Advertisement

ހަމާސް ލީޑަރުގެ މަރަށް ބަދަލު ހިފުމުގެ ގޮތުން ހިޒްބުﷲ އިން އިޒްރޭލަށް ވަރުގަދަ ހަމަލާއެއް ދީފި

7 ޖަނަވަރީ 2024 - 06:39 2

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


ހަމާސް ލީޑަރުގެ މަރަށް ބަދަލު ހިފުމުގެ ގޮތުން ހިޒްބުﷲ އިން އިޒްރޭލަށް ވަރުގަދަ ހަމަލާއެއް ދީފި

7 ޖަނަވަރީ 2024 - 06:39 2

ހަމާސްގެ ޑެޕިއުޓީ ލީޑަރު ޝަހީދުކޮށްލުމަށް ލުބުނާނުގެ ވެރިރަށް، ބެރިއޫތަށް ދިން ހަމަލާގެ ރައްދުގައި ހިޒްބުﷲ އިން އިޒްރޭލަށް ވަރުގަދަ ހަމަލާއެއް ދީފި އެވެ.

ހިޒުބުﷲ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ހަމާސްގެ ޑެޕިއުޓީ ލީޑަރު، ސާލިހު އަލް އަރޫރީގެ މަރަށް ބަދަލު ހިފުމުގެ ގޮތުން އިޒްރޭލުގެ މެރިން އެއާ ކޮންޓްރޯލް ބޭސްއަށް އެކި ބާވަތުގެ 62 މިސައިލް ބޭނުން ކޮށްގެން އިއްޔެ ހަމަލާ ދީފައިވާ ކަމަށެވެ.

އެ ހަމަލާގައި ލިބުނު ގެއްލުމެއް އަދި މިހައިތަނަށް އިޒްރޭލުން ހާމަކޮށްފައެއް ނުވެ އެވެ.

އިޒްރޭލު އަސްކަރިއްޔާއިން ވެސް ވަނީ މެރިން އެއާ ބޭސްއަށް އަމާޒުކޮށް ހިޒްބުﷲ އިން ހަމަލާއެއް ދީފައިވާ ކަމަށް ބުނެފަ އެވެ. ނަމަވެސް އިޒްރޭލުން ބުނެފައި ވަނީ ހިޒްބުﷲ އިން ފޮނުވާލާފައި ވަނީ 40 ރޮކެޓު ކަމަށެވެ.

ހިޒްބުﷲ އިން އިޒްރޭލަށް ހަމަލާދީފައި މިވަނީ ޔޫރަޕިއަން ޔޫނިއަންގެ ފޮރިން ޕޮލިސީ ޗީފް، ޔޯސެފް ބޮރެލް ލުބުނާނުގެ ބޮޑުވަޒީރާ ބައްދަލުކުރައްވައި ފަލަސްތީނު ހަނގުރާމައިގެ ތެރެއަށް އެގައުމުން ނުވަނުމަށް އިންޒާރު ކޮށްފައި ވަނިކޮށެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު 7 ވަނަ ދުވަހު އިޒްރޭލުން ހަމާސްއާ ދެކޮޅަށް ހަނގުރާމަ އިއުލާނު ކުރީއްސުރެއް ހިޒްބުﷲ އިން ދިޔައީ އިޒްރޭލާއި ލުބުނާނު ވަކިވާ ބޯޑަރު ސަރަހައްދުގައި ހަމަލާ ބަދަލު ކުރަމުންނެވެ. ނަމަވެސް މިދިޔަ އަންގާރަ ދުވަހު ލުބުނާނުގެ ވެރިރަށަށް އިޒްރޭލުން ހަމަލާދީ ހަމާސްގެ ޑެޕިއުޓީ ލީޑަރު ހިމެނޭހެން 7 މީހުން ޝަހީދުކޮށްލި ހަމަލާއަށްފަހު ހިޒްބުﷲ އާއި އިޒްރޭލާ ދެމެދު ބަދަލު ކުރާ ހަމަލާތައް ހަނގުރާމައަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑު ވެފަ އެވެ.

އެ ހަމަލާއާ ގުޅިގެން ހިޒްބުﷲ އިން ރައްދު ހަމަލާ ނުދީފި ނަމަ މުޅި ލުބުނާނަށް އިޒްރޭލުގެ ނުރައްކާ ބޮޑުވާނެ ކަމަށް އެ ޖަމާއަތުގެ ލީޑަރު، ހަސަން ނަސްރުﷲ ވަނީ މިދިޔަ ހުކުރު ދުވަހު ބުނެފަ އެވެ. އޭނާ ބުނީ އަރޫރީއަށް ދިން ހަމަލާއަށް ހިޒްބުﷲ އިން އަޅާ ނުލައި ނުތިބޭނެ ކަމަށެވެ.

ނަސްރުﷲ ބުނެފައި ވަނީ އިޒްރޭލުން ލުބުނާނާ ދެކޮޅަށް ހަނގުރާމަ އިއުލާނުކޮށްފި ނަމަ ހިޒްބުﷲ އިން ދެން ހަނގުރާމަ ފަށާނީ އެއްވެސް ހަމައެއް އުސޫލެއް ނުބަލައި ކަމަށެވެ.

ފަލަސްތީނު ހަނގުރާމަ މުޅި މެދުއިރުމައްޗަށް ފެތުރިގެން ހިނގައިދާނެ ކަމުގެ ބިރާ އެކު ޔޫރަޕިއަން ޔޫނިއަންގެ އިތުރުން އެމެރިކާއިން ވެސް ދަނީ މެދުއިރުމަތީގެ ގައުމުތަކުގައި މަޝްވަރާތަކެއް ކުރަމުންނެވެ.