4 ޖަނަވަރީ 2024 - 09:18 3
މިންހާ އަބްދުﷲ
4 ޖަނަވަރީ 2024 - 09:18 3
ވަޒީރުންގެ މަސައްކަތާ މެދު، އާންމުންގެ ހުރި ކަންބޮޑުވުންތަކާއި އުފެދޭ އެކި ސުވާލުތަކާ ގުޅިގެން، ސާފު ޖަވާބެއް ހޯދުމަށް މަޖިލީހުގެ ތަޅުމަށާއި ކަމާ ގުޅުން ހުރި މަޖިލީހުގެ ކޮމިޓީއަކަށް ވަޒީރުން ހާޒިރު ކުރެ އެވެ. އެއީ ގާނޫނު އަސާސީން މަޖިލީހަށް މަތިކޮށްފައިވާ މަސްއޫލިއްޔަތެކެވެ.
ނަމަވެސް ވަޒީރުންނަށް ސުވާލު ކުރުމުގެ ހުރި ދަތިތަކަށް އެކި ހައްލު އެކި މެންބަރުން ދައްކަވަ އެވެ. ވަޒީރަކު ތަޅުމަށް ހާޒިރުވާން ފޮނުވަނީ 14 ދުވަހުގެ ނޯޓިސްއެކެވެ. ލިޔުމުން ޖަވާބު ދޭން ހަތް ދުވަހުގެ ނޯޓިސްއެކެވެ. އަދި ކޮމިޓީއަކަށް ހާޒިރުވާން ފަސް ދުވަހުގެ ނޯޓިސްއެކެވެ. އެކަމަކު ބައެއް ފަހަރު އެކި ސަބަބާ ހުރެ އެ ނޯޓިސް ހަމަވާއިރު ވެސް ޖަވާބު ނުލިބެ އެވެ. ނުވަތަ ބައެއް މައްސަލަތަކުގެ މުއާލާތް އޮންނަނީ ކެނޑިފަ އެވެ.
މި ޝަކުވާތަކާއެކު 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހު ދުވަސްތަކަށް އައުމުން، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ހުށަހެޅުއްވީ ވަޒީރުންނާ ސުވާލު ކުރުމުގެ މުޅި ގާނުނު އުވައިލުމަށެވެ. އެއީ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް، މިނިސްޓަރަކު ހާޒިރުވުމުން ނޯޓިސް ދީފައިވާ ސުވާލުގެ ދާއިރާއިން ބޭރުން ސުވާލު ކުރުމަށް ރިޔާސަތުން ފުރުސަތު ނުދިނުމުން އެތައް މެންބަރެއްގެ ޝަކުވާ އަންނަން ފެށުމުންނެވެ.
ވަޒީރުން މި ފަހުން އާންމު ގޮތެއްގައި ތަޅުމަށް ހާޒިރުކޮށްފައި ވަނީ ވަކި ދާއިރާއެއްގައި ހިމެނޭ ރަށެއްގެ ނުވަތަ ރަށްތަކެއްގައި ހިނގާ މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށެވެ. ވަކި މަޝްރޫއެއް ހުއްޓިފައިވާނަމަ ހުއްޓިފައިވަނީ ކީއްވެގެންތޯ ބެލުމަށެވެ.
ބައެއް ހާލަތްތަކުގައި ވަޒީރުންގެ ޖަވާބަށް މަހަކަށް ވުރެ ގިނަ ދުވަސް، އިންތިޒާރު ކުރަންޖެހޭ ކަން މެމްބަރުން ތަޅުމުގައި ދައްކަވާ ވާހަކަތަކުން ހާމަވެ އެވެ. އެހެންވެ ތަޅުމަށް ހާޒިރު ކުރެވޭ މަދު ފަހަރެއްގައި ސުވާލު ކުރުމުގެ ދާއިރާ ހަނިވުމުން، ވަޒީރުން އެކަށީގެންވާ ގޮތެއްގައި ޖަވާބުދާރީ ނުކުރެވޭ ކަމަށް މެންބަރުން ވިދާޅުވެ އެވެ.
