"އަރުތަ": ކުޅިވަރުގެ ހަމަހަމަކަން އޮވެ، ދެފުށް ފެންނަންޖެހޭ!

"އަރުތަ": ކުޅިވަރުގެ ހަމަހަމަކަން އޮވެ، ދެފުށް ފެންނަންޖެހޭ!

ދުނިޔޭގެ ފެންވަރުގެ އެކި މުބާރާތްތަކުން ދިވެހި ޓީމުތަކާއި ކުޅުންތެރިން އެކި ކާމިޔާބީތައް ހޯދަން ބަލާއިރު އެންމެން ވެސް ދައްކާ އެއް ވާހަކަ އަކީ ރަނގަޅު ތަމްރީންތަކެއް ނުލިބޭ ވާހަކަ އާއި ތަމްރީން ހަދަން އަމިއްލަ ފަސްގަނޑުގައި ރަނގަޅު ވަސީލަތްތަކުގެ މަދުކަމުގެ ވާހަކަ އެވެ. މި ވާހަކައާ ގުޅުވާފައި ދެން ދެކެވޭ ވާހަކައަކީ ރާއްޖޭ އިން ބޭރުގައި ރަނގަޅު ތަމްރީންތަކެއް ހަދަން އެކަށީގެންވާ ބަޖެޓެއް ނޯންނަ ވާހަކަ އެވެ. މިއީ ކޮޅެއް މެދެއް ނެތް މިންވަރަށް އަބަދުވެސް ދެކެވޭ ވާހަކަ އެކެވެ.

މިކަން ކަމަށް ހައްލެއް ހޯދައިދިނުމަށް ވޭތުވެދިޔަތަނުގައި ފެނިގެންދިޔަ އެކި ސަރުކާރުތަކުން އެކި ޕްރޮގްރާމްތައް ލޯންޗްކޮށް މަސައްކަތްކުރި އެވެ. އެންމެ ބޮޑަށް ފާހަގަކޮށްލެވުނީ މިހާރުގެ ސަރުކާރުން ކުޅުންތެރިންނާ ޓީމްތަކުގެ ތަމްރީންތަކަށް ހޭދަކުރާ ނިސްބަތް އިތުރު ކަމެވެ. އެ ގޮތުން ބޮޑެތި މުބާރާތްތަކާ ގާތްކޮށް ޓީމްތަކަށް ތަމްރީން ފުރުސަތު ހޯދައިދީ އެކަމަށް ބޭނުންވާ ފައިސާ ހަމަޖައްސައިދީފައިވެ އެވެ. އޭޝިއާ އިން ބޭރަށް ޔޫރަޕާ ހަމައަށް ވެސް ދިވެހި އެތުލީޓުންގެ ތަމްރީން ދަތުރުތައް ފޯރައިފި އެވެ.

Advertisement

އެއާ ގުޅިގެން ދެން ފެނުނީ އެކި ކުޅިވަރުތަކުން ކާމިޔާބީތައް ހޯދަން ފެށިތަނެވެ. ކުޅުންތެރިން ކާމިޔާބީ ހޯދަން ފެށި ތަނެވެ. އެތައް މެޑަލްތަކެއް ހޯދައި، އިތުރު ހަރުފަތަކަށް ދިވެހި ކުޅިވަރުތައް މިސްރާބު ޖެހިތަނެވެ. މި ދަނޑިވަޅުގައި އެސޯސިއެޝަންތަކުންނާއި ކުޅުންތެރިންގެ އެންމެ ބޮޑު ޝަކުވާއަކަށްވީ ކުޅިވަރު ކުޅުމަށް އެކަނި ހުސްވެ ހުރެ މިކަން ކުރެވޭނެ އިންތިޒާމްތަކެއް ހަމަޖެއްސުމެވެ. އެކަމަށް ހައްލެއް ގެނައުމަށް މިނިސްޓްރީން ދާދި ފަހުން ތައާރަފްކުރީ "އަރުތަ" ޕްރޮގްރާމް އެވެ.

އަރުތަ ޕްރޮގްރާމްގެ ދަށުން މިހާތަނަށް ޓޭބަލް ޓެނިސް، އެތުލެޓިކްސް، ސްވިމިން، ޓެނިސް، ބެޑްމިންޓަން އަދި ބީޗްވޮލީބޯޅަ ކުޅުންތެރިން ވަނީ ސޮއިކޮށްފަ އެވެ. މި ކުޅުންތެރިންނަށް ކޮންމެ މަހަކުވެސް ތަމްރީންތަކާ އެހެނިހެން ކަންކަމަށް ސަރުކާރުން ހަރަދުކުރާނެ އެވެ. އެކި ކުޅިވަރަށް އެކި ވަރަށެވެ.

