Advertisement

އައްސުލްތާނު ހަސަން ނޫރައްދީނަށް މައްކާގެ އަމީރަކު ހަމަލާ ދިނުމާއި މުދާ ފޭރިގަތުން

9 ޖަނަވަރީ 2024 - 07:57 1

މަހްފޫޒް ސައީދު

މަހްފޫޒް ސައީދު

ކުރީގެ މައްކާ އަދި ހަރަމްފުޅު. -- ފޮޓޯ: އިސްލާމިކް އާޓްސް އެންޑު ކޯޓްސް


އައްސުލްތާނު ހަސަން ނޫރައްދީނަށް މައްކާގެ އަމީރަކު ހަމަލާ ދިނުމާއި މުދާ ފޭރިގަތުން

9 ޖަނަވަރީ 2024 - 07:57 1

އައްސުލްތާން ހާއްޖަ ހަސަން ނޫރައްދީން އިސްކަންދަރު ސިރީ ކުލަ ސުންދުރަ ބޮވަނަ މަހަރާދުން ރާއްޖޭގެ ރަސްކަން ކުރެއްވީ މީލާދީން 1779 ވަނަ އަހަރުން 1799 ގެ ނިޔަލަށެވެ. މިއީ ދޮންބަންޑާރައިންގެ ހަގު ދަރިކަލުންނެވެ. މަންމާފުޅަކީ ފެންފުށީ ކަކާ އަލީ ތަކުރުފާނުންގެ އާމިނާ މަނިކުފާނެވެ. އައްސުލްތާން ހަސަން ނޫރައްދީނަށް ރަސްކަން ވާރުތަވީ އޭގެ ކުރިން ވެރިކަމުގައި ހުންނެވި، އެ ރަދުންގެ އެއްބަނޑުއެއްބަފާފުޅު ބޭބެ އައްސުލްތާނު މުހައްމަދު މުއިއްޒުއްދީން ނުވަތަ ކަޅުބަންޑާރައިން އަވަހާރަވުމުންނެވެ.

އައްސުލްތާން ހަސަން ނޫރައްދީނަކީ ދީނީ ގޮތުންނާއި އިގްތީސާދީ ގޮތުންވެސް ގިނަގުނަ ހިދުމަތްތަކެއް ދިވެހިރާއްޖެެއަށް ކޮށްދެއްވި، ހިދުމަތްތެރި ރަސްކަލެކެވެ. ފާހަގަކޮށްލެވޭ ހިދުމަތްތަކުގެ ތެރެއިން މިހާރުވެސް ފެންނާން ހުރި އެއް ހެއްކަކީ ކަޅުވަކަރު މިސްކިތެވެ. މިރަދުންގެ ރަސްކަމުން ދިހަ ވަނަ އަހަރު މި މިސްކިތް ބިނާކުރައްވައި، މިސްކިތަށް ބޯގައިގެ ގޮތުގައި ތިލަދުންމަތީ މުޅަދޫ ގޮއިފާލައްބަ ދަރުމަކުރެއްވި އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ސާފު ރަނުން ފައިސާ ޖެއްސެވީ މި ރަދުންނެވެ. މީލާދީން 1788 ވަނަ އަހަރު ސާފު ރަނުން ބައި މޮހޮރީ ޖައްސަވައި އޭގެ ފަހުން 1793 ގައި މޮހޮރީ ޖެެއްސެވި އެވެ. މި ފައިސާ އެހާ ބޮޑަށް ހިނގާ ގޮތެއް ނުވި އެވެ. މީގެ އިތުރުންވެސް އެރަދުންގެ ރަސްކަމުގައި ކުޑަލާރިއާއި ބޮޑުލާރި ޖެއްސެވި އެވެ.

އައްސުލްތާން ހަސަން ނޫރައްދީން ދެ ފަހަރު ހައްޖުވެވަޑައިގަތެވެ. ފުރަތަމަ ފަހަރު ހައްޖަށް ވަޑައިގެންނެވީ މީލާދީން 1788 ވަނަ އަހަރުގެ ޑިސެމްބަރު މަހުގަ އެވެ. ދެވަނަ ފަހަރަށް ވަޑައިގެންނެވީ 1799 ވަނަ އަހަރުގެ ޖަނަވަރީ މަހުގަ އެވެ. ދެފަހަރުވެސް ހައްޖަށް ވަޑައިގެންނެވީ އެ ދަތުރުފުޅުތަކަށް ހާއްސަކޮށް ބެންނެވި ނަވުތަކުގައި އެތައް ސަކޭތަ ބަޔަކު އަރިހުގައި ގޮވައިގެން ރަސްމީ އިއްޒަތުގަ އެވެ. މި ލިޔުމުގައި ވާހަކަ ދައްކާން މިއުޅޭ ހާދިސާ ހިނގީ އެމަނިކުފާނުގެ ދެވަނަ ދަތުރުފުޅުގަ އެވެ.

މައްސަލައިގެ ފެށުން

އިންޑިއާގެ ސޫރަތު މީހުންގެ ނަވެއް އަގު ބޮޑު މުދަލާއެކު ދަތުރުކުރަމުން ދަނިކޮށް މޮރިޝަސްގައި ވަޒަންވެރިވެތިބޭ ފަރަންސޭސި މީހުންނަށް ފެނިގެން އެމީހުން މިނައު އަތުލައިގެންފި އެވެ. އަތުލައިގަތް ނަވުގައި ތިބި މުދަލާއި މީހުންނާއިގެން ފަރަންސޭސީން ދަތުރުކުރަނިކޮށް މި ނައު ހުވަދުއަތޮޅަށް އުރިއްޖެ އެވެ. މި ނަވުގައި ހުރީ ރަން ރިޔާލައާއި ރިހި ރިޔާލައާއި ރަންރިހީގެ ގަހަނާތަކެވެ. ނައު އުރުމުން އެ ނަވަށް އެހީތެރިވާން ދިޔަ ދިވެހިންނަށް މި ނަވުގައި މިހާ އަގުބޮޑު މުދާތައް ހުރިކަން އެނގުމުން އެ ނަވުގެ މައްޗަށް ވެރިވެތިބި ފަރަންސޭސީންގެ އަތުން މުދާތައް އަތުލައި ނަވުގެ މައްޗަށް ބާރު ހިންގާން ފެށި އެވެ.

ރަދުންނަށް މި ހަބަރު ލިބިވަޑައިގަތުމުން، ރަދުންވެސް ދެކެވަޑައިގަތީ މިއީ ދިވެހީންގެ ޣަނީމާ މުދަލެއް ކަމަށެވެ. މިގޮތަށް ދެކެވަޑައިގެން މީގެ ތެރެއިން ބައެއް، ރައްޔިތުންގެ ތެރެއިން އެކަމުގައި އުޅުނު މީހުންނަށް ބައްސަވައި، ދެން ހުރި މުދާތައް ރަދުން ނެންގެވީ އެވެ. އެއަށްފަހު އެނަވުގައި ތިބި މީހުން ފުރެއްދެ އޮޑިއަކަށްލައި ސޫރަތަށް ފޮނުވާލެއްވީ އެވެ.

އޭރު ރަދުން ގެންދެވީ ދެވަނަ ފަހަރަށް ހައްޖަށް ވަޑައިގަތުމުގެ ތައްޔާރީތައް ވެވަޑައިގަންނަވަމުންނެވެ. މިކަމަށްޓަކައި ހެންވޭރު ކޮޅުގައި ބޮޑު ނަވެއް ބަނުމުގެ މަސައްކަތް ކުރިއަށް ދެ އެވެ. މި ނައުކޮޅު ބަނދެ ތައްޔާރުވީމާ ދަތުރަށް ފެށްޓެވުމުގެ ކުރިން، ފަރަންސޭސީން ހިފާފައިވާ ނަވުން އަތުލެއްވި މުދާތައްވެސް މި ނަވަށް އަރުވައިފި އެވެ. އޭގެ ފަހުން ހާދިމުންނާއެކު ޖުމުލަ 310 މީހުންގެ މައްޗަށް ހިމެނޭ ވަފުދަކާއެކު، ހައްޖަށް ވަޑައިގަތުމަށް ރަދުން މާލެއިން ފުރާވަޑައިގަތީ އެރަދުންގެ ދަރިކަލުން އައްސުލްތާން މުހައްމަދު މުއީނުއްދީނާ ރަސްކަން ހަވާލުކުރައްވާފަ އެވެ.