އެހެންވިޔަސް ވަޒީރުންނާ ސުވާލު ކުރުމުގެ ގާނޫނު އުވާލުމަކީ މުޅި ޖުމުލަ ހައްލެއް ހެއްޔެވެ؟ ގާނޫނު އަސާސީން ރައްޔިތުންގެ މަޖިލީހަށް މަތިކޮށްފައިވާ މަސްއޫލިއްޔަތެއް އަދާ ކުރާނެ ގޮތުގެ އިޖުރާއަތްތައް ބަޔާންކޮށްފައި އޮންނަ ގާނޫނެއް އޮތުން މުހިންމެއް ނުވާނެ ހެއްޔެވެ؟
"މިގާނޫނުގެ 3 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ވަޒީރަކާ ކުރާ ސުވާލަކަށް ވަޒީރަކު ދޭ ޖަވާބަކާ ގުޅިގެން، ނުވަތަ އޭނާއާ ކުރެވުނު ސުވާލަކާ ގުޅިގެން، ނޯޓިސް ދިނުމެއްނެތި، މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެމަތިން އަނގަބަހުން، އިތުރު ސުވާލު ކުރުމުގެ ފުރުސަތު، އެ ސުވާލުކުރި މެންބަރަށާއި އެހެން މެންބަރުންނަށް ލިބިގެންވެއެވެ. އިތުރު ސުވާލު ކުރުމުގެ ފުރުސަތު މަޖިލީހުގެ ރައީސް ދޭނީ، ކުރަން ބޭނުންވާ ސުވާލަކީ، ނޯޓިސް ދީގެން ވަޒީރާ ކުރި ސުވާލުން، ނުވަތަ އެ ސުވާލަށް އެވަޒީރަކު ދިން ޖަވާބުން އުފެދޭ ސުވާލަކަށް ވާނަމައެވެ. އަދި އެ އިތުރު ސުވާލުކުރަނީ، ނޯޓިސް ދީގެން ކުރި ސުވާލުގެ ޖަވާބުގައި ވަޒީރު ހާމަކުރި އެއްޗަކަށް އޭނާގެ އާނބަސް ނުވަތަ ނޫންބަސް ކަނޑައެޅިގެން ހޯދުންކަމުގައި ނުވާނަމައެވެ.
ވަޒީރުންނާ ސުވާލު ކުރުމުގެ ގާނޫނު އުވާލުމަށް ބިލު ހުށަހެޅީ މަޖިލިސް ހިންގުން ފަސޭހަ ކުރުމަށް ކަމަށް ބިލު ހުށަހެޅުއްވި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ހޯރަފުށި ދާއިރާގެ މެމްބަރު، އަހުމަދު ސަލީމް ވިދާޅުވި އެވެ.
"ވަޒީރުންނާ ސުވާލު ކުރުމުގެ ގާނޫނަކީ މިހާރު އަމަލު ކުރަމުންދާ ފެހި ގާނޫނު އަސާސީއަށް ވުރެ ވެސް ދޮށީ ގާނޫނެއް، އޭގަ އެބަހުރި ގާނޫނު އަސާސީއަށް ނުފެތެ ބައެއް އިޖުރާއަތްތައް، ހަމަ އެއާއެކު ގާނޫނު އަސާސީ އިން ބާރު ލިބި ދީގެން އެކުލަވާލާފަ އޮންނަ އެއްޗެއް މަޖިލީހުގެ ގަވާއިދަކީ، ގަވާއިދޭ ބުނި ނަމަވެސް އެވެސް ގާނޫނެއް، ދެ ގާނޫނުގަ އެއް ވާހަކައެއް އޮތުމަކީ ގާނޫނު ތަންފީޒުކުރުމުގައި ފަސޭހައަކަށް ވުރެ އުނދަގުލެއް ކަމުގައި ބެލެވުނީ،" ބިލު ހުށަހެޅުމުގެ ބޭނުން ތަފްސީލު ކޮށްދެއްވައި ސަލީމް ވިދާޅުވި އެވެ.
