Advertisement

ޗެމްޕިއަން ސިޓީ އަދި ވެމްކޯ އަށް މުހިންމު މޮޅެއް

3 ޖަނަވަރީ 2024 - 10:08 0

އަތޫފް އާތިފް

އަތޫފް އާތިފް


ޗެމްޕިއަން ސިޓީ އަދި ވެމްކޯ އަށް މުހިންމު މޮޅެއް

3 ޖަނަވަރީ 2024 - 10:08 0

މައިލޯ ވޮލީބޯލް ގައުމީ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ސްޕޯޓްސް ކުލަބް ސިޓީން ޕޮލިސް ކުލަބް ބަލިކުރިއިރު, ކުލަބް ވެމްކޯއިން ކުލަބް އާބަންކޯ ބަލިކޮށް މުހިންމު މޮޅެއް ހޯދައިފި އެވެ.

ގައުމީ ލީގުގެ އެއްވަނައިގައި ކުޅުނު ތިން މެޗުންވެސް މޮޅުވެ އޮތީ ދިވެހި ސިފައިންގެ ކުލަބެވެ. ސިފައިންނަށް ތިން މެޗުން ނުވަ ޕޮއިންޓް ވަނީ ލިބިފަ އެވެ. އިއްޔެގެ މެޗު ކާމިޔާބުކޮށް ވެމްކޯ ވަނީ ލީގު ތާވަލުގެ ދެ ވަނަ އަށް ޖެހިލާފަ އެވެ. އެއީ ކުޅުނު ހަތަރު މެޗުން ލިބުނު އަށް ޕޮއިންޓާ އެކުގަ އެވެ. ތިންވަނައިގައި އޮތް އާބަންކޯ އަށް ހަތަރު މެޗުން ލިބެނީ ހަތް ޕޮއިންޓެވެ. އިއްޔެގެ މެޗު ކާމިޔާބުކޮށް ސިޓީން ވަނީ ގަދަ ހަތަރެއްގެ އުންމީދު އާކޮށްފަ އެވެ. އެ ޓީމު ފަސް ވަނަ އިގައި އޮތީ ސިޓީ ސްޕޯޓްސް ކުލަބަށް ވުރެ އެއް މެޗު އިތުރަށް ކުޅެ ފަސް ޕޮއިންޓް ހޯދައިގެންނެވެ.

އިއްޔެ ހަވީރު ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ވެމްކޯ އާއި އާބަންކޯ ބައްދަލުކުރި މެޗު ވެމްކޯއިން ކާމިޔާބުކުރީ ފަހަތުން އަރާ 3-2 ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ, 29-31, 18-25, 25-18, 25-20 އަދި 15-13 އިންނެވެ.

މި ފަހަރުގެ ވޮލީ ސީޒަނުގައި ވެމްކޯ އާއި އާބަންކޯ ކުޅުނު މެޗެއްގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


މުޅި މެޗުގައި ވެސް ފެނުނު އެންމެ ވާދަވެރި ސެޓަކީ ފުރަތަމަ ސެޓެވެ. މި ސެޓު ފަށައިގެން ނިމުމާ ހަމައަށްވެސް އެއްވެސް ޓީމަކަށް ބޮޑު ލީޑެއް ނެގިފައި ނުވެ އެވެ. ސެޓުގަ ތަފާތަކަށްވީ އާބަންކޯ ކުޅުންތެރިން ސެޓުގެ ފަހުކޮޅު ފޯކަސްކޮށްގެން އަމިއްލަ ގޯސްތައް ނުހެދުމެވެ. އެއާއެކު މި ސެޓު އާބަންކޯ އިން ކާމިޔާބުކުރީ 31-29 އިންނެވެ.

ވާދަވެރި ފުރަތަމަ ސެޓާ އެކު ދެ ވަނަ ސެޓުގައި އާބަންކޯ ޓީމުން ފެނުނީ އިތުބާރާ އެކު ކުޅުނު ތަނެވެ. މި ސެޓުގައި އާބަންކޯގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ), ޝަމާއިލް ހުސައިން އަދި އާދަމް ފައިރޫޒްގެ މޮޅު ކުޅުން ފެނިގެންދިޔައިރު, މި ސެޓު އާބަންކޯއިން ކާމިޔާބުކުރީ 25-18 އިންނެވެ.

ތިންވަނަ ސެޓު ފަށައިގެންވެސް ލީޑުކޮށްގެން ކުޅެމުން އައީ އާބަންކޯ އެވެ. އެކަމަކު ސެޓުގެ މެދުތެރެއިން އާބަންކޯގެ ފައިރޫޒްގެ ފޯކަސް މެޗުން ގެއްލުނު ހިސާބުން އެ ޓީމު އަތުގައި އޮތް ލީޑު ވެމްކޯއިން އަނބުރާލި އެވެ. އަދި މި ސެޓު 25-18 އިން ވެމްކޯ ކާމިޔާބުކުރި އެވެ.

ހަތަރު ވަނަ ސެޓުގައި ވެމްކޯ ޓީމުގެ ފަރާތުން އިތުބާރާ އެކު ކުޅުނު މަންޒަރު ފެނުނުއިރު, މި ސެޓުގައި ވެމްކޯގެ އަލީ ހުޒާމް (ހުޒަންޓޭ) އާއި ލިބަރޯ، އަޙްމަދު ނަބީލް (ނައްބަ)ގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އެވެ. އެއާއެކު މި ސެޓު ވެމްކޯއިން ވަނީ 25-20 އިން ކާމިޔާބު ކޮށްފަ އެވެ. މެޗުގެ ފަހު ސެޓުގައި ވެސް ވެމްކޯ ޓީމުން ފެނުނީ އިތުބާރާ އެކު ކުޅުނު ތަނެވެ. ފަހު ސެޓު ވެމްކޯއިން ކާމިޔާބުކުރީ 15-13 އިންނެވެ.

ރޭ ކުޅުނު މެޗުގައި ޕޮލިސް ކުލަބްގެ މައްޗަށް ސިޓީ އިން ކުރިހޯދީ ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ސިޓީން ކާމިޔާބުކުރީ 25-23, 25-14 އަދި 27-25 އިންނެވެ.