"އަރުތަ" ޕްރޮގްރާމްގެ ތެރެއަށް ސޮއިކުރެވޭ އެތުލީޓުންގެ މައިގަނޑު ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ އުމުރުން 12 އަހަރާއި 35 އަހަރާ ދެމެދުގެ ގައުމީ ފެންވަރުގައި ރާއްޖެ ތަމްސީލްކުރަމުން އަންނަ އެތުލީޓެއް ކަމުގައިވުމާއި ގައުމީ ފެންވަރުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ އެތުލީޓެއް ކަމުގައިވުމެވެ.

މިހާތަނަށް ޕްރޮގްރާމަށް ސޮއިކުރީ އުއްމީދީ ދުވުންތެރިޔާ އިބާދުﷲ އާދަމް، ގައުމީ ބީޗްވޮލީބޯޅަ ޕެއާއެއް ކަމަށްވާ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް)، ގައުމީ ފެތުންތެރިޔާ، 15 އަހަރުގެ އީން އައްބާސް ޝަރީފް އަދި 14 އަހަރުގެ ޓެނިސް ކުޅުންތެރިޔާ އާރާ އާސާލް އާޒިމް އެވެ. މީގެ އިތުރުން ބެޑްމިންޓަންގެ ދެ ތަރިންކަމަށްވާ ފާތިމަތު ނަބީހާ އާއި އާމިނަތު ނަހާބާ އަށްވެސް ވަނީ އަރުތަ ޕްރޮގްރާމްގެ ދަށުން ތަމްރީންވުމުގެ ފުރުސަތު ދީފަ އެވެ.

މި އެތުލީޓުންގެ ތެރެއިން އިބާދުﷲ އަކީ ގައުމީ ފެންވަރުގައި މިވަގުތު އެންމެ ބާރަށް ކުރިއަރަމުން އަދި ކާމިޔާބު ހޯދަމުން އަންނަ ދުވުންތެރިއެކެވެ. ކުޑަކާއްޓޭ އާއި އެޑަމްގެ ކާމިޔާބީގެ ލިސްޓު ދިގެވެ. ވޮލީގެ ތާރީހުގެ ފުރަތަމަ ރަން މެޑަލް މީގެ ދެ ހަފްތާ ކުރިން ހޯދައިދިނީ މި ދެ އެތުލީޓުންނެވެ. އީން އަކީ ޖޫނިއާ ލެވެލްގެ ގިނަ ކާމިޔާބީތަކެއް ހޯދައި މިހާރު ތަމްރީން ހަދަމުން އަންނަ ތައިލެންޑުގައި ބޭއްވި މުބާރާތަކުންވެސް ގިނަ މެޑަލް ހޯދައިފަ އެވެ. އާރާ އަކީ ޓެނިހުގައި މިވަގުތު ހުރި އެންމެ އުއްމީދީ އަދި އެންމެ ކާމިޔާބު އެއް އެތުލީޓެވެ. މި އެތުލީޓުންނަށް، "އަރުތަ" ޕްރޮގްރާމްގެ އެންޑޯސްމަންޓް ވަރަށް މުހިންމެވެ.

ގައުމީ ޗެމްޕިއަން ދީމާ، "އަރުތަ" ޕްރޮގްރާމަށް ސޮއިކުރުމަށް ފަހު، ބެލެނިވެރިންނާއި ޔޫތު މިނިސްޓްރީ އަދި ޓީޓީ އެސޯސިއޭޝަނުގެ އެކި ވެރިންނާ އެކު.-- ފޮޓޯ: ޔޫތު މިނިސްޓްރީ

އޮލިމްޕިކް ސްކޮލާޝިޕްގައި ހުރި ދީމާ ވެސް "އަރުތަ" ޕްރޮގްރާމަށް!

ދާދި ފަހުން އަރުތަ ޕްރޮގްރާމުގެ ދަށުން ތަމްރީން ހަދަން ފުރުސަތު ދިނީ ރާއްޖޭގެ ޓީޓީ ތަރި ދީމާ އަލީ އަށެވެ. ޖުމްލަ އެކު، 10 އަހަރަށް އަރުތަ ޕްރޮގްރާމްގެ ދަށުން ދީމާ އަށް ފުރުސަތު ދިންއިރު އޭނާ ވަނީ ޒުވާން އުމުރުގައި ގިނަ ރަން ކާމިޔާބީތަކެއް ހޯދައިދީފަ އެވެ. އެ އުސޫލުން ބަލާނަމަ، ދީމާ އަކީ "އަރުތަ" ޕްރޮގްރާމަށް އެންމެ ހައްގު އެތުލީޓޭ ބުނުމުން ދެބަސްވާނެ މީހަކު ނުހުންނާނެ އެވެ.