މައްކާގެ ޝަރީފް ޣާލިބު އިބުނު މުސާއިދު

އައްސުލްތާން ހަސަން ނޫރައްދީން ހައްޖަށް ފުރާވަޑައިގެންނެވީ ޖެނުއަރީ 24، 1799 ގަ އެވެ. އޭރު މައްކާގެ ވެރިއަކަށް ހުންނެވީ ޣާލިބު އިބުނު މުސާއިދެވެ. މީނާއަކީ މައްކާގެ އަމީރު އަހުމަދު އިބުނު ސާއިދުގެ ދަރިކަލެކެވެ. އޭނާ އަވަހާރަވުމުން މައްކާގެ ވެރިކަން ލިބިވަޑައިގަތީ އޭނާގެ ދޮށީ ދަރިކަލުން ސުރޫރު އިބުނު މަސްއޫދަށެވެ. އޭނާގެ ފަހުން އަމީރު އަހުމަދު އިބުނު ސާއިދުގެ އަބްދުލް މުއީނަށެވެ. އެހެންނަމަވެސް އަބްދުލްމުއީން ވެރިކަމާ ހަވާލުވެވަޑައިގެންފައި ހަމަ އެދުވަހު މަގާމުން ދުރުވުމުން ދެން އެ މަގާމު ލިބިވަޑައިގަތީ ޣާލިބު އިބުނު މަސްއޫދަށެވެ.

ވެރިކަން ލިބިވަޑައިގަތުމާއެކުހެން މީނާގެ ބޭބެއިންނާ މައްސަލަޖެހި، އެމީހުން މީނާގެ ވެރިކަމާ ނުރުހި އެ ވެރިކަމާ ދެކޮޅަށް ހަނގުރާމަ އިއުލާނުކުރުމަށްފަހު، ހުދައިޔަލް ވަންހައިގެ ހަނގުރާމަވެރިންތަކެއްގެ މަދަދު ހޯދައި މައްކާ ދޫކޮށް ދިޔައީ އެވެ. އޭގެ ފަހުން ވެރިކަމުގެ ބާރުވެރިކަން ހިފެހެއްޓުމަށްޓަކައި މައްކާގެ ޝަރީފް ޣާލިބު ކުރަމުން ގެންދިޔައީ ހަރުކަށި ވެރިކަމެކެވެ.

ރަދުން މައްކާއަށް ވަޑައިގަތުން

އައްސުލްތާން ހަސަން ނޫރައްދީނަށް މައްކާއަށް ވަޑައިގެންނެވުނުއިރު މައްކާ އޮންނާނީ މި ސިޔާސީ ހައިޖާނުގެ ތެރޭގަ އެވެ. ރަދުން މާލެއިން ފުރާވަޑައިގެން ފުރަތަމަ ވަޑައިގެންނެވީ ޔަމަނުގެ ހުދޭދާއަށެވެ. އެރަށުން ބާޒާރު ކުރައްވައި، ޖިއްދާއަށް ވަޑައިގަންނަވަން ގަސްތުކުރައްވާ ވާހަކަ ވިދާޅުވުމުން އެރަށުގެ އަހުލުވެރިން ރަދުންނަށް ދެންނެވީ އެހާ ގިނަ މުދަލާއެކު މިވަގުތު ޖިއްދާއަށް ވަޑައިގެންނެވުން ބުއްދިވެރި ނޫންކަމުގަ އެވެ. އެއީ އޭރު ޝަރީފް ޣާލިބުވެސް ޖިއްދާއަށް ދަތުރު ކުރައްވަމުން ގެންދަވާ ހަބަރު ލިބިފައި އޮތުމުންނެވެ. ރަދުން ދެން އެހެން މަގަކުން ދަތުރުފުޅު ކުރައްވައި ޖިއްދާއަށް ވަޑައިގަތުމަށްފަހު ޖިއްދާގައި ގިނަ ދުވަސްތަކެއް ނުކުރައްވައި މައްކާއަށް ވަޑައިގެންނެވީ އެވެ.

