Advertisement

ވާގޮތް: ޑޭޓާތަ ނޫނީ ޑާޓާތަ؟

6 ޖަނަވަރީ 2024 - 07:55 3

ރައްޔާން މުހައްމަދު

ރައްޔާން މުހައްމަދު


ވާގޮތް: ޑޭޓާތަ ނޫނީ ޑާޓާތަ؟

6 ޖަނަވަރީ 2024 - 07:55 3

ބަހުގެ ބަހުސްތަކުގެ ދާއިރާގައި، "Data" މި ލަފުޒު ކިޔުމުގެ ވަށައިގެންވާ ފޯރިއާ ވާދަކުރަނީ މަދު ހަނގުރާމަތަކެކެވެ. އަހަރުމެންގެ ޑިޖިޓަލް ދުނިޔެއާ އެކު ދިރިގެން އައި މި ބަސް، ކުންފުނިތަކުގެ ބޯޑުރޫމްތަކުން ފެށިގެން އާންމު މާހައުލުތަކުގައި ވެސް މިވަނީ ބޭނުންކުރުން އާންމުވެފަ އެވެ. ނަމަވެސް މި ބަސް ދެގޮތަކަށް ކިޔާ އުޅެ އެވެ. އެއްބަޔަކު "ޑޭޓާ" ކިޔާ އިރު، އަނެއް ބަޔަކު ކިޔަނީ "ޑާޓާ" އެވެ.

ހަތަރު އަކުރުގެ މި ލަފުޒު ފާޅުކުރާ ގޮތާ މެދު އުފެދިފައިވާ ހިޔާލުތަފާތުވުން މާބޮޑު ގެއްލުމެއް ނެތެވެ. ނަމަވެސް ކޮންމެ ކަމެއް ވެސް ވާގޮތާ މެދު ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް މިއީ ސުވާލު އުފެދޭ ފަދަ ކަމެކެވެ. އާންމު ގޮތެއްގައި އެއް ބަހެއް ކިޔާ ގޮތް ތަފާތުވުން ބިނާވެފައި ވަނީ އެބައެއްގެ ގައުމު ނުވަތަ ސަރަހައްދާއި، ތައުލީމީ ފަސްގަނޑާއި، ސަގާފީ ނުފޫޒުތަކުގެ މައްޗަށެވެ.

ނަމަވެސް މި ބަސް މިގޮތުންވެސް ތަފާތެވެ. އެއީ އިނގެރޭސި ބަހުން ވާހަކަ ދައްކާ ގައުމުތަކުގެ ރައްޔިތުން ވެސް ދެ ގޮތަށް މި ބަސް ކިޔާތީ އެވެ. އަދި އޭގެ ވަކި ސަބަބެއް އެމީހުންނަށް ނުދެއްކެވެ. ގިނަބަޔަކު ބުނާ ގޮތުން އެމީހުން އެ ބަސް ކިޔާ ގޮތަކީ ދަސްކޮށްދިން ނުވަތަ ދަސްވި ގޮތެވެ.

އެހެންކަމުން ކޮންމެ ކަމެއްގެ ވެސް ހަގީގަތް ހޯދުމަށް ކުރާ މަސައްކަތްކަމަށްވާ، "ކަމުގެ އެންމެ އަޑިއަށް" ދަމާ ހެއްޔެވެ. މި ހާލަތުގައި އަޑިއަށް މިވަނީ މިބަހުގެ ތާރީހެވެ. ފުރަތަމަ ކަމަކަށް މި ބަސް ވުޖޫދުވެގެން އައި ގޮތް ބަލާލާނަމެވެ.

އިނގެރޭސި ގިނަ ބަސްތަކެއް ފަދައިން، ވާހަކަ ދެކެވެމުން މިދާ ބަހަކީ ވެސް ލެޓިންއިން އޭގެ މޫތައް ފެންނަ ބަހެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި Data އަކީ ހަގީގަތުގައި ލެޓިން ބަހެއް ކަމަށްވާ Datum (ޑޭޓަމް) ގެ އެކަކަށްވުރެ ގިނަ ނުވަތަ 'ޕްލޫރަލް' ގޮތެވެ.

