Advertisement

ފެނުނީ ވަޒަނެއް ކަމަށް ބެލެވުނަސް މައްސަލައަށް 48 ގަޑިއިރު ވީއިރު ވެސް މީހަކު ހައްޔަރެއް ނުކުރޭ

31 ޑިސެންބަރު 2023 - 12:43 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ފަސިންޖަރުގެ ދަބަހުގެ ސްކޭން ފޮޓޯއެއް؛ ފެނުނީ ވަޒަނެއްނޫންކަން އަދިވެސް ކަށަވަރުނުވެ، މައްސަލައިގެ ތަހުގީގު ކުރިއަށް ދިޔަ ނަމަވެސް މީހަކު ހައްޔަރުކޮށްފައެއް ނުވޭ -- ފޮޓޯ: އެމްއޭސީއެލް


ފެނުނީ ވަޒަނެއް ކަމަށް ބެލެވުނަސް މައްސަލައަށް 48 ގަޑިއިރު ވީއިރު ވެސް މީހަކު ހައްޔަރެއް ނުކުރޭ

31 ޑިސެންބަރު 2023 - 12:43 0

ހުކުރު ދުވަހު ހަވީރު ކުޅުދުއްފުށީ އެއާޕޯޓަށް މާލެ ފުރަން ދިޔަ ފަސިންޖަރެއްގެ ދަބަހުން ވަޒަނެއް ފެނުނު ކަމަށް ބެލެވުނަސް އެ މައްސަލައަށް 48 ގަޑިއިރު ވެގެންދިޔައިރު ވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

އެކަމާ ގުޅިގެން "އަދަދު" އިން ފުލުހުންގެ މީޑިއާ އާ ސުވާލު ކުރުމުން ވިދާޅުވީ އަދިވެސް އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށާއި މީހަކު ހައްޔަރު ނުކުރާ ކަމަށެވެ. އަދި މި ތަހުގީގަކީ ފުލުހުންނާއި ސިފައިން ގުޅިގެން ހިންގާ ތަހުގީގަކަށް ވާތީ ވަޒަނާ ގުޅޭ މައުލޫމާތު ފުލުހުންނަށް ނުދެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެމްއެންޑީއެފުން ބުނީ އަދިވެސް ބެލެވެނީ ފަސިންޖަރުގެ ލަގެޖުން ފެނުނީ ވަޒަނެއް ކަމަށާއި އަދި ތަހުގީގު ކުރިއަށްދާތީ އިތުރު މައުލޫމާތު ދެވެން ނެތް ކަމަށެވެ.

ލަގެޖުން ފެނުނީ އަސްލު ވަޒަނެއް ނޫން ކަމަށާއި، އެއީ ވަޒަނެއް ގޮތަށް އޮތް ތަޅުދަނޑި ފުލެއް ކަމަށް ވެސް ބައެއް މީހުން ސޯޝަލް މީޑިއާގައި ހާމަކުރެ އެވެ.

އަސްލު ހަތިޔާރެއް ނޫން ނަމަވެސް، ތަޅުދަނޑިފުލާއި ކުޅޭތަކެތި ފަދަ އެއްޗިހި ލަގެޖުން ފެނުމުން ހުއްޓުވައި ފާސްކުރުމަކީ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން އާންމުކޮށް ކުރާ ކަމެކެވެ.

މިފަހަރު ފެނިފައި ވަނީ އަސްލު ވަޒަނެއް ކަމަށް އަދިވެސް ބެލެވި، މި މައްސަލަ އާއި ގުޅިގެން ތަހުގީގެއް ކުރިއަށް ދިޔަ ނަމަވެސް އެއްވެސް މީހަކު ހައްުޔަރުކޮށްފައެއް ނުވެ އެވެ. މީގެ ކުރިން އެފަދަ ހަތިޔާރާ އެކު ދަތުރު ކުރާ މީހުން ހައްޔަރުކޮށްފައި އެބަހުއްޓެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)އަށް ފުރަން ދިޔަ ނެމިބިއާގެ ޓޫރިސްޓެއްގެ ދަބަހުން 2021 ގެ ތެރޭގައި ވަޒަންތަކެއް ފެނިގެން އޭނާ ޑީޕޯޓުކޮށްލި އެވެ.

މީގެ ކުރިން އެއާޕޯޓުން ފުރަން ދިޔަ ދިވެއްސެއްގެ އަތުން ބްލޭންކް ވަޒަނެއް ފެނިގެން އޭނާ ހައްޔަރުކޮށް ބޮޑު ޖިނާއީ ދައުވާއެއް ވަނީ އުފުލައިފަ އެވެ. ރ. އަލިފުށީ, ފެހިގޭ, އަހުމަދު އަފްލާހު 2008 ގައި އެއާޕޯޓަށް ފުރަން ދިޔައިރު އޭނާ އަތުން ވަޒަނެއް ފެނިގެން ދައުލަތުން އޭނާގެ މައްޗަށް އުފުލީ ހަނގުރާމަވެރި ހަތިޔާރު އަތުގައި ބެހެއްޓި ކަމުގެ ދައުވާ އެވެ.

އަފްލާހު ބުނެފައި ވަނީ އެ ވަޒަނަކީ ސިފައިންގެ ތަމްރީނުތަކެއް ކުރިއަށް ގެންދިޔަ ކ. ކުޑަވިލިނގިއްޔަށް ދިޔަ ދަތުރެއްގައި އެ ރަށުން ހޮވި އެއްޗެއް ކަމަށެވެ.

އޭގެ އިތުރުން 2016 ވަނަ އަހަރު ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގެ ތެރެއިން ރ. ދުވާފަރުން، ސިފައިން ތަމްރީނުތަކުގައި ގެންގުޅޭ ބާވަތުގެ ވަޒަނެއް ފެނިގެން ހަތަރު މީހަކު ހައްޔަރު ކުރި އެވެ.