ރަދުން މައްކާއަށް ވަޑައިގެންނެވުމާއެކު ރަދުންގެ އަމުރުފުޅަށް މުގައްދިމް ވަޒީރު، ނުވަތަ މައްކާގެ އިސްވަޒީރު ގެނެވުނެވެ. އޭނާއާއެކު ގެފުޅުގެ ބަނޑޭރިއާއި އެހީތެރިންވެސް އައެވެ. ރަދުން އެމީހުންނަށް އަމުރުކުރެއްވީ ގެފުޅު ހުޅުވައި ދެއްވުމަށެވެ. އެމީހުންގެ ޖަވާބަކަށްވީ ޝަރީފް ޣާލިބުގެ އަމުރުފުޅުނެތި ގެފުޅު ހުޅުވުމުގެ ބާރު ލިބިގެންނުވާ ކަމަށެވެ. އެ އިޒުނަ ލިބޭނީ އޭނާ ޖިއްދާއިން އެނބުރިވަޑައިގަތުމުން ކަމަށް އެމީހުން ރަދުންނަށް ދެންނެވި އެވެ. އެވަގުތު މައްކާގެ އިސްވަޒީރުގެ ބޭބެއަކު އެތަނަށް އައިސް ރަދުންނަށް ދެންނެވި އެވެ. ތިމަންނާއަށް ރަދުން އެއްހާސް ރިޔާލަ ދެއްވަނީ ނަމަ ތިޔަބޭކަލުންނަށް ގެފުޅު ހުޅުވައި ދީފާނަމެވެ.

އިސް ވަޒީރު ރިޝްވަތަށް އެދުމުން ރަދުން ހަސަން ނޫރައްދީން އެކަމާ ކޯފާވެވަޑައިގެން އޭނާގެ ގައިގައި ތަޅާފައި އެތަނުން އޭނާ ނެރުމަށް އަމުރު ކުރެއްވި އެވެ. ރަސްގެފާނު އޭނާއަށް ވިދާޅުވީ ގެފުޅުގެ ބަނޑޭރިއާއި އެހީތެރިން ނޫން މީހަކަށް އެކައްޗެއްވެސް ނުދެއްވާނެ ކަމަށެވެ. އަދި ބަނޑޭރިއަށް ވިދާޅުވި އެވެ. ޝަރީފް ޣާލިބު ކަލޭމެންނަށް އެއްވެސް އެއްޗެއް ވިދާޅެއް ނުވާނެ އެވެ. ގެފުޅަކީ އޭނާގެ މިލްކެއް ނޫނެވެ. އެއީ އެންމެހައި މުސްލިމުންނަށް ހަމަހަމަވެގެންވާ ތަނެކެވެ. ތިމަން ރަސްގެފާނުގެ އަމުރުފުޅަށް ތިމަން ރަސްގެފާނަށް ގެފުޅު ހުޅުވައި ދޭށެވެ. މި މީހުން އެންމެ ފަހުން ރަސްގެފާނަށް ގެފުޅު ހުޅުވައި ދީފި އެވެ.

މިކަމެއް ހިނގާފައި އޮއްވައި، ޝަރީފް ޣާލިބް ޖިއްދާއިން އެނބުރިވަޑައިގެން ރަސްގެފާނަށް ސިޓީފުޅެއް ފޮނުއްވައިފި އެވެ. ސިޓީފުޅުގައި އޮތީ ޖިއްދާގެ ބަނދަރުގައި ކާފަރުން ވަރަށް ގިނަވެއްޖެކަމަށާއި، ޖިއްދާގެ ބުރުޒުގައި ބެހެއްޓުމަށް ފަސް ބޮޑުބަޑި ދެއްވުން އެދޭކަމަށެވެ. ހައްޖުގެ ފަހުން އެ ބަޑިތައް އަނބުރާ ރައްދުކުރައްވާނޭކަމަށް ވެސް ސިޓީފުޅުގައި އޮތެވެ.

