8 އޭޕްރީލް 2025 - 08:54 0
8 އޭޕްރީލް 2025 - 08:54 0
މިދިޔަ އަހަރުތަކުގައި ކްލަބް އެޗްޑީސީ ޓީމުގައި މޮޅު ކުޅުމެއް ދެއްކި ގައުމީ ވޮލީބޯޅަ ޓީމުގެ އާދަމް ފައިރޫޒް، ކުރިއަށް އޮތް ސީޒަނަށް ދިވެހި ސިފައިންގެ ކްލަބަށް ބަދަލުވެއްޖެ އެވެ.
މިދިޔަ ސީޒަނުގައި ކްލަބް އެޗްޑީސީން އެސޯސިއޭޝަން ކަޕާއި ގައުމީ ލީގުގެ ޗެމްޕިއަންކަން ހޯދިއިރު، އެ ޓީމުގައި ފައިރޫޒް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
ގަައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި ހޯދަން އެޗްޑީސީން ނުކުތް ނަމަވެސް ފައިނަލުގައި ސިފައިން އަތުން ވަނީ ބަލިވެފަ އެވެ.
ވޮލީބޯޅައިގައި އެންމެ ކާމިޔާބު އެއް ޓީމު ކަމަށްވާ ސިފައިންގެ ކްލަބުން ފައިރޫޒްގެ ސޮއި ހޯދިކަން މިއަދު އިއުލާނުކުރުމަށް ފަހު ބުނެފައިވަނީ، ކުރިއަށް އޮތް ސީޒަނުގައި، ފައިރޫޒް، ހިމެނިގެން އެ ޓީމު އިތުރަށް ވަރުގަދަވެގެންދާނެ ކަމަށެވެ.
ސިފައިންގެ ކްލަބްގެ ނައިބު ރައީސް، ޝާމިން (ކ) އާއި ފައިރޫޒް.
ސިފައިންގެ ޓީމުގެ ކުޅުންތެރިއެއްގެ ގޮތުގައި ފައިރޫޒް ތައާރަފްކުރީ، އެ ސިފައިންގެ ކްލަބްގެ ނައިބު ރައީސް، ކޮލޮނެލް އަހުމަދު ޝާމިން އެވެ.
ފައިރޫޒް ބުނީ، ދިވެހި ސިފައިންގެ ކްލަބާ ގުޅުނު އެންމެ ބޮޑު ސަބަބަކީ މި ވަގުުތަށް ބަލާއިރު، އެއީ އެންމެ ރަނގަޅު ނިންމުން ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.
ވޮލީ ކެރިއަރުގައި މީގެ ކުރިން ވެސް ފައިރޫޒް ވަނީ ސިފައިންގެ ކްލަބަށް ކުޅެފަ އެވެ.
ރާއްޖޭގައި މި ވަގުތު ހުރި އެންމެ ހުނަރުވެރި އެއް، ސެންޓަ ބްލޮކަރު، ފައިރޫޒް ވަނީ ދާދި ފަހުން، ގައުމީ ފިރިހެން ޓީމުގެ ކެޕްޓަންކަން ވެސް ކޮށްފަ އެވެ. އެއީ، 2023 ވަނަ އަހަރު މަޑަގަސްކަރާގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން ފެށިގެންނެވެ.
ވ. ކެޔޮދޫ އަށް އުފަން، ފައިރޫޒް އަންނަނީ، ޒުވާން އުމުރުގައި ޖޫނިއާ ގައުމީ ޓީމުން ލިބުނު ފުުރުސަތުގެ ބޭނުންހިފައި، ރަނގަޅު ކުޅުމެއް ދެއްކުމަށް ފަހު، ސީނިއާ ގައުމީ ޓީމުން ޖާގަ ހޯދައި، އެ މަގާމު ދަމަހައްޓަމުންނެވެ. އެ ގޮތުން، 2015 ވަނަ އަހަރު ފެށިގެން ގައުމީ ސީނިއާ ވޮލީ ޓީމުގައި އޭނާ އަންނަނީ ފެންވަރު ސާބިތުކޮށްދެމުންނެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment