Advertisement

މޯދީއަށް މާލާމާތްކޮށް ފުރައްސާކުރުން ސަރުކާރުން ކުށްވެރި ކޮށްފި

7 ޖަނަވަރީ 2024 - 14:29 3

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ކޮޕް28 ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައްދަލުކުރައްވަނީ: ސަރުކާރުން ބުނަމުން އަންނަނީ އިންޑިއާއާ އެއްވެސް ދެކޮޅުވެރިކަމެއް ނެތް ކަމަށް -- ފޮޓޯ/ރައީސް އޮފީސް


މޯދީއަށް މާލާމާތްކޮށް ފުރައްސާކުރުން ސަރުކާރުން ކުށްވެރި ކޮށްފި

7 ޖަނަވަރީ 2024 - 14:29 3

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ މަގާމުތަކަށް އައްޔަނުކުރައްވާފައިވާ ބައެއް ސީނިއާ އޮފިޝަލުން އަވައްޓެރި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ސޯޝަލް މީޑިއާގައި މަލާމާތްކުރި ކުރުން ސަރުކާރުން ކުށްވެރިކޮށްފި އެވެ.

އެކްސްގައި ދިވެހި ސަރުކާރުގެ އޮފިޝަލުންނާއި އިންޑިއާގެ ބައެއް ރައްޔިތުންނާއި ޓްރޯލް އެކައުންޓްތަކުގެ މެދުގައި ހޫނު ބަހުގެ ހަމަލާތަކެއް އަންނަނީ ބަދަލުކުރަމުންނެވެ. މިިކަމެއް ފެށުނީ ލަކްޝްދީބުގެ ޓޫރިޒަމް ޕްރޮމޯޓު ކުރުމަށް މޯދީ އާންމުކުރެއްވި ވީޑިއޯއަކާ އެކު އެވެ.

އެކަމާ ގުޅިގެން ހޫނު ޒުވާބުތަކެއް ސޯޝަލް މީޑިއާގައި ހިނގަމުން އަންނައިރު ސަރުކާރުން މިވަނީ އެކަމުގައި ފުރަތަމަ ފަހަރަށް ބަސް ބުނެފަ އެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ ސަރުކާރުގެ އިސް މަގާމުތަކެއްގައި ތިއްބެވި އޮފިޝަލުންތަކެއް ބޭރު ގައުމުތަކެއްގެ ލީޑަރުންނާ ދެކޮޅަށް ދަށު ދަރަޖައިގެ ބަހުރުވައިން މުހާތަބު ކޮށްފައިވާކަން އެނގިފައިވާ ކަމަށެވެ.

"މި ހިޔާލުތަކަކީ އަމިއްލަ ހިޔާލުތަކެއް, އެއީ ދިވެހި ސަރުކާރުގެ ވިސްނުން ރަމްޒުކޮށްދޭ ހިޔާލުތަކެއް ނޫން ކަމަށް," އިނގިރޭސި ބަހުން ސަރުކާރުން ނެރުނު ސްޓޭޓްމަންޓެއްގައި ބުނެފައިވެ އެވެ.

ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރަންވާނީ ޑިމޮކްރެޓިކް އަދި ޒިންމާދާރު ގޮތެއްގައި، ނަފްރަތާއި، ނެގެޓިވްކަން ނުފެތުރުމާއި، ރާއްޖެ އާއި ބައިނަލްއަގުވާމީ ގައުމުތަކުގެ މެދުގައި އޮންނަ ގާތް ގުޅުމަށް ހުރަސް ނޭޅޭ ފަދަ ގޮތަކަށް ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ.

"އެފަދަ ދަށުދަރަޖައިގެ ވާހަކަތައް ދައްކާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން ފަސްނުޖެހޭނެ," އެ ބަޔާނުގައި ބުނެފައިވެ އެވެ.

އިންޑިއާގެ ޕޮލިޓިކަލް ކޮމެންޓްރީ ގެނެސްދޭ އެކައުންޓަކުން މޯދީގެ މި ވީޑިއޯ ސިފަކޮށްފައި ވަނީ ރާއްޖޭގެ ޓޫރިޒަމަށް އޮތް ހުރަހެއްގެ ގޮތުގަ އެވެ. އަދި, މިހާރު ރާއްޖޭގައި އޮތް ސަރުކާރަކީ "ޗައިނާގެ ޕަޕެޓް ސަރުކާރެއް" ކަމަށާއި އެ ވީޑިއޯގެ ސަބަބުން ލަކްޝްދީބަށް ޓޫރިސްޓުން އަންނަ ވަރު އިތުރުވާނެ ކަމަށް "މިސްޓާ ސިންހާ" ނަމަކަށް ކިޔާ އެކައުންޓުން ބުނެފައިވެ އެވެ.

އެއާއެކު ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި އޮފިޝަލުން ވަނީ ސަރުކާރުގެ ދިފާއުގައި އެކްސްގައި ރައްދު ދީފަ އެވެ. އެކްސްގައި ވެރިފައިކޮށްފައި ހުރި ސަރުކާރުގެ އިސް އޮފިޝަލުންގެ އެކައުންޓުތައް މެދުވެރިކޮށް ބައެއް ބޭފުޅުން ވަނީ މޯދީއަށް މަލާމާތްކޮށް ހުތުރު ބަހުން މުހާތަބު ކޮށްފައިވެ އެވެ. އޭގެ ތެރޭގައި ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަރިޔަމް ޝިއުނާ އާއި މަލްޝާ ޝަރީފް ހިމެނެ އެވެ.

މިހާރު ޑިލީޓްކޮށްފައިވާ ޓްވީޓެއްގައި ޝިއުނާ ވަނީ މޯދީއަކީ "ޖޯކަރެއް" ކަމަށާއި "އިޒްރޭލުގެ ޕަޕެޓް" އެއް ކަމަށް ސިފަކޮށްފަ އެވެ. އިންޑިއާގެ އެކައުންޓްތަކުން ވެސް ފާހަގަކުރަމުންދަނީ ސަރުކާރުގެ އޮފިޝަލެއްގެ ރަސްމީ އެކައުންޓުން މިފަދަ ޓްވީޓުތަކެއް ކުރުމަކީ ދެ ގައުމުގެ މެދުގައި އޮތް ގުޅުމަށް އެއްވެސް ވަރަކަށް ބެލުމެއް ނެތި ކޮށްފައިވާ ކޮމެންޓްތަކެއް ކަމަށް ބުނަމުންނެވެ.