ޑޭޓަމްގެ އަސްލު އައިސްފައިވަނީ ލެޓިން އެހެން ބަހެއް ކަމަށްވާ Dare (ޑެއާ) އިންނެވެ. މި ބަހުގެ މާނައަކީ ދިނުމެވެ. އެހެންކަމުން Data ބޭނުންކުރަމުން އައީ އެކެއްޗަށް ވުރެ ގިނަ އެއްޗެހިތަކެއް ދިނުމަށް ރިއާޔަތްކުރާ ސިފައެއްގަ އެވެ.

މި ބަސް އިނގެރޭސި ބަހުގެ ތެރެއަށް ވަނީ 16 ވަނަ ގަރުނާ 17 ވަނަ ގަރުނާ ދޭތެރޭގަ އެވެ. މި ހިސާބުގައި ވެސް ބަސް މާނަކުރަމުން ދިޔައީ، ލެޓިންގައި މާނަކޮށްފައިވާ ގޮތަށް ގިނަ އެއްޗެހިތަކެއް ދިނުމުގެ ގޮތުގަ އެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ބަސް ފުރަތަމަ އިނގެރޭސި ބަހުގައި ބޭނުންކުރަން ފެށި އިރު، ޕްރޮނައުންސްކޮށްފައި ވަނީ ލެޓިން އިން އައިސްފައިވާ ގޮތަށެވެ. އެއީ "ޑޭޓާ" އެވެ. މި ބަހުގެ އަސްލުކަމަށްވާ ކުރިން ދެންނެވުނު ދެބަހުން މިކަމަށް ބާރުދެ އެވެ. އެއީ "ޑެއާ" އަދި "ޑޭޓަމް" ވެސް ފެށެނީ "ޑެ" މި ފަދަ އަޑަކުން ކަމަށްވާތީ އެވެ.

ނަމަވެސް ޑިޖިޓަލް އަހަރުތަކުގެ ކޮޅުމައްޗާއެކު މި ބަސް ބޭނުންކުރުމަށް ބަދަލުތަކެއް އަންނަން ފެށި އެވެ. ފުރަތަމަ ކަމަކަށް ބަހުގެ މާނައަށް ތަފާތުކަމެއް ގެނުވި އެވެ. ކުރިން ދިނުމުގެ މާނައިގައި ބޭނުންކުރަމުން އައި ބަސް ފަހުން ބޭނުންކުރެވެން ފެށި ވަކި ޓެކްނޮލޮޖީތަކެއްގައި "ދޭ ނުވަތަ ލިބޭ މައުލޫމާތު" އިޝާރާތްކުރުމަށެވެ.

މި ބަސް އިތުރަށް މަގުބޫލުވާން ވެސް ފެށީ މި ސަބަބުތަކަށްޓަކަ އެވެ. ކޮންމެ ޓެކްނޮލޮޖީއެއްގަ ވެސް Data ހުންނަން ފެށިފަހުންނެވެ. މިއީ ކުރިއަރަމުން އައި ދުނިޔެއަށް މުހިންމު ބަހަކަށްވެ ގިނަބައެއްގެ ތުންފަތް މައްޗަށް ބަސް ފޯރައިފި އެވެ. ބަސް ކިޔާ ގޮތާ މެދު ހިޔާލުތަފާތުވުން އުފެދެން ފެށީ މިހާ ހިސާބުންނެވެ.

ކޮންމެ ފަރާތަކަށް ވެސް އެނގޭނެ ފަދައިން އިނގެރޭސިއަކީ ވެސް "ފާޑެއްގެ" ބަހެކެވެ. އެއްވައްތަރެއްގެ އަކުރުތަކެއް ހުރި ކަމުގައި ވީ ނަމަވެސް ބައެއް ބަސްތައް ކިޔާ ގޮތް ތަފާތުވެގެން ދެ އެވެ. މިސާލަކަށް ބުނާ ނަމަ Good މިބަސް ކިޔަނީ "ގުޑް" މިހެންނެވެ. ނަމަވެސް އެއް އަކުރު ބަދަލުވެފައި އިންނަ Mood ކިޔަނީ މޫޑް މިފަދައިންނެވެ. މިއީ ވަރަށް ކުޑަކުޑަ މިސާލެކެވެ. މި ނޫނަސް އެތައް މިސާލެއް ފެންނަން އެބަހުއްޓެވެ.

އިސްވެ ބުނި ފަދައިން ގިނަބައެއްގެ ދުލަށް Data ފަރިތަވާން ފެށި ހިސާބުން ހިޔާލުތަފާތުވުން އުފެދި ބަހުސްތައް ފެށުނެވެ. "ޑޭޓާ" ކިޔާމީހުން ޖަދަލު ކުރަނީ އާންމު އިނގިރޭސި ބަހުގެ a އަކުރު އާންމުކޮށް ކިޔާ އުޅެނީ "އެ" ނުވަތަ "އޭ" މި އަޑުންކަމަށެވެ. މީގެ ކުޑަ މިސާލަކަށް އިނގެރޭސިން ދުވަހަށް ދީފައިވާ ނަން Day (ޑޭ) ބުނެވިދާނެ އެވެ.

މިއާ ހިލާފަށް "ޑާޓާ" އަށް ތާއީދުކުރާ މީހުން ވަކާލާތު ކުރަނީ ހަމަ މި އަކުރަކީ "އާ" ފަދަ އަޑުތައް ވެސް ނެރެން ބޭނުންކުރާ ބަހެއް ކަމަށެވެ. މިސާލަކަށް އިނގެރޭސީގައި Father (ފާދާ)، car (ކާ)، Half (ހާފް) މިހުރިހާ ބަހެއްގައި ވެސް a އަކުރުގެ އަޑު އަންނަނީ "އާ" އެއްގެ އަޑުންނެވެ.

އާހިރުގައި ދެގޮތަކަށް ބަސް ބޭނުންކުރެވެމުން ދިޔަ އެވެ. އެހެން ދަމުން ގޮސް ރާއްޖެ ފަދަ ކުދި ގައުމުތަކުގެ ރައްޔިތުންނަށް ވެސް މި ބަސް ދަސްވެފައި މިވަނީ އެކި މީހުންގެ ކައިރިން އެކި ގޮތަށެވެ.

އެހެންކަމުން މީގައި ރަނގަޅު ގޮތަކީ ކޮބައި ހެއްޔެވެ؟ މި ސުވާލަށް އޮތް ޖަވާބަކީ މިއަދުގެ ދުނިޔޭގައި މީގައި ގޯސް ގޮތެއް ނެތްކަމެވެ.

ގަބޫލުކުރަންޖެހޭ ހަގީގަތަކީ ބަހަކީ އަބަދުވެސް ބަދަލުވަމުން އަންނަ އެއްޗެއްކަމެވެ. ބަހުގެ މައިގަނޑު ބޭނުމަކީ މުއާމަލާތްކުރުން ކަމުގައި ވާއިރު، މުއާމަލާތުގައި ބޭނުންކުރާ ބަސްބަހުން ކަންކަން ދޭހަވާނަމަ އޭގައި ގޯހެއް ވާކަމަކަށް ނުދެކެވޭނެ އެވެ. "ޑޭޓާ" ނުވަތަ "ޑާޓާ" ކިޔަސް، އަހަރުމެން ކޮންމެ މީހަކަށް އެ އިޝާރާތް ކުރަނީ ކޮންކަމަކަށްކަން އެބަ ފަހުމުވެ އެވެ.