މި އުސޫލަށް އަމަލު ކުރާތާ 30 އަހަރަށް ވުރެ ގިނަ ދުވަސް ވީއިރު، ގާނޫނު ތަންފީޒު ކުރުމުގައި ގޮންޖެހުންތައް ހުރިކަން މެމްބަރުން ވެސް ފާހަގަ ކުރައްވަ އެވެ. އަކުރުން އަކުރަށް އެ ގާނޫނު ތަންފީޒު ކޮށްފިނަމަ، ވަޒީރުންނާ ސުވާލު ކުރުމުގެ ފުރުސަތު ވެސް ލިބިގެން ނުދާކަން މެމްބަރުން ފާހަގަ ކުރައްވަ އެވެ.
"މިއީ 1990 ވަނަ އަހަރު އުފަން ކުރި ގާނޫނެއް، ފެހި ގާނޫނު އަސާސީ އައުމުގެ ކުރިން ވަޒީރުންނާ ސުވާލު ކުރުމުގެ ކޮންމެވެސް ފުރުސަތެއް ހުޅުވާލުމަށް އެކުލަވާލާފަ އޮތް އުސޫލެއް މިއީ،" އަލީ ނިޔާޒް ވިދާޅުވި އެވެ.
މެމްބަރުންގެ ވިސްނުން ހުރީ ގާނޫނު އުވާލުމަށް ފަހު، މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ އިޖުރާއަތްތަކަށް އަމަލު ކުރުމަށެވެ. މަޖިލީހުގެ ގަވާއިދުގައި ވެސް ރަނގަޅު ނޫން އިޖުރާއަތްތައް ހުރިކަން ފާހަގަވެ، މަޖިލީހުގެ ގަވާއިދަށް ވެސް އިތުރު އިސްލާހުތައް ގެނައުމުގެ ވިސްނުން ހުރިކަން އެމްޑީޕީ މެމްބަރުންގެ ވާހަކައިން ހާމަވެ އެވެ.
ގާނޫނު އުވާލުމަށް ފަހު، މިހާރު އޮތް ގޮތަށް މަޖިލީސް ގަވާއިދަށް އަމަލު ކުރަން ފެށިޔަސް، 14 ދުވަހުގެ ނޯޓިސް ހަމަ ކުރަން ޖެހޭނެ އެވެ. އަދި އިތުރު ސުވާލު ކުރުމުގެ ފުރުސަތުގައި ވެސް ކުރަން ޖެހޭނީ ވަޒީރު ޖަވާބު ދިނުމަށް ހާޒިރުވި ސުވާލާއި ގުޅުން ހުރި ސުވާލުތަކެވެ.
މި ގަވާއިދުގެ 74 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ނޯޓިސް ފޮނުވައި ކުރާ ސުވާލަކަށް ވަޒީރަކު ދޭ ޖަވާބަކާ ގުޅިގެން ނުވަތަ އޭނާއާ ކުރެވުނު ސުވާލަކާ ގުޅިގެން ނޯޓިސް ދިނުމެއް ނެތި، އަނގަބަހުން އިތުރު ސުވާލު ކުރުމުގެ ފުރުސަތު އެ ސުވާލު ކުރި މެމްބަރަށާއި އެހެން މެމްބަރުންނަށް ލިބިގެންވެ އެވެ. މި ގޮތުން ފުރަތަމަ ފުރުސަތު އަބަދުވެސް ދޭނީ، ސުވާލު ކުރި މެމްބަރު އިތުރު ސުވާލެއް އޮތް ނަމަ އެ ސުވާލެއް ކުރުމަށެވެ. އަދި އެއަށްފަހު އިތުރު މެމްބަރުންނަށް އިތުރު ފުރުސަތު ހުޅުވާލާނީ އެވެ. މިގޮތުން ހުޅުވާލެވޭ ފުރުސަތުގައި ސުވާލު ކުރުމަށް ކޮންމެ މެމްބަރަކަށް ލިބޭނީ 45 ސިކުންތެވެ.
