2 މޭ 2024 - 19:07 0
އަމަން ހަލީމް
ފަން އައިލެންޑަށް އަރާ ދިމާލުގައި ހުންނަ ޑިސްޕްލޭއެއް: މި ރިސޯޓު ބަންދުކުރީ ކޮވިޑު ބަލިމަޑުކަމުގެ ދުވަސްވަރު -- ފޮޓޯ: ވިލާ ރިސޯޓްސް
2 މޭ 2024 - 19:07 0
މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުނިން އެންމެ ފުރަތަމަ އޮޕަރޭޓުކުރަން ފެށި ރިސޯޓު، ފަން އައިލެންޑް ރިސޯޓު އަލުން ތަރައްގީކުރުމުގެ މަސައްކަތް އެ ކުންފުނިން ފަށައިފި އެވެ.
މާލެ އަތޮޅު ދެކުނު ބިތުގައި އޮންނަ ކ. ބޮޑުފިނޮޅުގައި ތަރައްގީކޮށްފައިވާ ފަން އައިލެންޑަކީ 1986 އިން ފެށިގެން ވިލާ ކުންފުނިން ހިންގަމުން އަންނަ ރިސޯޓެކެވެ. މި ރިސޯޓު ޓޫރިސްޓުންނަށް ބަންދުކުރީ ކޮވިޑު ބަލިމަޑުކަމުގެ ތެރޭގައި 2020 ގަ އެވެ.
ފަން އައިލެންޑް ތަރައްގީކުރަން ވިލާ ޝިޕިން އެންޑް ޓްރޭޑުން އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަށް ހުށަހަޅާފައިވާ އީއައިއޭގައިވާ ގޮތުގައި އެ ރިސޯޓުގެ "ރެނޮވޭޝަން އެންޑް އަޕްގްރޭޑިން" މަޝްރޫއަށް 59 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 900 މިލިއަނެއްހާ ރުފިޔާ) ހަރަދުވާނެ ކަމަށެވެ.
ރިސޯޓު މަރާމަތުކުރުމުގެ މަސައްކަތް ކުރަނީ ތިން މަރުހަލަލާއަކަށް ބަހާލައިގެންނެވެ. މިހާރު ހުށަހަޅާފައިވާ އީއައިއޭގައި ވަނީ ފުރަތަމަ މަރުހަލާގައި ކުރާ މަސައްކަތްތަކެވެ.
އޭގެ ތެރޭގައި ހިމެނެނީ ރިސޯޓުގެ ބެކް-އޮފް-ދަ-ހައުސް ފެސިލިޓީސްތަކުގެ ތެރޭގައި ހިމެނޭ ކުނި މެނޭޖުކުރާ ސެންޓަރާއި ސްވޭޖް ޓްރީޓްމަންޓް ޕްލާންޓާއި ފިއުލް ޓޭންކުތައް ގާއިމްކުރުމެވެ. އަދި، ކުރިން އިމާރާތްކޮށްފައިވާ ބައެއް ގެސްޓު ރޫމުތަކާއި އެތެރޭގެ ބައެއް އިމާރާތްތައް މަރާމާތުކުރުން ވެސް ހިމެނެ އެވެ.
ވިލާ ކުންފުނިން ރިސޯޓު އަލުން ތަރައްގީކުރަން އެދޭ ސަބަބެއްގެ ގޮތުގައި އީއައިއޭގައި ބަޔާންކޮށްފައިވަނީ މަތީފަންތީގެ ރިސޯޓަކަށް ރިސޯޓު ތަރަައްގީކޮށް މިހާރަށް ވުރެ ތަފާތު ކްލަޔަންޓެލްއަކަށް ހިދުމަތް ދިނުން ކަމަށެވެ.
ވިލާއިން މިދިޔަ އަހަރުގެ ތެރޭގައި އެ ކުންފުނިން ހިންގަމުން އަންނަ ސަން އައިލެންޑުގެ ނަން "ވިލާ ޕާކް އެޓް ސަން" އަށް އަދި، ޕެރެޑައިސް އައިލެންޑް ރިސޯޓުގެ ނަން "ވިލާ ނޯޓިކާ އެޓް ޕެރެޑައިސް" އަށް ބަދަލުކޮށްފަ އެވެ.
އޭގެ އިތުރުން ކުރިން ހޮލިޑޭ އައިލެންޑުގެ ނަމުގައި ހިންގަމުން އައި ރިސޯޓު، ބޮޑެތި މަރާމާތުތަކަށް ފަހު މި އަހަރުގެ ތެރޭގައި "ވިލާ ހޭވަން" ގެ ނަމުގައި އަލުން ހުޅުވާ، ގެސްޓުންނަށް ހިދުމަތް ދޭން ފަށާނެ އެވެ. އެ ރިސޯޓުން ހިންގާ ހަތަރު ވަނަ ރިސޯޓަކީ ރޯޔަލް އައިލެންޑެވެ.
Comment