Advertisement

މެދުއިރުމަތީގެ ހާލަތު ނާޒުކު ފައްތަރަކަށް؛ އިރާނުގެ އަސްކަރީ މަނަވަރެއް ވެސް ރަތް ކަނޑަށް

3 ޖަނަވަރީ 2024 - 05:57 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


މެދުއިރުމަތީގެ ހާލަތު ނާޒުކު ފައްތަރަކަށް؛ އިރާނުގެ އަސްކަރީ މަނަވަރެއް ވެސް ރަތް ކަނޑަށް

3 ޖަނަވަރީ 2024 - 05:57 0

މެދުއިރުމަތީގެ ހާލަތު ނާޒުކުވެފައި އޮއްވައި އިރާނުން ވެސް އަސްކަރީ މަނަވަރެއް ރަތް ކަނޑަށް ފޮނުވައިފި އެވެ.

އިރާނުގެ ނޫސް އިދާރާ، ތަސްނީމްއިން ރިޕޯޓު ކޮށްފައި ވާގޮތުގައި އިރާނުގެ އަސްކަރީ މަނަވަރު ރަތް ކަނޑަށް ވަދެފައި ވަނީ ގަލްފް އޮފް އަދަންއާއި އިންޑިއާ ކަނޑު ގުޅޭ ސަރަހައްދުން ބާބުލް މަންދިބް ހުރަސްކޮށެވެ.

އެ ނޫހުން ބުނެފައި ވަނީ އިރާނުން 2009 ވަނަ އަހަރުން ފެށިގެން އެ ސަރަހައްދުގެ އަމަން ބެލެހެއްޓުމުގެ ޒިންމާ އަދާ ކުރަމުންދާ ކަމަށެވެ.

ރަތް ކަނޑުގެ އަމަން ގެއްލިފައި ވަނީ އެ ކަނޑުން ދަތުރު ކުރާ އިޒްރޭލާ ގުޅުން އޮންނަ ނުވަތަ އިޒްރޭލަށް މުދާ އުފުލާ އުޅަނދުފަހަރަށް އަމާޒުކޮށް ޔަމަނުގެ ބޮޑު ބައެއްގެ މައްޗަށް ވެރިކަން ކުރާ ހޫތީން ހަމަލާ ދޭން ފެށުމާ ގުޅިގެންނެވެ.

އެ ސަރަހައްދުން ދަތުރު ކުރާ އުޅަނދުުފަހަރަށް އަމާޒުކޮށް ހޫތީން ހަމަލާދޭން ފެށީ އިޒްރޭލުން ހަމާސްއާ ދެކޮޅަށް ކަމަށް ބުނެ ކުރާ ހަނގުރާމައިގައި ގާޒާގެ ކުށެއް ނެތް އެތައް ބަޔަކަށް އަމާޒުކޮށް ހިންގާ ގަތުލުއާއްމުތަކަށް ބަދަލު ހިފުމުގެ ގޮތުންނެވެ.

ހޫތީންނަކީ އިރާނުން ވާގިވެރިވާ ހަނގުރާމަވެރި ޖަމާއަތެކެވެ. ރަތް ކަނޑުގައި ހޫތީން ހިންގާ އަސްކަރީ އޮޕަރޭޝަންތަކުގެ އަޑީގައި ވެސް އޮތީ އިރާނު ކަމަށް އެމެރިކާއިން ތުހުމަތު ކުރެ އެވެ. ނަމަވެސް އިރާނުން ވަނީ ތަކުރާރުކޮށް އެ ތުހުމަތު ދޮގުކޮށްފަ އެވެ.

ހޫތީންގެ ހަމަލާތަކުން, އެ ސަރަހައްދުން ދަތުރު ކުރާ އުޅަނދުފަހަރަށް ރައްކާތެރިކަން ހޯދައިދިނުމަށް ކަމަށް ބުނެ އެމެރިކާ އިސްވެ އޮވެ ވަނީ ގިނަ ގައުމު އެކުލެވޭ ލަޝްކަރެއް ވެސް އެކުލަވާލައިފަ އެވެ. ނަމަވެސް ހޫތީންގެ ހުރިހާ ހަމަލާއެއް ހުއްޓުވުގައި އަދިވެސް އެ ލަޝްކަރަށް ކާމިޔާބެއް ނުހޯދެ އެވެ.

ދުނިޔޭގެ ވިޔަފާރީގެ 12 ޕަސެންޓު މުދާ ހިފައިގެން ދަތުރު ކުރާ ރަތް ކަނޑަށް އިރާނުގެ މަނަވަރެއް ފޮނުވާފައި މިވަނީ އެމެރިކާއިން ހަމަލާދީ ހޫތީންގެ ތިން ބޯޓު ފައްތާލައި ހޫތީންގެ 10 ސިފައިން މަރާލާފައި ވަނިކޮށެވެ. އޭގެއިތުރުން ހުސްވި ހަފުތާގައި ސީރިއާގެ ވެރިރަށް، ދިމިޝްގަށް ދިން ހަމަލާއެއްގައި އިރާން ރިވޮލިއުޝަނަރީ ގާޑުގެ ކޮމާންޑަރެއް އިޒްރޭލުން މަރާލާފައިވެ އެވެ.

އިރާނުގެ އަސްކަރީ މަނަވަރެއް ރަތް ކަނޑަށް ފޮނުވުމަކީ އެ ސަރަހައްދުގައި ހޫތީންގެ ބާރު އިތުރަށް ވަރުގަދަ ވާނެ ކަމެއް ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ލަފާ ކުރެ އެވެ.