"ގާނޫނުގަ އޮތީ އެ ދުވަހު ވަޒީރަކު ހާޒިރުވެ ޖަވާބު ދެއްވާ ސުވާލަކާ ގުޅުން ހުރި ސުވާލެކޭ ބާކީ ތިބި މެމްބަރުންނަށް ވެސް ކުރެވޭނީ، އެހެންނަމަވެސް 87 ދާއިރާ މެމްބަރުން ތަމްސީލް ކުރާއިރު، އެހެނެއް ނޫން އެކަން ކުރެވޭނީ، އަޅުގަނޑުގެ ދާއިރާގައި ހުރި ކަންބޮޑުވުމާ އެހެން މެމްބަރުންގެ ދާއިރާތަކުގެ ކަންބޮޑުވުމާ ތަފާތު ވާނެ،" ގާނޫނު އުވާލުމަށް ތާއީދު ކުރައްވާ ވާހަކަ ދައްކަވަމުން، އަލީ ނިޔާޒް ވިދާޅުވި އެވެ.
ނިޔާޒްގެ މި ވާހަކަތަކާ ވެސް މުޅިން ތާއީދު ނުކުރައްވާ މެމްބަރުން އެބަ ތިއްބެވި އެވެ.
ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވެސް 14 ދުވަހުގެ މުއްދަތު ކުރު ކުރުމަށް ތާއީދެވެ. އޭނާ ވިދާޅުވީ ވަޒީރަކަށް ސުވާލު ކުރުމަށް ދޭންވާނީ ގިނަ ވެގެން 48 ގަޑިއިރުގެ ނޯޓިސްއެއް ކަމަށެވެ.
އެހެންނަމަވެސް، ވަޒީރު ހާޒިރު ކުރާއިރު ކުރާ ރަސްމީ ސުވާލާ ނުގުޅޭ، އެހެން ދާއިރާތަކުގެ ސުވާލު ކުރުމަކީ ވަޒީރަށް އެންމެ އިންސާފުވެރި ގޮތަށް ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މަޖިލީހަށް ހާޒިރު ވާނީ ނޯޓިސް ދިން ސުވާލަށް ނުވަތަ އެއާ ގުޅުން ހުރި ދާއިރާއަށް ތައްޔާރުވެވަޑައިގެން ކަމަށް ވާއިރު، އޭގެ ބޭރުން ސުވާލު ކުރުމުން ވަޒީރަށް ވެސް ޖަވާބު ދެއްވަން ދަތި ވާނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.
"14 ދުވަހުގެ ނޯޓިސް އަކީ ވަރަށް ގިނަ ދުވަހުގެ މުއްދަތެއް، ކަންކަމުގެ މުއާލަތް ކެނޑުމުގެ ކުރިން ވަޒީރުން މަޖިލީހަށް ހާޒިރު ކުރެވެން ވާނެ، މިދިޔަ ދައުރުގައި ރައީސް ސޯލިހުގެ ކާރުކޮޅު ދުއްވާފައި ދަނިކޮށް މުޒާހަރާއެއް ތެރެއަށް ވަދެވި، ދިމާވި ސެކިޔުރިޓީ ބްރީޗްގެ މައްސަލާގައި ވެސް ޑިފެންސް މިނިސްޓަރު ހާޒިރު ކުރެވެން އޮތީ 14 ދުވަހަށް ފަހު، އޭރު މި އޮންނަނީ ވާނެ ކަމެއް ވެފައި، މިސާލަކަށް ޖެހިގެން އޮތް ދުވަހު ނޫނީ އޭގެ އަނެއް ދުވަހު ހާޒިރު ކުރެވެން އޮތް ނަމަ ރައްޔިތުންނަށް ބުނެދެވޭނީ ކިހިނެއްކަން ވެގެން މިއުޅެނީ،" އަލީ ހުސެއިން ވިދާޅުވި އެވެ.
