Advertisement

މަޝްރޫއުތަކަށް ވެލި ނަގާތީ އެންވެރިކަން ހަލާކުވެއްޖެ: ޔޫނިއަން

4 ޖަނަވަރީ 2024 - 10:21 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

މާލެ ސަރަހައްދުގައި މިހާރު ހިންގަމުންދާ ހުރިހާ ޕްރޮޖެކްޓެއްގައި ވެސް ބޭނުންކުރަމުންދާ ކޮންނަ ބޯޓު


މަޝްރޫއުތަކަށް ވެލި ނަގާތީ އެންވެރިކަން ހަލާކުވެއްޖެ: ޔޫނިއަން

4 ޖަނަވަރީ 2024 - 10:21 0

މާލެ ސަރަހައްދުގައި މިހާރު ހިންގަމުންދާ ބިން ހިއްކުމުގެ ބިޔަ މަޝްރޫއުތަކަށް ބޭނުންވާ ވެލި އަތޮޅުތެރެއިން ނެގުމުގެ ސަބަބުން އެންވެރިކަން ހަލާކުވެފައިވާ ކަމަށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންއިން ބުނެފި އެވެ.

އެ ޔޫނިއަނުން އިއްޔެ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް އާއި އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ޓެގު ކުރުމަށް ފަހު އެކްސްގައި އާންމުކުރި ވީޑިއޯއެއްގައި "ފިލީޕޯ ބްރޫނެލޭޝީ" ޑްރެޖަރުން ވެލި ނަގާ މަންޒަރު ހާމަކޮށް, ކަންބޮޑުވުން ވަނީ ފާޅުކޮށްފަ އެވެ.

"ކަންނެލި މަސްވެރިން އެންމެ ރަނގަޅަށް އެންވެރިކަން ކުރަމުން އަންނަ އިހުރު ވައްބިންފަރު ކައިރިން ކޮންމެ ދުވަހަކު މަހާޖައްރާފު ވެލި ނަގަމުން ދާތީ އެންވެރިކަން ހަލާކު ވެއްޖެ! މިކަން މިއަދުން މިއަދަށް ހުއްޓުވުމަށް ކަމާބެހޭ އެންމެހާ ފަރާތްތަކަށް ގޮވާލަން،" އެ ޕޯސްޓުގައި ބުނެފައިވެ އެވެ.

ބެލެވޭ ގޮތުގައި މި ވީޑިއޯއިން ފެންނަނީ ހުޅުމާލޭ ތިންވަނަ ފިޔަވަހި ހިއްކުމަށް ބޭނުންވާ ވެލި ޑްރެޖަރަށް ނަގާ މަންޒަރެވެ. މަޑުޖެހިފައި އޮތް އެ މަޝްރޫއުގެ މަސައްކަތް މިހާރު ވަނީ އަލުން ފަށައިފަ އެވެ.

މި ޕްރޮޖެކްޓަށް ބޭނުންވާ ވެލި ނެގުމަށް ކޮންނަން ހުށަހަޅާފައި އޮތީ މާލެ އަތޮޅު އިހުރު އަދި ވައްބިންފަރު ރިސޯޓާއި ދިމާލުން ކަނޑުގެ ސަރަހައްދުންނެވެ. އެއީ, ޔޫނިއަނުން ބުނާ ގޮތުގައި އެންމެ ރަނގަޅަށް މަސްވެރިން އެންވެރިކަން ކުރާ އެއް ސަރަހައްދެވެ.

މި މަޝްރޫއު ކުރިއަށް ގެންދިއުމަށް 7.1 މިލިއަން ކޮޑިމީޓަރުގެ ވެލި ބޭނުންވާނެ އެެވެ. އަދި އެކަމަށްޓަކައި 3،600 އަކަ މީޓަރުގެ ސަރަހައްދެއް 2.5 މީޓަރަށް ކޮންނަން ޖެހޭނެ އެވެ.

ވެލި ނަގާ ޑްރެޖަރުގެ ފުޅާ މިނުގައި 27.5 މީޓަރު އަދި ދިގުމިނުގައި 142.5 މީޓަރު ހުންނައިރު، 11،300 ކިއުބިކް މީޓަރުގެ ހޮޕަ ކެޕޭސިޓީ ހުރެ އެވެ.

މާލޭ ސަރަހައްދުގައި ބިން ހިއްކުމުގެ ބިޔަ މަޝްރޫއުތަކެއް ވަނީ ފަށައިފަ އެވެ. އެގޮތުން, ގުޅީފަޅުގެ ބިމުގެ ޖާގަ 303 ހެކްޓަރަށް އަދި ގިރާވަރުފަޅުގެ ބިމުގެ ޖާގަ 200 ހެކްޓަރަށް ބޮޑު ކުރުމަށް މަސައްކަތް ވަނީ ފަށައިފަ އެވެ. އޭގެ އިތުރުން ފުށިދިއްގަރު ފަޅުން 1153 ހެކްޓަރު ހިއްކަން ވެސް މަޝްރޫއުއެއް ވަނީ ފަށައިފަ އެވެ.