އެކަމަކުމ ދީމާ އަކީ 2024 ގެ ޕެރިސް އޮލިމްޕިކްސް އަށް އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީގެ ސްކޯލާޝިޕް ލިބިފައިވާ އެތުލީޓެކެވެ. މި ސްކޮލާޝިޕްގެ ދަށުން އޭނާ މިހާރު ތަމްރީން ހަދަމުން އަންނަނީ ވެސްް ފްރާންސްގަ އެވެ.

ދެން އުފެދޭ ސުވާލަކީ 2024ގެ ފުލް ސްކޮލާޝިޕް ލިބިފައިވާ އެތުލީޓަކަށް "އަރުތަ" ޕްރޮގްރާމްގެ ތެރެއިން ފުރުސަތު ދިނީ ކީއްވެ ތޯ އެވެ. އޮލިމްޕިކް ސްކޮލާޝިޕަކީ ދީމާގެ ތަމްރީންގެ ހުރިހަ ހަރަދެއް ކަވަރުކުރާ ސްކޮލާޝިޕެކެވެ. އެހެންކަމުން، އައިއޯސީ އިން ދީމާ އަށް ހަރަދުކުރަމުން އަންނައިރު އަރުތަ ޕްރޮގްރާމްގެ ދަށަށް ދީމާ ލާން މިވަގުތު މަޖުބޫރު ތޯ އެވެ. އެއް އެތުލީޓަކަަށް ދެ ފުރުސަތެއް ފަހިވުމަށް ވުރެ، ގިނަ އެތުލީޓުންނަށް ފުރުސަތު އޮންނަ ގޮތަށް ރޭވިގެންދިއުމަކީ، އޭގެ މަންފާ ބޮޑަށް ކުރާނެ ކަމެކެވެ.

ޓޭބަލް ޓެނިހުގައި ދީމާ ހޯދަމުން އަންނަ ކާމިޔާބީތަކާއި ކުރިއެރުމަށް ތައުރީފު ހައްގެވެ. އޭނާ އަކީ، ހަގު އުމުރެއްގައި ވެސް، މި ވަގުތު ރާއްޖޭގެ ކުޅިވަރުގެ ވަރުގަދަ ނަމެކެވެ. އޭނާ އެ ހިސާބަށް ދިޔައީ ވެސް ގިނަ މަސައްކަތްތަކެއް ކޮށްގެންނެވެ. އެކަމަށް ދެބަސްވާނެ އެކަކުވެސް ނެތެވެ. އެކަމަކު، ޓޭބަލް ޓެނިހުގައި އުއްމީދީ އެތައް ކުޅުންތެރިންނެއް ތިއްބައި، ދީމާ އަށް މި ފުރުސަތު މި ވަގުތު ދިނުމުން ބައެއް ފަރާތްތަކުން އަންނަނީ ސުވާލު އުފައްދަމުންނެވެ.

ދުނިޔޭގެ އޮލިމްޕިކް ޗާޓަރުގައި ހިމެނޭ ކުޅިވަރުތަކަށް ރާއްޖޭގެ އޮލިމްޕިކް ކޮމިޓީ(އެމްއޯސީ)ގެ ތެރެއިން އަންނަނީ ފުރުސަތުތައް ފަހިކޮށްދެވެމުންނެވެ. އެމްއޯސީ އިން ފޯރުކޮށްދޭ ފުރުސަތުތަކުގެ އިތުރުން ސަރުކާރުގެ ކުޅިވަރު ވުޒާރާއިން ވެސް ބޮޑު ހޭދައެއް ކުޅިވަރަށް ކުރެ އެވެ. ނަމަވެސް އެއް ކުޅުންތެރިއަކަށް އެއް ކަމަކަށް ދެ އިދާރާއަކުން މި ގޮތަށް ފުރުސަތު ފަހިވި ގޮތެއް ތަފްސީލީ ގޮތެއްގައި އެނގުމަކީ، އެތުލީޓުންގެ ހައްގުގައި ކުރެވޭނެ ބުއްދިވެރި، ކުޅުންތެރިންގެ މެދުގައި ނުތަނަވަސްކަން ކުޑަަވާނެ ކަމެކެވެ.