އަލީ ހުސެއިން ވެސް ފާހަގަ ކުރައްވާ ގޮތުގައި، ވަޒީރުންނަށް ސުވާލު ކުރުމަށް ވަކި ގާނޫނެެއް އޮތުން މުހިންމެއް ނޫނެވެ. މަޖިލީހުގެ ގަވާއިދަކީ ގާނޫނު އަސާސީ އިން ބާރު ލިބިދޭ އެއްޗަކަށް ވުމުން، މަޖިލީހުގެ ގަވާއިދުން ފުދޭނެ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.
އެހެންނަމަވެސް މަޖިލީހުގެ ގަވާއިދަށް ވެސް އިސްލާހުތަކެއް ގެންނަން ޖެހޭކަން އޭނާ ވެސް ފާހަގަކުރައްވަ އެވެ.
"ދުނިޔޭގެ އެހެން ގައުމުތައް ބެލި ނަމަވެސް، ވަޒީރުންނާ ސުވާލުކުރުމުގެ އިޖުރާއަތްތައް މި ހުރީ ހައުސް ރޫލް [މަޖިލީހުގެ ގަވާއިދު]ގެ ތެރޭގައި ހިމަނާފަ، އެހެންވީމަ އަޅުގަނޑު މި ބަލަނީ މިއީ ލިބޭ ކުރިއެރުމެއްގެ ގޮތުގައި،" ބޭރު ގައުމުތަކުގެ އުސޫލުތަކަށް ރިއާޔަތްކޮށް މި ލިޔުމަށް ކުރިން ވާހަކަ ދެއްކެވި މެމްބަރު ސަލީމް ވިދާޅުވި އެވެ.
ސަލީމް އެ އިޝާރާތް ކުރެއްވި ގޮތަށް މަޖިލިސް މެމްބަރުން، ވަޒީރަކަށް އަނގަ ބަހުން ސުވާލުކޮށް ޖަވާބު ހޯދަން ބޭނުންވެއްޖެނަމަ އެކަން ކުރުމުގެ ބާރު މެމްބަރުންނަށް އިނގިރޭސި ވިލާތުގައި ވެސް ލިބިދީފައި އޮވެ އެވެ.
ރާއްޖެއެކޭ އެއްގޮތަށް އެހެން ގިނަ ގައުމުތަކުގައި ވެސް ވަޒީރުންގެ މަޖިލިސް ޒިންމާދާރު ކުރުވުމުގެ ބާރު މަޖިލީހަށް ލިބިގެންވެ އެވެ. އެހެންނަމަވެސް ރާއްޖޭގައި މިހާރު އޮތް އުސޫލާ އަޅާ ބަލާއިރު ބޭރުގެ އެހެން ގައުމުތަކުގައި އޮންނަ އުސޫލު މިކަމުގައި ތަންކޮޅެއް ފަސޭހަކަން ފާހަގަކުރެވެ އެވެ.
ބަރުލަމާނީ ނިޒާމެއް އޮންނަ އިނގިރޭސި ވިލާތުގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން، މެމްބަރަކު ފޮނުވާ ސުވާލަކީ އެއް މިނިސްޓްރީއަށް ވުރެ ގިނަ މިނިސްޓްރީގެ މެންޑޭޓަށް ފެތޭ ކަމެއް ނަމަ، މެމްބަރަށް ޖަވާބު ދެއްވާނީ ކޮން ވަޒީރެއްކަން ނިންމާނީ އެ ވަޒީރުންގެ މަޝްވަރާއަށް ފަހު އެވެ.
"ނުބައި" ވަޒީރަކަށް ސުވާލު ފޮނުވިއްޖެނަމަ، ސުވާލުގައި ހިމެނޭ ކަންކަމުގެ މެންޑޭޓް ފެތޭ މިނިސްޓްރީއަކަށް ނުވަތަ ޑިޕާޓްމަންޓަކަށް އެ ސުވާލު "ޓްރާންސްފާ" ކުރެ އެވެ.
