6 ޖަނަވަރީ 2024 - 00:21 1
އަތޫފް އާތިފް
ސިފައިންގެ ކްލަބްގެ ކުޅުންތެރިން ގައުމީ ލީގުގެ ތަށްޓާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
6 ޖަނަވަރީ 2024 - 00:21 1
ޕޮލިސް ކުލަބް ސީދާ ތިން ސެޓުން ބަލިކޮށް، ދިވެހި ސިފައިންގެ ކުލަބުން ގައުމީ ވޮލީބޯޅަ ލީގު ޗެމްޕިއަންކަން ހޯދައިފި އެވެ.
މިއީ، ރާއްޖޭގެ އެންމެ މަތީ ފަންތީގެ ވޮލީގައި ސިފައިން ހޯދި 18 ވަނަ ތަށްޓެވެ. ވޮލީގައި އެންމެ ކާމިޔާބު އެއް ޓީމުގެ ގޮތުގައި މިހާރު އޮތް ސިފައިންގެ ޓީމުން އެންމެ ފަހުން، ގައުމީ ވޮލީ ލީގު ކާމިޔާބުކުރީ 2019 ވަނަ އަަހަރު އެވެ. އެންމެ ފަހުން ގައުމީ ވޮލީ ލީގު ކާމިޔާބުކުރީ ސްޕޯޓްސް ކްލަބް ސިޓީންނެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި މިރޭ ކުޅުނު ލީގުގެ ފަހު މެޗު ސިފައިން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ 25-10, 25-19 އަދި 25-15 އިންނެވެ.
މި މެޗުގައި ޕޮލިހުގެ ރިސީވްތައް ދަށްވުމުގެ ނަތީޖާއަކީ ސިފައިންގެ އެޓޭކުތައް ނުހުއްޓުވުމެވެ.
ޕޮލިސް އާއި ސިފައިން ބައްދަލުކުރި މެޗުގެ ތެރެއިން: ސިފައިންގެ ޓީމުގެ ލޯންގޭ (ކ) އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
މި ފަހަރުގެ ގައުމީ ވޮލީ ލީގުގެ ފުލަށް ދިޔަ، ޕޮލިސް ވަނީ ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވެފަ އެވެ. ޕޮލިހުން ކްލަބެއްގެ ނަމުގައި 2005 ވަނަ އަހަރުން ފެށިގެން ވާދަކުރަމުން އަންނަނީ ވޮލީބޯޅައިގެ އެންމެ މަތީ ފަންތީގަ އެވެ. ދެން އެ ޓީމުން ލީގަށް ވަންނަން ޖެހޭނީ، އެސޯސިއޭޝަން ކަޕްގެ ޕްރިލިމިނަރީ ބުރުން ފެށިގެން އައިސް އެވެ.
މިއަދު ހަވީރު ކުޅުނު މެޗު ކާމިޔާބުކޮށް، އެސޯސިއޭޝަން ކަޕް ކާމިޔާބުކުރި ސިޓީ ސްޕޯޓްސް ކުލަބުން ވަނީ ލީގުގެ ދެ ވަނަ ހޯދައިފަ އެވެ. ގައުމީ ލީގުގައި މުޅިން އަލަށް ވާދަކުރާ، ސިޓީ ސްޕޯޓްސް ކުލަބުން މިއަދު ހަވީރު ވަނީ ކުލަބް ވެމްކޯ 3-2 ސެޓުން ބަލިކޮށްފަ އެވެ. މި މެޗުގެ ސެޓުތައް ދިޔައީ 25-21, 24-26, 22-25,25-21 އަދި 15-13 އިންނެވެ.
ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ސެޓު ސިޓީން ކާމިޔާބުކުރީ ފަހު ވަގުތު ތަފާތު ދައްކައިގެންނެވެ. އެއާއެކު މި ސެޓު ސިޓީން ކާމިޔާބުކުރީ 25-21 އިންނެވެ. އެކަމަކު ޖެހިގެން އައި ސެޓުގައި ވެމްކޯއިން ވަނީ ވާދަވެރި ކުޅުމަކަށްފަހު 26-24 އިން ކާމިޔާބުކޮށްފަ އެވެ. އަދި ތިން ވަނަ ސެޓުގައި ވެސް ވެމްކޯ ޓީމުގެ ފަރާތުން ފެނިގެންދިޔައީ ދެ ވަނަ ސެޓުގައި ވެސް އެ ޓީމުގެ ފަރާތުން ފެނިގެންދިޔަ ރޫހު ތަކުރާރުކުރި މަންޒަރެވެ. އެއާ އެކު ތިން ވަނަ ސެޓު ވެމްކޯއިން ގެންދިޔައީ 25-22 އިންނެވެ. އެކަމަކު، ޖެހިގެން އައި ސެޓުގައި ސިޓީން ވަނީ އިތުރު ހިތްވަރަކާއެކު ކުޅެ 25-21 އިން އެ ސެޓު ކާމިޔާބު ކޮށްފަ އެވެ. އަދި ފަހު ސެޓު އެޓީމުން ގެންދިޔައީ 15-13 އިންނެވެ.
ގައުމީ ލީގުގެ އެންމެ މޮޅު ސެޓަރަކީ, ދިވެހި ސިފައިންގެ ކުލަބްގެ ހުސެއިން ޝާހިދެވެ. އެންމެ މޮޅު މިޑިލް ބޮލޮކަރަކަށް ވެމްކޯގެ ހުސެއިން ޔޫސުފް (ޓޯއި) ހޮވުނުއިރު, ސެކަންޑް ބެސްޓް މިޑިލް ބްލޮކަރަކަށް ހޮވުނީ ސިޓީގެ ފާޒިލް އެވެ. އެންމެ މޮޅު އައުޓް ސައިޑް އެޓެކަރަކަށް އާބަންކޯގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) ހޮވުނުއިރު, ސެކަންޑް ބެސްޓް އައުޓް ސައިޑް އެޓޭކަރަކަށް ހޮވުނީ ވެމްކޯގެ އަލީ ހުޒާމް (ހުޒަންޓޭ)އެވެ.
އެންމެ މޮޅު އޮޕަސިޓް ޕްލޭޔަރަކަށް ސިފައިންގެ އަހްމަދު އަބްދުލް ކަރީމް (ލޯންގޭ) ހޮވުނުއިރު, އެންމެ މޮޅު ލިބަރޯ އަކަށް ހޮވުނީ ވެމްކޯގެ އަހުމަދު ނަބީލް (ނައްބަ) އެވެ. އެންމެ އުންމީދީ ކުޅުންތެރިޔަކީ ކްލަބް ސްޕޯޓްސް ކުލަބް ސިޓީގެ އަހުމަދު އިސާމް އެވެ. އަދި އެންމެ މޮޅު ކޯޗަކީ ސިފައިންގެ ކޯޗު ޖުނައިދު އަބްދުالله (މާމަ) އެވެ. މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އާދަމް ނަސީމް (އެޑަމް) އެވެ.
Comment