ރަދުން ފުރަތަމަ ގަސްތުކުރެއްވީ ޝަރީފް ޣާލިބް އެދިވަޑައިގެންނެވި ގޮތަށް އޭނާއަށް ބަޑިތައް ދޭށެވެ. އެހެންނަމަވެސް ރަދުންގެ އަރިސް ބޭކަލުން ލަފާ އެރުއްވީ އެކަން އެގޮތަށް ނުކުރެއްވުމަށެވެ. މިއީ ޝަރީފް ޣާލިބު މީހުން ފޭރުމަށް ބޭނުންކުރައްވާ އުކުޅެއް ކަމަށާއި ބަޑިތައް އަތުލެއްވުމަށްފަހު އެބަޑިތައް އަނބުރާ ނުދެއްވައި، ފަހުން އެހެން އެއްޗެއް ދެއްވުމަށް އެދޭނޭ ކަމަށެވެ.

ޝަރީފްގެ ގަސްތަކީ ރަދުން އަތްޕުޅުން ފޭރުންކަން އެނގިވަޑައިގަތުމުން އެކަމާ ކޯފާވެވަޑައިގެން ޝަރީފުގެ އިސް ވަޒީރަށް ރަދުން ވިދާޅުވި އެވެ. ކަލޭމެންނަށް އެކައްޗެއްވެސް ނުދެއްވާނަމެވެ. ކަލޭމެން ތިޔަ ގަސްތުކުރަނީ ތިމަން ރަސްގެފާނުގެ މުދާތައް ފޭރިގަތުމަށް ހެއްޔެވެ. އެންމެހައި އަރަބީން ބުނަނީ ކަލޭމެން އަނިޔާވެރިކަމާއެކު ރައްޔިތުންގެ މުދާތައް ފޭރިގަންނަ ކަމަށެވެ. މީސްތަކުންގެ މުދާ ފޭރިގަތުމަށް އޮއްވާ ކަލޭމެން ދެކުނީ ކޮން ފޮތަކުން ހެއްޔެވެ. މިކަންތައް ކަލޭމެންނަށް ދަސްކޮށްދިނީ ކޮން ދަންނަބޭކަލެއް ހެއްޔެވެ.

އޭގެ ދެދުވަހެއް ފަހުން ރަދުންގެ އަރިހަށް އިސް ވަޒީރު ވަޑައިގެން ދެންނެވި އެވެ. ޝަރީފް ޣާލިބު ވިދާޅުވިއޭ މަނިކުފާނު ތިމަންނާއަށް ތިޔަ ހުތުރު އެއްޗެހި ގޮވީ ކާފަރުންގެ ބިރާހެދި ހައްޖަށް ވަޑައިނުގެންނެވިފައި ހުއްޓަ އެވެ. މަނިކުފާނުންގެ އަރިހުން އެހީތެރިކަމަށް މި އެދުނީ މަނިކުފާނަކީ މުސްލިމުންގެ ރަސްކަލަކަށްވެފައި ތިމަންނާއަކީ ދެ ހަރަމުގެ ހާދިމުކަމަށްވީތީ އެވެ. ވީމާ މަނިކުފާނުގެ ފަރާތްޕުޅުން ހުތުރު ބަސްތައް އިވުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ. އަޅުގަނޑު ފޭރެނީ އަޅުގަނޑުގެ ރައްޔިތުންގެ މުދަލެވެ. ކޮންމެ ރަސްކަލަކުވެސް އެރަސްކަލެއްގެ ރައްޔިތުންގެ މުދާތައް ފޭރޭނެ އެވެ.

މިވާހަކަތައް ރަދުންނަށް ދަންނަވާފައި ދެން އަނެއްކާވެސް އެދުނީ ޖިއްދާގެ ބުރުޒުގައި ބެހެއްޓުމަށް ބަޑި ދިނުމަށެވެ. އެފަހަރުވެސް ރަދުން ކުރެއްވީ އިންކާރެވެ. އޭގެ ފަހުން ރަދުންގެ އަރިހުގައި ޝަރީފް ޣާލިބު ރަދުންގެ ނަވަށް ވަޑައިގެންނެވި އެވެ. އެއީ ނައު ބައްލަވާލައްވަން ކަމަށް ހައްދަވާފަ އެވެ. ޝަރީފް އެނބުރި ވަޑައިގެންނެވިތާ މާގިނައިރުތަކެއް ނުވަނީ ނަވަށް އޭނާގެ ސިފައިން ފޮނުއްވި އެވެ. އެމީހުން ނަވަށް އަރައި ނަވުގައި ތިބި ދިވެހިންނަށް ހަމަލާދީ، ނަވުގެ ބަނޑޭރި ހައްޔަރުކޮށް އޭނާއަށް ބިރުދައްކައިގެން ނަވުގައި ހުރިނަމަ ހުރިހާ މުދަލެއް ފޭރިގަތެވެ. އެއަށްފަހު، ނަވުގައި ތިބި މީހުންގެ ތެރެއިން ބަނޑޭރި އަލީއާއި، މީރުބަހުރު މުހައްމަދާއި ނަވުގެ މާލިމީ ހައްޔަރުކޮށް ޖަލުގައި ބަންދުކުރި އެވެ. އެމީހުން ދޫކޮށްލީ އޭގެ ތިންދުވަސް ފަހުންނެވެ.