މިއީ ރާއްޖޭގައި މިކަން ކުރާ އުސޫލެއް ނޫނެވެ. ނުބައި ވަޒީރަކަށް ސުވާލު ފޮނުވިއްޖެނަމަ، އެކަން ވެސް އެ ވަޒީރަކު ހާމަ ކުރަނީ 14 ދުވަހުގެ ނޯޓިސް ހަމަ ވުމުން، މަޖިލީހަށް ހާޒިރުވުމަށް ފަހު އެވެ.
އިނގިރޭސި ވިލާތުގެ މިނިސްޓަރުންނާ ސުވާލު ކުރުމަށް، އެ ގައުމުގެ މަޖިލީހުގައި މަސައްކަތް ކުރާ ކޮންމެ ދުވަހެއްގެ އެއް ގަޑިއިރު ހާއްސަ ކުރެ އެވެ. މި ގޮތަށް މަޖިލީހަށް ވަޒީރުން ހާޒިރުވާނެ ދުވަހާއި ތަރުތީބެއް ކަނޑައަޅާފައި އޮންނަނީ ސަރުކާރުން އެކުލަވާލާފައި އޮންނަ "ރޮޓޭޓް" އުސޫލުން ކަމަށް އެގައުމުގެ މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ.
އޭގެ އިތުރުން، ލިޔުމުން ހުށަހަޅާ އާދައިގެ، "ކުދި" ސުވާލުތަކަށް ހަތް ދުވަސް ތެރޭގައި ވަޒީރުންނަށް ޖަވާބު ދެވޭނެ އެވެ. ބައެއް ހާލަތްތަކުގައި މެމްބަރުން ބުނެފައި އޮންނަ ތާރީހަކަށް ވެސް ވަޒީރުން ލިޔުމުން ޖަވާބު ހުށަހަޅަން ޖެހެ އެވެ.
ނިއު ޒިލެންޑްގެ މަޖިލިސް މެމްބަރުންނަށް ވެސް ވަޒީރުންނަށް ސުވާލު ކުރުމުގެ ބާރު ދީފައި އޮވެ އެވެ. އެ ގައުމުގައި ވެސް، މަޖިލިސް ކުރިއަށް ގެންދާ ކޮންމެ ދުވަހެއްގެ ވެސް ގާތްގަނޑަކަށް އެއް ގަޑިއިރު މެމްބަރުން ވަޒީރުންނާ އަނގަ ބަހުން ސުވާލު ކުރުމުގެ ފުރުސަތު ހުޅުވާލާފައި އޮވެ އެވެ. މި އެއް ގަޑިއިރު ތެރޭ އެ ދުވަހަކު ހާޒިރުވާ ވަޒީރަކާ ސުވާލު ކުރާނެ އަދަދެއް ވެސް ނިއު ޒިލެންޑްގެ މަޖިލީހުގެ ގަވާއިދުގައި ކަނޑައަޅާފައި އޮވެ އެވެ.
ގައުމުތަކުން ކުރާ ތަޖުރިބާތަކަށް ފަހު، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބައްޓަންކޮށްފައި އޮތީ ރިޔާސީ އަދި ބަރުލަމާނީ ނިޒާމުގެ ސިފަތަކެއް ވެސް ހިމެނޭ ގޮތަށް މަސްހުނި ނިޒާމެއްގެ ގޮތުގަ އެވެ. ރާއްޖޭގައި ވެސް އޮންނަނީ ބަރުލަމާނީ ނިޒާމެއްގައި މަޖިލީހަށް ލިބިދޭ ގިނަ ބާރުތަކެއް މަޖިލީހަށް ލިބިދޭ ގޮތަށެވެ.
ކުރިން ފާހަގަ ކުރި ގޮތަށް މަޖިލީހުގެ މަސައްކަތް ކުރާ ކޮންމެ ދުވަހަކު ވެސް ވަކި ވަގުތުކޮޅެއް ވަޒީރުންނަށް ސުވާލު ކުރުމަށް ހޭދަ ކުރުން، މިއީ އާންމު ގޮތެއްގައި ބަރުލަމާނީ ނިޒާމު ޕްރެކްޓިސް ކުރާ ގައުމުތަކުގެ މަޖިލީހުން ފެންނަން ހުރި ސިފަތަކެވެ.
