Advertisement

ސަރުކާރުން ބޭނުންވާ ގޮތަށް އީވޮލެޓް ތައާރަފުކުރަން ބީއެމްއެލްއަށް ހަފުތާއެއް

8 ޖަނަވަރީ 2024 - 13:06 0

އަމަން ހަލީމް

އަމަން ހަލީމް

ބީއެމްއެލް އާއި މަޝްހޫރު ބައެއް އޮންލައިން ޕޭމަންޓް ޕްލެޓްފޯމްތައް: މި ޕްލެޓްފޯމުތަކުން ފައިސާ ލިބިގަނެވޭނެ ގޮތެއް މިހާރަކު ނޯވޭ -- ގްރެފިކްސް:ރައްޔާން މުހައްމަދު/އަދަދު


ސަރުކާރުން ބޭނުންވާ ގޮތަށް އީވޮލެޓް ތައާރަފުކުރަން ބީއެމްއެލްއަށް ހަފުތާއެއް

8 ޖަނަވަރީ 2024 - 13:06 0

ސަރުކާރުން ބޭނުންވާ ގޮތަށް އީވޮލެޓް ހިދުމަތް ގާއިމުކުރުމަށާއި ގިނަވެގެން ހަފުތާއެއްގެ ތެރޭގައި އެކަން ހަމަޖެއްސުމުގެ މަސައްކަތް ފަށަން ބީއެމްއެލްއަށް އަންގަން ކެބިނެޓުން އިއްޔެ ނިންމައިފި އެވެ.

ކެބިނެޓުން މިގޮތަށް އިއްޔެ ނިންމީ ރާއްޖޭގައި ކްރިއޭޓިވް ނުވަތަ ފަންނީ ސިނާއާތްތަކަށް ފަހިވާ އިކޮނޮމީއެއް ގާއިމްކުރަން ސަރުކާރުމް ގެންގުޅޭ ސިޔާސަތު ތަންފީޒުކުރަން ކުރާ މަސައްކަތުގެ ތެރެއިންނެވެ. އޮންލައިން ޕޭމަންޓް ޕްލެޓްފޯމްތައް މެދުވެރިކޮށް ފައިސާ ލިބިގަތުމަށް ހުރި ހުރަސްތައް ނައްތާލުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދެއް ވެސް މެ އެވެ.

އެގޮތުން އިއްޔެ ބޭއްވި ކެބިނެޓު ބައްދަލުވުމުގައި، އޮންލައިން ޕޭމަންޓުތައް ލިބިގަތުމާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓްރީން ހުށަހެޅި ކަރުދާސް މަޝްވަރާކުރުމަށް ފަހު ޕޭޕަލް އާއި ޕޭޕަލް ފަދަ އެހެނިހެން އޮންލައިން ޕްލެޓްފޯމްތައް ތައާރަފުކުރަން ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ނިންމާފައިވާ ކަމަށް ވެސް، މި ނިންމުން އިއުލާންކުރައްވަމުން ޕްރިންސިޕަލް ސެކެޓްރީ އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވި ގޮތުގައި ޕޭޕަލްއަށް އެކްސްސް ހޯދުމުގެ މަޝްވަރާކުރަން ނިންމާފައި ވަނީ ޕޭޕަލް ކުންފުނި މަރުކަޒުވެފައިވާ އެމެރިކާގެ ސަރުކާރާ އެވެ. ޕޭޕަލް ނޫން ޕްލެޓްފޯމުތައް ތައާރަފުކުރުުގެ މަސައްކަތް ކުރަން ކަމާ ގުޅޭ އެހެނިހެން ފަރާތްތަކާ މަޝްވަރާކޮށްގެން އެ މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ރައީސް މުއިއްޒުގެ މެނިފެސްޓޯގައިވާ ގޮތުގައި އެ ޕްލެޓްފޯމުތަކުގެ ތެރޭގައި ޕެޔޮނިޔާ އާއި ސްކްރިލް އާއި ސްޓްރައިޕްގެ އިތުރުން ނެޓެއްލާ ހިމެނެ އެވެ.

އޮންލައިން ޕޭމަންޓް ޕްލެޓްފޯމްތައް ތައާރަފުކުރުމާ އެކުއެކީ ސައިބާ ސެކިއުރިޓީ ގާނޫނެއް ވުޖޫދު ކުރުމުގެ މަސައްކަތް ފަށަން ވެސް ކެބިނެޓުން ވަނީ ނިންމާފަ އެވެ. ނާޒިމް ވިދާޅުވީ މި މަސައްކަތް ކުރަނީ ޔޫއޭއީ އާއި ތުރުކީ ސަރުކާރުގެ އެހީތެރިކަމާ އެކީ ކަމަށެވެ.

"ސައިބާ ސެކިއުރިޓީ ވަރުގަދަކުރުމަށް ޓަކައި ސަރުކާރަށް މިހާރު އެހީތެރިކަން ދެއްވުމަށް އޮތް ދެ ގައުމު ކަމުގައިވާ ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި ތުރުކީވިލާތާ މިކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައި މިކަމާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދިއުން" ނާޒިމް ވިދާޅުވި އެވެ.

ސައިބާ ސެކިއުރިޓީ ގާނޫނުގެ މަސައްކަތާ އެކީ ސައިބާ ސެކިއުރިޓީ އިންފްރާސްޓްރަކްޗާ ތަރައްގީކޮށް ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ކުރަން ސަރުކާރުން ވަނީ ނިންމާފަ އެވެ. އަދި މިއީ މިފަދަ އޮންލައިން ޕޭމަންތް ހިދުމަތްތައް ތައާރަފުވެ، ޑިޖިޓަލް އިގުތިސޯދު ފުޅާކުރަން އަމާޒުހިފާފައިވާ ދަނޑިވަޅެެއްގައި މުހިންމު މަސައްކަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.