މި ހާދިސާއަށް ދެތިން ދުވަސްފަހުން ޝަރީފްގެ އިސް ވަޒީރު ރަދުންނާ ބައްދަލުކުރައްވައި ދެންނެވި އެވެ. ޝަރީފް ވިދާޅުވި އެވެ. ޖިއްދާއާއި މައްކާގައި ތިބި ބައެއް އަރަބިން މަނިކުފާނުގެ ރަށްތަކުގެ ތެރެއިން ރަށަކަށް އުރުނު ނަވަކާ ބެހޭ ގޮތުން ތިމަންނާއާ އެބަ ސުވާލުކުރެ އެވެ. އެއީ 'ސީހު އާލަމް' އޭ ކިޔުނު، ސޫރަތަށް ނިސްބަތްވާ ނަވެކެވެ. އެ ނަވުގައި އަޅުގަނޑުމެންގެ މުދަލުގެ ތެރެއިން ހަތަރު ލައްކަ ރިޔާލަ ވެއެވެ. މި ހުރިހާ މުދަލެއް މިހާރު ހުރީ މަނިކުފާނުގެ އަތްޕުޅުގަ އެވެ. އަޅުގަނޑުމެން މަނިކުފާނު އަތްޕުޅުން އަތުލި (ފޭރުނު) ތަކެތި އެއާ އެއްވަރެއް ނޫނެވެ. އެހެންވީމާ މަދުވާ ބައި ދިނުމަށް ޝަރީފް އަމުރުކުރައްވަ އެވެ.

މިވާހަކަ އައްސަވައި ރަދުން ވިދާޅުވި އެވެ. ކަލޭމެން ފޭރުނު މުދާ ފިޔަވައި އެހެން އެއްވެސް މުދަލެއް އަހަރެންގެ އަތަކު ނެތެވެ. އެކަމަކު ވަޒީރު ގެންދިޔައީ ރަސްގެފާނަށް މަޖުބޫރު ކުރައްވައި ކުރިފުޅުމަތީގައި ގަދަބަސް ބުނަމުންނެވެ. ރަދުން ކޯފާ އިސްކުރައްވައި އެންމެ ފަހުން ވިދާޅުވީ ރަސްގެފާނުގެ ކަނޑިކޮޅު އަތްޕުޅުގައި އޮއްވައި އިތުރަށް އެންމެ މުދަލެއް ގެންދިއުންވެސް ލާހިކު ނޫން ކަމުގަ އެވެ. އޭގެ ފަހުން ހާދިމުންނަށް އަމުރުކުރައްވައި އިސްވަޒީރު ދަމާކޫއްތާފައި ރަދުންގެ އަރިހުން ނެރެލީ އެވެ.

