Advertisement

ލުބުނާނުގެ ވެރިރަށް ބެއިރޫތަށް އިޒްރޭލުން ހަމަލާދީ ހަމާސްގެ ޑެޕިއުޓީ ލީޑަރު ޝަހީދުކޮށްލައިފި

3 ޖަނަވަރީ 2024 - 07:47 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ހަމާސްގެ ޑެޕިއުޓީ ލީޑަރު، ސާލިހް އަލް އަރޫރީ


ލުބުނާނުގެ ވެރިރަށް ބެއިރޫތަށް އިޒްރޭލުން ހަމަލާދީ ހަމާސްގެ ޑެޕިއުޓީ ލީޑަރު ޝަހީދުކޮށްލައިފި

3 ޖަނަވަރީ 2024 - 07:47 0

ލުބުނާނުގެ ވެރިރަށް، ބެއިރޫތަށް އިޒްރޭލުން ހަމަލާދީ ހަމާސްގެ ޑެޕިއުޓީ ލީޑަރު، ސާލިހް އަލް އަރޫރީ ޝަހީދު ކޮށްލައިފި އެވެ.

އިޒްރޭލުގެ ޑްރޯން ހަމަލާއެއްގައި އަރޫރީ ޝަހީދުކޮށްލާފައި ވާކަން ލުބުނާނުގެ މީޑިއާތަކުންނާއި ހަމާސްގެ މީޑިއާއިން ވެސް ވަނީ ކަށަވަރު ކޮށްދީފަ އެވެ.

އިޒްރޭލުން ދިން ހަމަލާގައި އަރޫރީގެ އިތުރުން ފަސް މީހަކު ޝަހީދުވެފައި ވާކަމަށް ލުބުނާނުގެ ގައުމީ ނޫސް އިދާރާއިން ރިޕޯޓުކޮށްފައިވެ އެވެ.

ހަމާސްއިން އިޒްރޭލުގެ އެ ހަމަލާ ސިފަ ކޮށްފައި ވަނީ ފިނޑިއަމަލެެއްގެ ގޮތުގަ އެވެ.

ހަމާސްގެ ޕޮލިޓިކަލް ގޮފީގެ އިސް މެންބަރެއްގެ ގޮތުގައި ހަރަކާތްރެރިވި ސާލިހް އަލް އަރޫރީއަކީ އެ ޖަމާއަތުގެ އަސްކަރީ ކަންކަމުގައި ވަރަށް ބޮޑަށް މަސްއޫލުވެގެން އުޅުނު ބޭފުޅެކެވެ. އޭނާއަކީ ހަމާސްގެ އަސްކަރީ ގޮފި، ގައްސާމް ބްރިގޭޑްސްގެ ފައުންޑިން މެންބަރެއް ވެސްމެ އެވެ.

އެ ހަމަލާއާ ގުޅިގެން އިޒްރޭލުން އަދި ވާހަކައެއް ދައްކައިފައެއް ނުވެ އެވެ.

ލުބުނާނުގެ ވެރިރަށަށް އިޒްރޭލުން ހަމަލާދީފައި މިވަނީ ލުބުނާނަށް ހަމަލާ ދީފި ނަމަ އިޒްރޭލާ ދެކޮޅަށް ފުރިހަމަ ބާރާއެކު ހަނގުރާމައަށް ނުކުންނާނެ ކަމަށް ހިޒްބުﷲ އިން މީގެ ކުރިން އިންޒާރު ވެސް ދީފައި ވަނިކޮށެވެ. އެ އިންޒާރަށް ބެލުމެއް ނެތި ފަލަސްތީނު ހަނގުރާމަ ފެށުނީއްސުރެއް މިއަދާ ހަމައަށް ވެސް ސީރިއާ އަދި ލުބުނާނާއި އިޒްރޭލާ ގުޅޭ ބޯޑަރު ކައިރީގައި ހަމަލާ ބަދަލު ކުރަމުންދިޔަ އެވެ. ނަމަވެސް މިއީ ލުބުނާނުގެ ވެރި ރަށަށް އަމާޒުކޮށް ފަލަސްތީނު ހަނގުރާމަ ފެށުނުފަހުން އިޒްރޭލުން ހަމަލާދިން ފުރަތަމަ ފަހަރެވެ.

ލުބުނާނުގެ ބޮޑުވަޒީރު، ނަޖީބް މިކާތީ ވަނީ ބެއިރޫތަށް ދިން ހަމަލާ ކުށްވެރިކޮށް އެ ހަމަލާއަކީ ހަމާސްއާއި އިޒްރޭލާ ދެމެދު ކުރަމުންދާ ހަނގުރާމައިގެ ތެރެއަށް ލުބުނާން ވެއްދުމަށް އިޒްރޭލުން ކުރި ކަމެއް ކަމަށް ވިދާޅުވެފަ އެވެ.

މި ހަމަލާއާ ގުޅިގެން ލުބުނާނުން ރަސްމީކޮށް އިޒްރޭލަށް ހަމަލާދީ ފަލަސްތީނު ހަނގުރާމަ އިތުރަށް ބޮޑުވެގެން ދިއުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެ އެވެ.