Advertisement

ޔޫތު ނިއު ޖެނެރޭޝަނުން ވެމްކޯ ބަލިކުރިއިރު، ޕޮލިހަށް ވެސް މޮޅެއް

1 ޖަނަވަރީ 2024 - 11:08 0

އަތޫފް އާތިފް

އަތޫފް އާތިފް


ޔޫތު ނިއު ޖެނެރޭޝަނުން ވެމްކޯ ބަލިކުރިއިރު، ޕޮލިހަށް ވެސް މޮޅެއް

1 ޖަނަވަރީ 2024 - 11:08 0

ގައުމީ ވޮލީބޯޅަ މުބާރާތުގައި ކުލަބް ވެމްކޯގެ މައްޗަށް ޔޫތު ނިއު ޖެނެރޭޝަނުން ކުރިހޯދިއިރު, ޕޮލިސް ކުލަބުން އަސްދިގަ ސްޕޯޓްސް ކުލަބް ބަލިކޮށްފި އެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި އިއްޔެ ހަވީރު ކުޅުނު މެޗު ޕޮލިހުން ކާމިޔާބުކުރީ ފަސޭހަ ކަމާއެކު ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ޕޮލިހުން ގެންދިޔައީ 25-16, 25-13 އަދި 25-13 އިންނެވެ.

ރޭ ކުޅުނު ދެ ވަނަ މެޗުގަިއ ޔޫތު ނިއު ޖެނެރޭޝަނުން ވެމްކޯގެ މައްޗަށް ކުރިހޯދީ ފަހަތުން އަރައި 3-1 ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ, 25-20, 15-25, 18-25 އަދި 19-25 އިންނެވެ.

މި މެޗުގެ ފުރަތަމަ ސެޓުގައި ވެމްކޯގެ ތަޖުރިބާކާރު ކުޅުންތެރިންގެ ބޭނުން ހިފައި އެ ޓީމުން މި ސެޓު ލީޑުކޮށްގެން ކުޅުނެވެ. މި ސެޓުގައި ވެމްކޯގެ ތަފާތަކަށްވީ ޖޫޒާން ޒަރީރާއި, އައިޝަތު މާޖިދާ އެވެ. މި ސެޓު ވެމްކޯއިން ކާމިޔާބުކުރީ 25-20 އިންނެވެ.

ޖެހިގެން އައި ދެވަނަ ސެޓު ފަށައިގެން ޔޫތު ނިއު ޖެނެރޭޝަނުން ވަނީ އެ ޓީމުން ފުރަތަމަ ސެޓުގައި ހެދުނު ގޯސްތައް ރިކަވާކޮށް ބޮޑު ލީޑެއްގައި އޮވެގެން ކުޅެފަ އެވެ. މުޅި މި މެޗަށް ބެލިއަސް އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ޝަހާ ޝާމިން އެވެ. މި ސެޓުގައި ވެސް ޝަހާ ގިނަ ޕޮއިންޓްތަކެއް ޔޫތު ނިއު ޖެނެރޭޝަނަށް ވަނީ ސްކޯކޮށްދީފަ އެވެ. މި ސެޓު އެ ޓީމުން ގެންދިޔައީ 25-15 އިންނެވެ.

ޖެހިގެން އައި ދެ ސެޓުގައި ވެސް ވެމްކޯ ޓީމު ފެނުނީ އާދައިގެ ގޮތަކަށެވެ. މި ދެ ސެޓުގައި ވެމްކޯ ޓީމުގެ ކުޅުންތެރިންގެ ފަރާތުން އާދައިގެ ގޯސްތައް ގިނަ އެވެ. އެއާއެކު މި ދެ ސެޓު ޔޫތު ނިއު ޖެނަރޭޝަނުން ކާމިޔާބުކުރީ 25-18 އަދި 25-19 އިންނެވެ.

އިއްޔެ މެންދުރު ވަނީ ފިރިހެން ޑިވިޝަނުގެ މެޗެއްވެސް ކުޅެފަ އެވެ. ސްޕޯޓްސް ކުލަބް ސިޓީގެ މައްޗަށް އެ މެޗުން ކުރިހޯދީ ދިވެހި ސިފައިންގެ ކުލަބުންނެވެ. މި މެޗު ސިފައިން ކާމިޔާބުކުރީ 3-1 ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ 17-25, 19-25,25-19 އަދި 21-25 އިންނެވެ. ސިފައިންނާއި ވެމްކޯ ވަނީ ފުރަތަމަ ކުޅުނު ދެ މެޗުން މޮޅުވެފަ އެވެ.