Advertisement

ފުލަމް އަތްދަށުވެ އާސެނަލްގެ އެއް ވަނައިގައި ފުރުސަތު ފެނަށް

31 ޑިސެންބަރު 2023 - 21:07 0


ފުލަމް އަތްދަށުވެ އާސެނަލްގެ އެއް ވަނައިގައި ފުރުސަތު ފެނަށް

31 ޑިސެންބަރު 2023 - 21:07 0

ލަންޑަން (ޑިސެމްބަރު 31) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ 2-1 އިން ފުލަމް އަތްދަށުވެ، މި އަހަރު ނިމޭއިރު، ލީގުގެ އެއް ވަނަ އަށް އަރަން ލިބުނު ފުރުސަތު އާސެނަލް އަތުން ގެއްލިއްޖެ އެވެ.

ޖެހިޖެހިގެން ލީގުގެ ދެ މެޗުން ބަލިވި، އާސެނަލް، މި ވަގުތު އޮތީ ލީގުގެ ހަތަރު ވަނައިގަ އެވެ.

ލީގުގެ އެއް ވަނައިގައި ލިވަޕޫލް އޮތީ 19 މެޗުން 42 ޕޮއިންޓް ހޯދައިގެންނެވެެ. ދެ ވަނައިގައި އޮތް އެސްޓަން ވިލާ އަށް 20 މެޗުން 42 ޕޮއިންޓް ލިބިފައިވާއިރު، ތިނެއްގައި އޮތް ސިޓީ އަށް ވަނީ 19 މެޗުން 40 ޕޮއިންޓް ލިބިފަ އެވެ. އާސެނަލް، ހަތަރެއްގައި އޮތީ 20 މެޗުން 40 ޕޮއިންޓް ހޯދައިގެންނެވެ.

ފުލަމްގެ ކްރޭވަން ކޮޓޭޖްގައި މިރޭ ކުޅުނު މެޗު ފަށައިގެން ފަސް ވަނަ މިނިޓްގައި ފުލަމް ކީޕަރު، ބާން ލޭނޯ އަތުގައި ޖެހިފައި ލިބުނު ރީބައުންސް ބޯޅައެއް ގޯލަށް ވައްދާލައިގެން، އާސެނަލަށް ލީޑުނަގައިދިނީ ބުކާޔޯ ސަކާ އެވެ. ސަކާ ހުރީ އޮފްސައިޑްގައި ކަމަށް ބުނެ، ފުލަމް އިން އެޕީލް ކުރި ނަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ވެސް ނިންމީ ގޯލެއް ކަމަށެވެ.

މެޗުގެ 30 ވަނަ މިނިޓްގައި ފުލަމް އިން ނަތީޖާ ހަމަހަމަކުރީ ސަސްޕެންޝަނުން އެނބުރި އައި ރައުލް ހިމެނޭޒް ޖެހި ލަނޑުންނެވެ. މިއީ އޭރިއާތެެރެއަށް ޓޮމް ކޭއަނީ ނެގި ހުރަހަކަށް އަރައި، ހިމެނޭޒް ޖެހި ގޯލެކެވެ. ފުލަމް އިން މި މެޗުގައި ލީޑުނެގީ، ދެ ވަނަ ހާފް ފެށިގެން 15 މިނިޓް ތެރޭ ޖެހި ގޯލަކުންނެވެ. އާސެނަލް އޭރިއާތެެރެއިން ލިބުނު ފުރުސަތެއްގައި ފުލަމްގެ މި ލަނޑު ޖެހީ ބޮބީ ޑީކޯޑޯވާ-ރީޑް އެވެ.

އާސެނަލަށް އެއްވަރުކޮށްދޭން ބުކާޔޯ ސަކާ އަށް ލިބުނު ފުރުސަތުގެ ބޭނުންނުހިފުނުއިރު، ފުލަމް އަށް ތިން ވަނަ ގޯލެއް ޖަހައިދޭން އަންޑްރެއަސް ޕެރެއިރާ އަށް ލިބުނު ހިލޭ ޖެހުމުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ.

ލީގުގައި މިރޭ ޓޮޓެންހަމް ހޮޓްސްޕާސް އިން ވަނީ އަމިއްލަ ދަނޑުގައި 3-1 އިން ބޯންމައުތު ބަލިކޮށްފަ އެެވެ. ޓޮޓެންހަމްގެ ލަނޑުތައް ޖެހީ ޕަޕޭ ސާ އާއި ސޮން ހެއުން މިން އަދި ރިޗާލިސަން އެވެ. ބޯންމައުތު އަތުން ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ގެއްލުނު މި މެޗުގައި އެ ޓީމުގެ ހަމައެކަނި ލަނޑު ޖަހައިދިނީ ބަދަލަކަށް ކުޅެން އެރި އަލެކްސް ސްކޮޓް އެެވެ.

މި މެޗުން މޮޅުވެ، ޓޮޓެންހަމް އޮތީ ލީގުގެ ލީގުގެ ފަސް ވަނައިގަ އެވެ. އެއީ، 20 މެޗުން 39 ޕޮއިންޓާ އެކު އެވެ.