Advertisement

މަޖިލިސް އިންތިހާބު އަންނަންވާއިރަށް ޔާމީން މިނިވަންކުރުން ސަރުކާރަށް ލާޒިމު: މަލީހު

7 ޖަނަވަރީ 2024 - 15:01 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ޕީއެންއެފްގެ މުއައްސިސުން ހައި ކޯޓު ސަރަހައްދުގައި: މަޖިލިސް އިންތިހާބު އަންނަން ވާއިރަށް ރައީސް ޔާމީން މިނިވަން ކުރަން ގޮވާލި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


މަޖިލިސް އިންތިހާބު އަންނަންވާއިރަށް ޔާމީން މިނިވަންކުރުން ސަރުކާރަށް ލާޒިމު: މަލީހު

7 ޖަނަވަރީ 2024 - 15:01 0

މި އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަންނަން ވާއިރަށް ޕީއެންއެފްގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުން ސަރުކާރަށް ލާޒިމު ކަމަށް ބުނެ އެ ކަމަށް އެ ޕާޓީގެ މުއައްސިސުން ގޮވާލައިފި އެވެ.

ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ، ވ. އާރަށް ކުއްޔަށް ދޫކުރުމުގެ ތެރެއިން އެމަނިކުފާނުގެ އެކައުންޓަށް 1.1 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ޖަމާކޮށް އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ތުހުމަތުކޮށް އުފުލާފައިވާ ދައުވާތައް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅުމަށް ފަހު އެވެ.

އެ ހުކުމުގެ އިސްތިއުނާފު ހައި ކޯޓުގައި ފެށި ނަމަވެސް ފަހުން އެ މައްސަލައިގެ އަޑުއެހުމެއް ނުބޭއްވެ އެވެ. މައްސަލައާ ހަވާލުވި ފަނޑިޔާރުންގެ ތެރެއިން ބައެއް ފަނޑިޔާރުން މި ވަގުތު ތިއްބެވީ ވެސް ޗުއްޓީގަ އެވެ.

ޔާމީން އުފައްދަވާ ޕީއެންއެފް ޕާޓީގެ މުއައްސިސުން މިއަދު ވަނީ ހައި ކޯޓަށް ވަޑައިގެންފަ އެވެ. ހައި ކޯޓުން މައުލޫމާތު ސާފުކުރުމަށް ފަހު، ކޯޓުގެ ނޫސްވެރިންނާ ބައްދަލު ކުރައްވައި މުހައްމަދު މަލީހު ޖަމާލު ވިދާޅުވީ ވީހާވެސް އަވަހަށް އަޑުއެހުންތައް ތާވަލު ކުރާނެ ކަމަށް ކޯޓުގެ އިދާރާއިން ބުނެފައިވާ ކަމަށެވެ.

"ހައި ކޯޓުން ވިދާޅުވީ ވީހާ ވެސް އަވަހަކަށް މައްސަލަ ތާވަލުކޮށްދޭނެ ކަމުގެ ޔަގީންކަން. މާދަމާ ދެ ފަނޑިޔާރުން އެނބުރި އަންނާނެ،" މަލީހު ވިދާޅުވި އެވެ.

މިހާރު ވެރިކަންކުރާ ޕީއެންސީ/ޕީޕީއެމްގެ ލީޑަރަކަށް ޔާމީން ހުންނެވިއިރު، އެ ކޯލިޝަންގެ އެންމެ ބޮޑު މަސައްކަތަކަށްވީ ޔާމީން މިނިވަން ކުރުމެވެ. އެންމެ ފުރަތަމަ އެ ކޯލިޝަންގެ ރިޔާސީ ޓިކެޓު ވެސް ޔާމީނަށް އަރުވާފައިވީ ނަމަވެސް ޖަލު ހުކުމުގެ ސަބަބުން އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދައެއް ނުކުރެވުނެވެ.

ޔާމީނަށް ވާދަނުކުރެވޭތީ، ޕީއެންސީގެ ރިޔާސީ ޓިކެޓު މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އެރުވިއިރު އެމަނިކުފާނުގެ އެންމެ ބޮޑު ރިޔާސީ އެއް ވައުދަކީ ވެސް ޔާމީން މިނިވަން ކުރުމެވެ.

ރައީސް މުއިއްޒުގެ ރިޔާސީ ވައުދު މަތިން ހަނދުމަކޮށްދެއްވަމުން މަލީހު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވަގުތު ޖެހެންވާއިރަށް ޔާމީން މިނިވަން ކުރުމަކީ ސަރުކާރަށް ކޮންމެހެން ވެސް ލާޒިމު ކަމެއް ކަމަށެވެ.

"[ރައްޔިތުންގެ މަޖިލިސް] އިންތިހާބު އަންނައިރު ޔާމީން މިނިވަން ވުމަކީ ކޮންމެ ހެން ވެސް ލާޒިމު ކަމެއް. ސަރުކާރު ބަދަލުވުމުގެ ވޯޓު ދިނީ ކަންކަން އިސްލާހު ކުރަން." މަލީހު ވިދާޅުވި އެވެ.

ވެރިކަމަށް ވަޑައިގެންނެވި ފަހުން ޔާމީނާ، ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕްގެ އެހެން ބޭފުޅުންނާ ހިޔާލުތަފާތުވުމަށް ފަހު ޔާމީން ވަނީ ވެރިކަމަށް ހަފުތާއެއް ނުވަނީސް ޕީޕީއެމް ދޫކޮށްލައިފަ އެވެ.

ސަރުކާރުން ބުނަނީ ޔާމީން މިނިވަން ކުރުމުގެ ރިޔާސީ ވައުދު މިހާރު ފުއްދިފައިވާ ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، ރައީސް އޮފީހުގެ އޭރުގެ ތަރުޖަމާނު މުހައްމަދު ޝަހީބު ވިދާޅުވެފައިވަނީ ސަރުކާރުގެ ވައުދަކީ ޝަރީއަތަށް ނުފޫޒު ފޯރުވުން ހުއްޓާލާނެ ކަމަށެވެ. އަދި ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތް ފަހުން ނުފޫޒު ފޯރުވުން ވަނީ ހުއްޓާލާފައި ކަމަށެވެ.

ޔާމީން ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދަނިކޮށް ގޭބަންދަށް ލުއިދިނީ ރިޔާސީ އިންތިހާބުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބުނު ނާކާމިޔާބީއަށް ފަހު، އެ ކަމަށް އޭރުގެ އިންތިހާބީ ރައީސް މުއިއްޒު ގޮވާލެއްވުމާއެކު އެވެ.

ފަހުން މާލޭގެ ގިނަ ތަންތަނަށް ދެވޭ ގޮތަށް ލުއިތައް އިތުރުކޮށްދިން ފަހުން އިތުރު ލުޔެއް އެމަނިކުފާނަށް ލިބިފައެއް ނެތެވެ.