ވަޒީރުން ހާޒިރުކުރުމަކީ ވެސް އެއިން އެއް ސިފަ އެވެ. އެއީ ރިޔާސީ ނިޒާމު ޕްރެކްޓިސްކުރާ މަދު ގައުމެއްގައި އޮންނަ ކަމެކެވެ. ރާއްޖެއަކީ އެއިން އެއް ގައުމެވެ. ގާނޫނު އަސާސީ އެކުލަވާލި އިރު، ބަންޑާރަ ނައިބަށް ހުންނެވި ހަސަން ސައީދު ވެސް ވިދާޅުވެފައިވާ ގޮތުގައި މަޖިލީހަށް ވަރަށް ބޮޑަށް ބާރުތައް ދީފައިވެ އެވެ.
"އެ ބޭފުޅުން [އިދިކޮޅު ފަރާތްތަކުން] ބެއްލެވީ މަޖިލީހުގެ ދައުރު ހަރުދަނާ ކުރައްވަން، މެންބަރުންގެ ދައުރު ހަރުދަނާ ކުރައްވަން. ދެން ވެރިކަމުގައި ހުންނަ މީހަކަށް ޖެއްސުން ކުރަން ދަތިކުރުން. އެފަދަ ނިޒާމެއް މި ހެދީ. އެ ނިޒާމުން ދެން މިވީ ގޮތަކީ ރައީސްއަށް ވުރެ މެންބަރުންނާއި މަޖިލީހުގެ ހައިބަތު، ބާރު މާ ބޮޑު،" ހަސަން ސައީދު "އެޑިޓާސް ގިލްޑް" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވެ އެވެ.
އެ މޭރުމުން ދެން ވާހަކަ ދައްކަވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ނަޝީދު ފާހަގަކުރައްވާ ގޮތުގައި މަޖިލީހުގެ އިދާރާއަށް ފޮނުވާފައި ހުރި ބައެއް ސުވާލު ތަކަށް ޖަވާބު ނުލިބި ލަސް ވާ ސަބަބުން ބެލުމުން، މިނިސްޓަރަށް ވަގުތު ނުވެގެން ކަމަށް ވިދާޅުވެ ޖަވާބު ނުދެއްވާ އެބަ ހުއްޓެވެ.
"މި ކަންކަން [ވަޒީރުންގެ ޖަވާބުތައް] އަވަސް ކުރުމަށް މަޖިލީހުގެ މުޅި ނިޒާމު ބަދަލުކުރަން ޖެހޭ ކަމަށް ތި ހުރިހާ މެންބަރުން ވެސް އެއްބަސްވެވަޑައިގަންނަވާނެ. މަޖިލީހުގެ ނިޒާމު ޕާލިމަންޓްރީ ނިޒާމަކަށް ނޭނބުރި އުނދަގުލުގައި ތިއްބަވާ ހާ ދުވަހު ހަގީގަތުގައި މިކަން މިގޮތަށް ހިނގަމުން ދާނީ،" މަޖިލީހުގެ ރައީސްކަން ކުރެއްވި އިރު ނަޝީދު ވިދާޅުވެފައިވެ އެވެ.
ވަޒީރުންނާ ސުވާލު ކުރުމާއި ވަޒީރުން ޖަވާބުދާރީ ކުރުވުމަކީ މަޖިލީހުގެ އެންމެ މުހިންމު އެއް މަސައްކަތެވެ. ރައްޔިތުންނާއި ވަޒީރުންނާ ގުޅުވައިދޭ ބަޔަކީ މަޖިލީސް މެމްބަރުންނެވެ. ރައްޔިތުންގެ ޝަކުވާތަކާ އެކު އުފެދޭ ސުވާލުތައް މިހާރަށް ވުރެ އަވަސްކަމާއި ފަސޭހަ ކަމާއެކު، ވަޒީރުންނަށް ކުރިމަތި ކުރުމަށް ހަރުދަނާ އުސޫލެއް ރާއްޖެއަށް ބޭނުންވެ އެވެ.
Comment