Advertisement

ރާއްޖެއަށް ފްލައިޓްތައް ހުއްޓާލައި ޓޫރިޒަމް ބޮއިކޮޓް ކުރަން އިންޑިއާގެ ވިިޔަފާރިވެރިންގެ ޖަމިއްޔާއިން ގޮވާލައިފި

8 ޖަނަވަރީ 2024 - 14:18 3

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ރާއްޖެއަށް ދަތުރުކުރާ އެއާ އިންޑިއާ އާއި އިންޑިގޯ ފްލައިޓެއް. އިންޑިއާއިން ގިނަ ފަތުރުވެރިން އުފުލަނީ މި އެއާލައިންތަކުގައި -- އަދަދު ގްރެފިކްސް


ރާއްޖެއަށް ފްލައިޓްތައް ހުއްޓާލައި ޓޫރިޒަމް ބޮއިކޮޓް ކުރަން އިންޑިއާގެ ވިިޔަފާރިވެރިންގެ ޖަމިއްޔާއިން ގޮވާލައިފި

8 ޖަނަވަރީ 2024 - 14:18 3

ރާއްޖެއަށް އިންޑިއާގެ އެއާލައިންތަކުން ކުރާ ދަތުރުތައް ހުއްޓާލައި އެގައުމުގެ ޓުއާ އޮޕަރޭޓަރުން ރާއްޖޭގެ ޕެކޭޖުތައް ވިއްކުން ހުއްޓާލައި ރާއްޖެ ބޮއިކޮޓް ކުރުމަށް އެ ގައުމުގެ ވިޔަފާރިވެރިންގެ ޖަމިއްޔާއިން ގޮވާލައިފި އެވެ.

އެ ޖަމިއްޔާގެ އޭވިއޭޝަން އެންޑް ޓޫރިޒަމް ކޮމިޓީ ޗެއާމަން ޑރ. ސުބާޝް ގޮޔާލް ސޮއިކުރައްވައި މިއަދު ނެރުއްވި ބަޔާނެއްގައި ވަނީ ރާއްޖޭގެ ސަރުކާރަށް ނިސްބަތްވާ މިނިސްޓަރުންތަކެއް އިންޑިއާ އާ ދެކޮޅަށް ފާޅުކޮށްފައިވާ ހިޔާލުތަކާ ގުޅިގެން ރާއްޖެ ޕްރޮމޯޓް ކުރުން ހުއްޓާލުމަށް ގޮވާލާފަ އެވެ.

"ރާއްޖެއަށް އޮޕަރޭޓް ކުރަމުންދާ އިންޑިއާގެ ހުރިހާ އެއާލައިންތަކުން ރާއްޖެއަށް ކުރަމުންދާ ދަތުރުތައް ސަސްޕެންޑް ކުރުމަށް ގޮވާލަން. އަދި, އިންޑިއާގެ ހޮޓާ ރެސްޓޯރަންޓުތަކުން ވެސް ލަކްޝަދީޕްގައި އިންވެސްޓް ކުރުމަށް ގޮވާލަން," އެ ބަޔާނުގައި ބުނެފައިވެ އެވެ.

ރާއްޖެ ޕްރޮމޯޓް ކުރުން ހުއްޓާލަން އެދުނު ތަންތަން

  • އިންޑިއަން އެސޯސިއޭޝަން އޮފް ޓުއާ އޮޕަރޭޓާސް
  • ޓްރެވަލް އޭޖެންޓްސް އެސޯސިއޭޝަން އޮފް އިންޑިއާ
  • ޓްރެވަލް އޭޖެންޓްސް ފެޑެރޭޝަން އޮފް އިންޑިއާ
  • އެޑްވެންޗާ ޓުއާ އޮޕަރޭޓާސް އެސޯސިއޭޝަން އޮފް އިންޑިއާ
  • އެސޯސިއޭޝަން އޮފް ޑޮމެސްޓިކް ޓުއާ އޮޕަރޭޓާސް
  • މައިސް އޭޖެންޓްސް

"[ރާއްޖޭގެ މިނިސްޓަރުންތަކެއް] މިގޮތަށް އަމަލުކޮށްފައި ވަނީ އިންޑިއާ އަކީ ރާއްޖެއަށް ބޭރުގެ ފައިސާ އެންމެ ގިނައިން ވައްދައިދީ ވަޒިފާތައް އުފެއްދުމުގައި އެންމެ ކުރީގައި އޮތް އެއް ގައުމު ކަމަށްވާއިރު. ރާއްޖެއާ ގުޅޭ ގޮތުން އަންނަ ހުރިހާ އެންކުއަރީތައް ލަކްޝަދީޕާއި އަންޑަމަން އެންޑް ނިކޮބާ އައިލެންޑްސްއަށް ޑައިވާޓް ކުރުމަށް އެދެން," އެ ބަޔާނުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން, ޓުއާ އޮޕަރޭޓަރުން ވެސް ރާއްޖޭގެ ބަދަލުގައި އިންޑިއާ ކަނޑުގައިވާ އެހެން ޖަޒިރާ ފަތުރުވެރިކަމުގެ މަންޒިލްތައް ޕްރޮމޯޓް ކުރަން ވަނީ އެދިފަ އެވެ. އޭގެ ތެރޭގައި ސްރީ ލަންކާ, މޮރިޝަސް އަދި ފުކެޓް ހިމެނެ އެވެ.

އެ ގައުމުގެ އެންމެ ބޮޑު އެއް ޓުއާ އޮޕަރޭޓަރު ކަމަށްވާ ސްޓިކް ޓްރެވަލް ގްރޫޕުން ރާއްޖޭގެ ޕެކޭޖުތައް ވިއްކުން ހުއްޓާލުމަށް މިހާރު އަންގާފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ރާއްޖެއަށް މިވަގުތު ދަތުރުކުރަމުންދަނީ އިންޑިއާގެ ދެ އެއާލައިނެކެވެ. އެއީ އިންޑިގޯ އާއި އެއާ އިންޑިއާ އެވެ.

އިންޑިއާގެ މަޝްހޫރު ޓްރެވަލް އެޖެންސީއެއް ކަމަށްވާ "އީޒް މައި ޓްރިޕް" އިން ވަނީ ރާއްޖެއަށް ހަދާފައިވާ ހުރިހާ ފްލައިޓު ބުކިންތަކެއް ކެންސަލްކޮށްފަ އެވެ. އެ ކުންފުނީގެ ސީއީއޯ ނިޝާންތް ޕިއްޓީ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި ފިޔަވަޅަކީ ގައުމީ ރޫހެއްގައި އަޅަން ނިންމި ފިޔަވަޅެއް ކަމަށެވެ.

އިންޑިއާއިން އިންތިޒާމު ވެގެން ސޯޝަލް މީޑިއާގައި ވަރުގަދަ ކެމްޕޭނެއް ފަށާފައިވާއިރު އެކަމާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ ހަރަކާތްތެރިން ވެސް ވަނީ ކަންބޮޑުވުން ފާޅުކުރަން ފަށާފަ އެވެ.

މިދިޔަ 2023 އާއި 2022 އަދި 2021 ގައި ވެސް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރީ އިންޑިއާއިން އިންނެވެ. އެއިން ކޮންމެ އަހަރެއްގައި ވެސް ދެ ލައްކައަށް ވުރެ ގިނަ ޓޫރިސްޓުން އިންޑިއާއިން ރާއްޖެއަށް ދަތުރުކުރި އެވެ.