Advertisement

މަގާމުގައި އެންމެ ތިން މަސް: ދަށް ނަތީޖާތަކުގެ ސަބަބުން ބާމިންހަމްގެ ކޯޗުކަމުން ރޫނީ ވަކިކޮށްފި

3 ޖަނަވަރީ 2024 - 08:19 0


މަގާމުގައި އެންމެ ތިން މަސް: ދަށް ނަތީޖާތަކުގެ ސަބަބުން ބާމިންހަމްގެ ކޯޗުކަމުން ރޫނީ ވަކިކޮށްފި

3 ޖަނަވަރީ 2024 - 08:19 0

ބާމިންހަމް، އިންގްލެންޑް (ޖެނުއަރީ 3) - ބާމިންހަމް ސިޓީގެ ކޯޗުކަމާ އިންގްލަންޑްގެ ފުޓުބޯޅަ ލެޖެންޑް ވޭން ރޫނީ ހަވާލުވި ފަހުން ނެރެމުން އައި ދަށް ނަތީޖާގެ ސަބަބުން އެނާ މަގާމުން ވަކިކޮށްފި އެވެ.

އިނގިރޭސި ޗެމްޕިއަންޝިޕް ޑިވިޝަނުގެ ބާމިންހަމްގެ ކޯޗުކަމާ ރޫނީ ހަވާލުވީ މީގެ 83 ދުވަސް ކުރިންނެވެ. ރޫނީ ހަވާލުވި ފަހުން ބާމިންހަމުން 15 މެޗު ކުޅެފައިވާއިރު, ނުވަ މެޗުން ބަލިވި އެވެ. އަދި ރޫނީ ބާމިންހަމާ ހަވާލުވިއިރު, އެ ޓީމު އޮތީ ޗެމްޕިއަންޝިޕްގެ ޓޭބަލްގެ ހަ ވަނައިގަ އެވެ. އެކަމަކު، ރޫނީގެ ކޯޗުކަމުގެ ދަށުން ކުޅުނު މެޗުތަކުގެ ތެރެއިން ނުވަ މެޗުން ބަލިވެ އެ ޓީމު ވަނީ ޕޮއިންޓް ޓޭބަލްގެ 20 ވަނަ އަށް "ސޮއްސާލައިފަ" އެވެ.

ބާމިންހަމްގެ ކޯޗުކަމުން ރޫނީ ވަކިކުރުމާ އެކު, އޭނާ ބުނީ ފުޓުބޯޅައަކީ މިހާރު ނަތީޖާ ނެރެން ޖެހޭ ކުޅިވަރެއް ކަމަށެވެ. އަދި އޭނާގެ ކޯޗުކަމުގެ ދަށުން ބާމިންހަމް އަށް އެކަން ނުވި ކަމަށް ގަބޫލުކުރާ ކަމަށް ރޫނީ ބުންޏެވެ.

"އަހަރެން ބޭނުން ވަނީ ބްރޭކެއް ނަގަން. ބާމިންހަމްގައި އަހަރެން މިވީ އެންމެ 13 ހަފްތާ. އަހަރެން ގަބޫލުކުރަނީ ކޯޗުންނަށް އެންމެ މުހިންމީ ވަގުތު ކަމަށް 13 ހަފްތާއިން ނަތީޖާ ނެރެވޭނެ ކަމަށް އަހަރެން ގަބޫލެއް ނުކުރަން" ރޫނީ ބުންޏެވެ.

ރޫނީ ވަނީ މީގެ ކުރިން އިނގިރޭސި ޗެމްޕިއަންޝިޕުގެ ކުލަބް ޑާބީ ކައުންޓީގެ އިތުރުން, އެމެރިކާ ލީގުގެ ކުލަބް ޑީސީ ޔުނައިޓެޑަށް ކޯޗުކަން ކޮށްދީފަ އެވެ. އޭގެ ތެރެއިން ޑާބީ ކައުންޓީގެ ކޯޗުކަމުގެ މަގާމުގައި ހުރެ ރޫނީ ވަނީ ރަނގަޅު ނަތީޖާތަކެއްވެސް ނެރެފަ އެވެ.

ރޫނީގެ ފުޓުބޯޅަ ކެރިޔަރުގައި ކުޅުންތެރިއެއްގެ ގޮތުން މެންޗެސްޓާ ޔުނައިޓެޑުގައި ގިނަ ކާމިޔާބީތަކެއް ހޯދި ނަމަވެސް އޭނާގެ ކޯޗިން ކެރިއަރުގައި މިހާތަނަށް ބޮޑު ކާމިޔާބީއެއް ވަނީ ނުހޯދި އެވެ. އެއާއެކު ގިނަ ބަޔެއްގެ ފާޑުކިޔުންވެސް އޭނާއަށް ވަނީ އަމާޒުވެފަ އެވެ.