ވާހަކަ ދެއްކި އެސޯސިއޭޝަންތަކުން ފާހަގަ ކޮށްފައިވަވޭ އެކަންވެސް" ރިޔާ ވިދާޅުވި އެވެ.
ރިޔާޒް ވިދާޅުވީ، "އަރުތަ" ޕްރޮގްރާމްގެ ދަށުން ކުޅުންތެރިންގެ ތަމްރީނުތަކަށާއި, މުބާރާތްތަކަށް ހަރަދު ކުރާނެ ގޮތެއް ލިޔެވިފައިނުވާ ކަމަށެވެ. އަދި މި ޕްރޮގްރާމް ހިންގަމުން އައީ ކުޅިވަރާ ބެހޭ ވުޒާރާ އަށް ފެންނަ އެތުލީޓުންނަށް ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ. އޭގެ އަށް އެންމެ ބޮޑަށް ބާރު ލިބޭ ކަމަކީ، އެސޯސިއޭޝަނުން މިހާރު އޮތް ގޮތަށް "އަރުތަ" ޕްރޮގްރާމް ގެންދަން ބޭނުންނުވުން ކަމަށް ރިޔާޒް ވިދާޅުވި އެވެ .
"އަރުތަ" ޕްރޮގްރާމްގައި 2022 ވަނަ އަހަރު ނިމޭއިރު ކޮންޓްރެކްޓް ހަމަވާ, ތިބީ 22 ކުޅުންތެރިންނެވެ. އެކަމަކު، އޮކްޓޫބަރުގައި ކޮންޓްރެކްޓް އާ ކޮށް، "އަރުތަ" ޕްރޮގްރާމްގައި 54 އެތުލީޓުން އެބަތިބި ކަމަށް ރިޔާޒް ވިދާޅުވެފައިވެ އެވެ.
ކޮންޓްރެކްޓް އާ ކޮށްފައިވަނީ އެކިއެކި ކުޅުންތެރިންނަށް އެކި ލެވަލް އަށް އެއްވެސް އުސޫލެއް ނެތް ގޮތަށް ކަމަށް ވެސް ރިޔާޒް ވަނީ ވިދާޅުވެފަ އެވެ.
މިހާރު (އެތުލީޓުންނާ އެކު ހެދިފައި) ހުރި އެގްރީމަންޓްތަކަށް އަޅުގަނޑުމެން އޮނާ (އިހުތިރާމް) ކުރާނަން. އެކަމަކު، މިއީ ރިވިއު ކުރަން ޖެހޭ ކަމެއް -- ރިޔާޒް
ރިޔާޒް ވިދާޅުވީ މިހާރު ހުރި އެގްރީމަންޓްތަކަށް އިހުތިރާމް ކުރާނެ ކަމަށާއި, އެހެން ނަމަވެސް ކުރިއަށް އޮތް ތަނުގައި މި ޕްރޮގްރާމް ރިވިއު ކުރެވިގެންދާނެ ކަމަށެވެ.
"އަރުތަ" ޕްރޮގްރާމްގަިއ ބައިވަރު މައްސަލަތަކެއް ހުރިކަން ފާހަގަކުރައްވާ ރިޔާޒް ވިދާޅުވީ, މި ޕްރޮގްރާމްގައި ކުޅުންތެރިންނަށް ހަމަހަމަކަން ނެތުމާއި, އެއްވެސް އުސޫލެއް ނެތުމާއި, މި ޕްރޮގްރާމްގެ ދަށުން ސްޕޮންސާޝިޕް ލިބެނި ކޮން ކުޅުންތެރިންނަކަށް ކިހިނެއްތޯ ނޭނގުން ހިމެނޭ ކަމަށެވެ.
އެ ގޮތުން ބަލާއިރު، "އަރުތަ" ޕްރޮގްރާމް ދީފައި ހުރީ ކުޅިވަރު އެސޯސިއޭޝަންތަކާ މާ ބޮޑު ބައިވެރިވުމެއް ނެތި، މިނިސްޓްރީން ބޭނުންވާ ވަކި އެތުލީޓުންނަށް ދޭ ގޮތަށް ކަމަށް ރިޔާޒް ވިދާޅުވެފައިވެ އެވެ.
ރާއްޖޭގެ ކުޅިވަރުގެ މުސްތަގްބަލްގެ އާ ޖީލު ބިނާކުރުމަށް "އަރުތަ" ޕްރޮގްރާމްގެ ނަމުގައި ޚާއްސަ ޕްރޮގްރާމެއް ރަސްމީކޮށް ފެށީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ. އެކަމަކު، ރަސްމީކޮށް ލޯންޗު ކުރުމުގެ ކުރިން ވެސް މި ޕްރޮގްރާމްގެ ދަށުން ގިނަ އެތުލީޓުންތަކެއް ވަނީ ތަމްރީނު ހަދައިފަ އެވެ. "އަރުތަ" ޕްރޮގްރާމް ފެށުނުއިރު ވެސް އޭގެ ތެރެއިން ކަންކަން ކުރަމުން އަންނަ ގޮތާ މެދު ގިނަ ފަރާތްތަކުގެ ކަންބޮޑުވުންތަކެއް ހުރި އެވެ.
"އަރުތަ" ސްކޮލަޝިޕް ޕްރޮގްރާމްގެ ނަމުގައި، އެތުލީޓުންނަށް ފުުރުސަތު ހޯދައިދޭން، އާ ކަމެއް، މިދިޔަ އަހަރު ފެށިއިރު، ފުރަތަމަ އުސޫލެއް އާންމުކުރި އެވެ. އެ ގޮތުން، ޕްރޮގްރާމްގެ މަގުސަދާއި ޝަރުތާއި ސްކޮލަޝިޕަށް ކުރިމަތިލުމާއި ޕްރޮގްރާމް ފުރިހަމަ ކުރުމާއި ކަނޑައެޅޭނެ ފައިސާގެ އިތުރުން، މިނިސްޓްރީ އާއި އެސޯސިއޭޝަންގެ ޒިންމާ، އެ އުސޫލުގައި ހިމަނާފައިވެ އެވެ. އެކަމަކު، އޭރު ވެސް އެންމެ ބޮޑު ކަންބޮޑުވުމަކީ، އުސޫލު އެ ގޮތަށް އޮތް ނަމަވެސް މީގެ ދެ ފުށް ފެންނަ ގޮތަކަށް ހުރިހާ ފަރާތަކަށް މައުލޫމާތު ފޯރުކޮށްދީފައިނުވާތީ އެވެ.
Comment