މިކަމެއް ހިނގާފައި އޮއްވައި ރަދުންނާއި ރަދުންގެ އަރިހުގައިވީ މީހުން ހައްޖުވެ، މައްކާއިން ޖިއްދާއަށް ވަޑައިގަންވާން ފެއްޓެވުމުން ޝަރީފް އަމުރުކުރެއްވީ ރަސްގެފާނު މައްކާގައި ހިފެހެއްޓުމަށެވެ. މައްކާގައި ހައްޔަރުވެވަޑައިގެން ހުންނަވަނިކޮށް ރަސްގެފާނަށް ކަށިވިދުރީގެ އާލާސްކަންފުޅު ޖެހިވަޑައިގަތެވެ. އެހެންކަމާއެކު ބޭސްކޮޅަށް ޖިއްދާއަށް ވަޑައިގަތުމުގެ އިޒުނައަށް އެދިވަޑައިގަތުމުން އެ އިޒުނަ ދެއްވީ ރަސްގެފާނުގެ އަތްޕުޅުން ދިހަހާސް ރިޔާލަ އަތުލައްވާފަ އެވެ. ޖިއްދާއަށް ވަޑައިގަތުމުގެ ހުއްދަ ދެއްވި ނަމަވެސް ރާއްޖެ އެނބުރި ވަޑައިގަތުމަށްޓަކައި ނައުކޮޅަށް ވަޑައިގަތުމުގެ ހުއްދައެއް ލިބިވަޑައެއް ނުގަތެވެ. ރަދުން އަވަހާރަވީ ޖިއްދާގައި ޖޫން 1، 1799 ގަ އެވެ. އަވަހާރަވުމުން ޝަރީފް ހެއްދެވި ގޮތަކީ ރަދުން ޖިއްދާއަށް ވަޑައިގަތުމަށް ބޭނުންކުރެއްވި ދެ ނައުކޮޅާއި ނަވުގައި ހުރި މީސްމީހުންގެ މުދަލާއި ރާއްޖެއިން ގެންދެވި ފޮތްތަކަށް ދާންދެން ފޭރިގަތީ އެވެ.

އައްސުލްތާން ހަސަން ނޫރައްދީންގެ ރަސްކަމުގައި ރާއްޖޭގެ ތަނަވަސްކަން އެތައް ގުނައަކުން އިތުރުވެގެން ދިޔަ އެވެ. އެހެންވީ އެ ރަދުންނަކީ އުފެއްދުންތެރިކަމަށާއި، އަމިއްލަވަންތަކަމަށް ވެސް ލޯބި ކުރެއްވި ރަސްކަލަކަށް ވުމުންނެވެ. ދިވެސް އަކުރާއި ތާނަ އަކުރު ބޭނުންކޮށްގެން ރަސްމީ ލިޔުންތައް ލިޔަމުން ގެންދަނިކޮށް ހަމައެކަނި ތާނައަކުރު ބޭނުންކުރުމަށް އެންގެވީ މިރަދުންނެވެ. އެއީ ދިވެހިރާއްޖޭގެ އަމިއްލަވަންތަ ޝަހުސިއްޔަތެއްގެ ބިންގާ އެޅުއްވުމަށް އެޅުއްވި ފިޔަވަޅެއްކަމަށް ބެލެވެ އެވެ.

އެރަދުންގެ ރަސްކަމުގައިވެސް ވަރުވަރުން އެކި މީހުންނާމެދު ބޭއިންސާފުވެރިވެފައި އެބަހުއްޓެވެ. ސޫރަތަށް ނިސްބަތްވާ 'ސީހު އާލަމް' އޭ ކިޔުނު އުޅަނދުގެ މައްޗަށް ބާރުފޯރުއްވައި، އެ އުޅަނދުގެ މުދާތައް ހިއްޕެވުން ވެގެންދިޔައީ ބީރަށްޓެހި ވަޒަނެއްގައި އެމަނިކުފާނުގެ ބާރުވެރިކަން ގެއްލި، އަނިޔާވެރިއެއްގެ އަތްދަށުވުމަށް މެދުވެރިވި ހުއްޖަތަކަށެވެ. 'ސީހު އާލަމް' ގެ ވާގިއާ އެގޮތަށް ނުހިނގިނަމަވެސް ހަސަން ނޫރައްދީނާމެދު ޝަރީފް ޣާލިބު އަނިޔާވެރިވުމަކީ އޭނާގެ ފިތުރަތަށް ބަލާއިރު ނުވެދާނޭ ކަމެއް ނޫނެވެ. އެހެންނަމަވެސް އެކަން އެމަގުން ނުހިނގިނަމަ ރަސްގެފާނުގެ މުދާ ފޭރިގަތުމާއި އަނިޔާވެރިވުމުގެ މައްޗަށް އެއްވެސް ހުއްޖަތެއް ނުއޮތީހެވެ.