ފަހަރުގައި އެއީ ދީމާ އޮލިމްޕިކް ކޮލިފައިން އަށް ތައްޔާރުވާން ކުރާ ޕްރެކްޓިސްތަކުގެ އިތުރުން ބައިވެރިވާ އެެހެން ބައިނަލްއަގްވާމީ މުބާރާތްތަކަށްދާ ހަރަދުކަމަށްވެސް ވުން އެކަށީގެންވެ އެވެ. އެކަމަކު، އެއީ ވެސް ހަމަ ދުނިޔޭގެ އެންމެ ބޮޑު ގޭމްސް އަށް އޭނާ ކުރާ ޕްރެކްޓިސްތަކެއް ނޫން ބާވަ އެވެ.

މި ވަގުތު ރާއްޖޭގައި ބައިނަލްއަގްވާމީ ކާމިޔާބީ ހޯދާފައިވާ އަދި ހޯދޭނެ ފެންވަރުގެ ޒުވާން ޓީޓީ ކުޅުންތެރިން އެބަތިއްބެވެ. އޭގެ ތެރޭގައި އައިޝަތު ރަފާ ނާޒިމް އާއި މުހައްމަދު ޝައްފާން އިސްމާއިލް ފާހަގަކޮށްލެވެ އެވެ. މި ދެ ކުޅުންތެރިންނަކީ އިތުރު ތަމްރީން ލިބިއްޖެނަމަ ދީމާ ހޯދި ފަދަ ކާމިޔާބީ ހޯދޭނެ "ޕޮޓެންޝިއަލް" ހުރި ދެ ކުޅުންތެރިންކަމާ މެދު ޝައްކެއް ނެތެވެ.

"އަރުތަ" ޕްރޮގްރާމްގެ ވާހަކަދައްކަމުން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު މީގެ ކުރިން ވިދާޅުވީ މި ޕްރޮގްރާމަކީ "ކުޅިވަރުގެ ކުރިއެރުމަށް ސަރުކާރުން ކުރާ ހޭދަ ހަރުދަނާ ގޮތެއްގައި ވަކި އުސޫލެއްގެ ތެރެއިން ކުރުމަށް ތައާރަފްކުރި ޕްރޮޖެކްޓެއް" ކަމަށެވެ.

ތެދެކެވެ. ކުޅުންތެރިންނާ ޓީމްކަށް ތަމްރީން ފުރުސަތުތައް ފަހިކޮށްދޭން "އަރުތަ" ކަހަލަ ޕްރޮގްރާމެއް އިންތިހާއަށް މުހިންމެވެ. އެ އިސްނެގުމަށް ކުޅިވަރު އާއިލާ އިން ވެސް މަރުހަބާ ކިޔާނެ އެވެ.

އެކަމަކު، ރަސްމީކޮށް ލޯންޗް ނުކުރެވި އޮތް ޕްރޮގްރާމަކަށް ކުޅުންތެރިއަކަށް ފަހު ކުޅުންތެރިއެއް ހިމަނަމުން އަންނައިރު، މީގެ ސަބަބުން ކުރިމަތިވާ ނުތަނަވަސްކަމުގެ ސަބަބުން އެތުލީޓުންގެ ހިތުގައި އުފެދޭނެ ސުވާލުތައް ގިނަވާނެ އެވެ. އެއީ ރާއްޖެ ފަހުރުވެރިވެފައިވާ ކާމިޔާބީ ހޯދާފައިތިބި ގިނަ "ޒުވާން" ކުޅުންތެރިން އެބަތިއްބެވެ. "އަރުތަ" ކަހަލަ ޕްރޮގްރާމަކަށް އެ އެތުލީޓުން ވެސް ނުހުނު ބޮޑަށް އެދޭނެ އެވެ.

މިހާތަނަށް "އަރުތަ" ޕްރޮގްރާމްގެ ފުރުސަތު ލިބުނު ކުދިންނަށް އެ ފުރުސަތު ދިނުމަކުން މައްސަލައެއް ނެތެވެ. އެކަމަކު، އެހެން ކުޅިވަރުތަކުން ކާމިޔާބީ ހޯދާފައިވާ އަދި އިތުރު ބައިނަލްއަގްވާމީ ކާމިޔާބީ ހޯދުމުގެ ފުރުސަތު ފަހިކޮށްތިބި ކުޅުންތެރިންނަށް އެ ފުރުސަތު އަދި ނުލިބެނީ ކީއްވެބާ އެވެ.

ހަމަހަމަ ގޮތެއްގައި ހަމަހަމަ އުސޫލެއްގެ ތެރެއިން މިފަދަ ފުރުސަތުތައް ކުޅުންތެރިންނަށް ފަހިކޮށްދިނުމަކީ ކުޅިވަރަށް ކުރާ ހޭދައިން ހަގީގީ "އަރުތަ" ނުވަތަ ކާމިޔާބީ ހޯދޭނެ އެންމެ ވިސްނުންތެރި ގޮތެވެ.

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox