Advertisement

ފިޝަރީޒް ކޮލެޖުގެ ކިޔެވުން ޖުލައިގައި ފަށާނީ އެމްއެންޔޫގެ ޕްރޮގްރާމްތަކެއްގެ ގޮތުގައި

8 މޭ 2024 - 14:43 0

ނިމާ ހަސަން

ނިމާ ހަސަން

ރާއްޖޭގައި މަސްވެރިކަން ކުރާ ދޯންޏެއް. މަސްވެރިކަން ކުރަން މީހުން ތަމްރީނު ކުރުމަށް ސަރުކާރުން ވަނީ މަސައްކަތްތަކެއް ފަށާފައި -- ފޮޓޯ: މަޑުއްވަރީ މަސްވެރިން


ފިޝަރީޒް ކޮލެޖުގެ ކިޔެވުން ޖުލައިގައި ފަށާނީ އެމްއެންޔޫގެ ޕްރޮގްރާމްތަކެއްގެ ގޮތުގައި

8 މޭ 2024 - 14:43 0

ޖުލައި މަހު ފިޝަރީޒް ކޮލެޖުގެ ކިޔެވުން ފެށޭނެ ކަމަށާއި, ކިޔެވުން ކުރިއަށް ގެންދާނީ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ޕްރޮގްރާމްތަކެއްގެ ގޮތުގައި ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

'އަދަދު'ގެ އެތެރެފުށް ޕްރޮގްރާމަށް ދެއްވި އިންޓަވިއުގައި ޝިޔާމް ވިދާޅުވީ, މިވަގުތު ފިޝަރީޒް ކޮލެޖު ކުރިއަށް ގެންދަން ބޭނުންވަނީ އެމްއެންޔޫގެ ޕްރޮގްރާމްތަކެއް ގޮތުގައި ކަމަށެވެ. އޭނާ ވިދާޅުވީ ފިޝަރީޒް ކޮލެޖޭ ކިޔާފައި ބޯޑެއް އެޅުވުމުގެ ބަދަލުގައި މިވަގުތު ބޭނުންވަނީ ރަނގަޅު ޕްރޮގްރާމްތަކެއް ހިންގަން ކަމަށެވެ.

"މިވަގުތު ބޭނުންވަނީ އެމްއެންޔޫގެ ޕްރޮގްރާމްތަކެއް ގޮތުގައި މި ޕްރޮގްރާމްތައް ކުރިއަށް ގެންދަން. އަޅުގަނޑުމެންނަށް ކޮލެޖޭ ކިޔާފައި ބޯޑެއް އެޅުވިދާނެ. އަޅުގަނޑުމެން ބޭނުން އެހެން ގައުމުތަކުގެ އަދި ޔުނިވާސިޓީތަކުގެ އެފިލިއޭޝަން. އެ މަސައްކަތް އެބަދޭ ކުރިއަށް," ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި އެމްއެންޔޫގައި ފިޝަރީޒް ކޮމްޕޯނެންޓް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުން ދަނީ ތައުލީމީ ނިޒާމާއި, މިނިސްޓްރީގައި ތިބި ޓެކްނިކަލް މުވައްޒަފުންނާ ވެސް އެކު އެވެ.

"ޖުލައި މަހު ފިޝަރީޒް ކޮލެޖުގެ ޕްރޮގްރާމްތައް އަންނައިރުިގައި މާސްޓާ ފިޝަމަން އާ ހިސާބަށް, ފިޝަރީޒް މެނޭޖްމަންޓާއި އެޑްމިނިސްޓްރޭޓިވްލީ ކުރަންޖެހޭ ކަންތައްތަކާއި ފައިނޭޝަލް މެނޭޖްމަންޓާއި, ދޯންޏެއްގެ ހުރިހާ ކަމެއް ހިމެނޭ ގޮތަށް ކަރިކިއުލަމް ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށް ދަނީ," އޭނާ ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ ބާނާ މަހަށް ހަމަ އަގު ނުލިބޭ ކަމުގެ ޝަކުވާ ބޮޑުއިރު, އެ ޝަކުވާ ނުކޮށް ރަނގަޅަށް މަސްވެރިކަން ކުރާ ބަޔަކު ވެސް އުޅޭ ކަމަށެވެ. އަދި އެ ހިސާބުތަކުގައި ކެޔޮޅުން ވަރަށް ޒިންމާދާރު ކަމާއެކީގައި މަސައްކަތް ކުރާ ކަމަށެވެ.

"ބަރާބަރަށް މަހަށް ގޮސް, ދޯނީގައި އުޅޭ މީހުން ކަންކަން ބަރާބަރަށް ބަލަހައްޓާ, ފައިސާގެ ކަންކަން ބަރާބަރަށް ބަލަހައްޓާ, ކުރާ މަސައްކަތަކާ ލިބޭ އުޖޫރައަކާ މި ހުރިހާ އެއްޗެއް ވަރަށް ރަނގަޅަށް އިންތިޒާމް ކުރެވިގެން ބަލަހައްޓާ ކެޔޮޅުން ވަރަށް މަދު. މަދު ވީމައި ހަމަ އަގުގެ ވާހަކަ ދައްކާލެއް ގިނަވޭ އެބަ," ޝިޔާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަސްވެރިކަން ރަނގަޅަށް ކުރާ އުޅަނދުފަހަރު އެއް އަހަރު މަސްވެރިކަން ކޮށްފައި, ޖެހިގެން އަންނަ އަހަރު އޮޑިވެރިޔާއަށް އާ އޮޑިއެއް ބަނދެވޭ ހިސާބަށް ދެވޭ ކަމަށެވެ. ރަނގަޅަށް މަސްވެރިކަން ކުރާ ކެޔޮޅުންނާ އެކީގައި ކުރާ ކަމުގައި ވަންޏާ މަސްވެެރިކަމަކީ އެހާވެސް ފައިދާހުރި ކަމެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން ބޭނުންވޭ ތަމްރީނާއި ތައުލީމު ލިބިގެން ގްރެޖުއޭޓްވާ މީހެއްގެ ގޮތުގައި މާސްޓާ ފިޝަމަން ވާން. އެހެންވެއްޖެކަމަށް ވަންޏާ ޒިންމާދާރުކަމާއި މި ހުރިހާ ކަމެއް އޭގެ ތެރެއަށް އަންނާނެ" ޝިޔާމް ވިދާޅުވި އެވެ.

ފިޝަރީޒް ކޮލެޖުގެ ވާހަކަ ފާހަގަކުރައްވާ ޝީޔާމް ވިދާޅުވި ގޮތުގައި މަސްވެރިންނަށް ތައުލީމާއި ތަމްރީނު ދެވޭނެ އިންސްޓިޓިއުޓެއް ގާއިމުވެފައި އޮތުމަތީ މަސްވެރިކަމުގެ ގާނޫނުގައި ވެސް ލާޒިމު ކުރާ ކަމެކެވެ.

މަސްވެރިކަމުގެ ސިނާއަތަށް މީހުން ތަމްރީނު ކުރުމާއި އެ ސިނާއަތާއި ގުޅޭ އިލްމީ ދިރާސަތަކާއި އެހެނިހެން މަސައްކަތްތައް ކުރުމަށް ގާއިމުކުރާ ފިޝަރީޒް ކޮލެޖުގެ މަސައްކަތްތައް ކުރިއަށްގެންދިޔުމަށް އެމްއެންޔޫއާ ހަވާލުކުރީ ޑިސެމްބަރު 27, 2023 ގަ އެވެ.