Advertisement

2023ގެ ސޯޝަލް މީޑިއާގެ ޓްރެންޑުތައް

31 ޑިސެންބަރު 2023 - 18:03 1

އަހުމަދު އާއިދު

އަހުމަދު އާއިދު

އާޓްވޯކް: މުހައްމަދު ރައްޔާން / އަދަދު


2023ގެ ސޯޝަލް މީޑިއާގެ ޓްރެންޑުތައް

31 ޑިސެންބަރު 2023 - 18:03 1

ނިމިގެން މިދާ 2023 ގައި ރާއްޖޭގެ ތާރީހުގައި ލިޔެލާނޭ އެތައް ބައިވަރު ވާހަކަތަކެއް ފެންމަތިވެގެން ދިޔަ އެވެ. ސިޔާސީ ކުލަވަރުން ފޯރި ހިއްޕާލި އެތައް މަންޒަރެއްގެ އިތުރުން ނޫސްވެރިކަމާއި އެކްޓިވިޒަމް އަދި ތާރީހުގެ ފަތްފުއްތަކުން ނިޔުޅާލި ވާހަކަތަކުން ސޯޝަލްޑިއާއަށް އެތައް "ޓްރެންޑު" ތަކެއް އުފަން ކުރުވި އެވެ. މިވަރުގެ އަހަރެެއް މާޒީގެ ތެރެއަށް ދޫކޮށްލާއިރު، އަހަރުގެ އުސްއަލިތައް ހަނދުމަ އާ ކޮށްލުން އެއީ ކޮންމެހެން ކުރާންޖެހޭނެ ކަމެކެވެ. މި ހިމަނާލަނީ ރާއްޖޭގެ ސޯޝަލްމީޑިއާގައި މި އަހަރު އެންމެ ގަދައަށް ދެކެވުނު ވާހަކަތަކާއި އެންމެ ގިނައިން ބަލައި، ޝެއާ ކުރެވުނު "ޓްރެންޑު" ތަކެވެ.

"ރޫޅާލާނަން"

އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު، އެ ޕާޓީ ދޫކޮށް އަލަށް އުފެއްދި ދަ ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންނެވީ ޖުލައި 13، 2023 ގަ އެވެ. އެ ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ދެއްވި ވާހަކަ ނިންމަވާ ލެއްވީ "އެމްޑީޕީ އިރާދަކުރެއްވިޔާ އަޅުގަނޑު ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން... ތި ކެޔޮގަނޑުގެ ފޫވައް ވެއްޓިއްޖެ،" ވާހަކައިންނެވެ. އެއީ 2023ގެ އެންމެ ހިނގި އެއް ވީޑިއޯ ކްލިޕެވެ. އެ ވާހަކަ ގުޅުވައިގެން ވީޑިއޯ އާއި އެކި ކަހަލަ ތަސްވީރުތައް ފެނިގެން ދިޔަ އެވެ.

"ދޮންއަމާ" ޕޯސްޓަރު

މިއީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހު އަދަދު ނޫހުން ގެނެސްދިން "ސްކީލާން" ޑޮކިއުމެންޓަރީއާ ގުޅިގެން އޭރު ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުން އުފައްދައި ފެތުރި ޕޯސްޓުތަކެކެވެ.


މިދިޔަ އަހަރު އެންމެ ޓްރެންޑުވި ނަމަކަށް "ދޮންއަމާ" ވެގެން ދިޔައިރު، އެންމެ ބޮޑަށް ދައުރުކުރި ޕޯސްޓްތަކުގެ ތެރޭގައި ވެސް ދޮންއަމާ ޕޯސްޓުތައް ހިމެނެ އެވެ. މި ޕޯސްޓަރުތަކުގެ ތެރެއިން އެންމެ ބޮޑަށް ހިނގި އެއް ޕޯސްޓަރުން އެ ފެންނަނީ އަދަދު ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާ އެވެ. ދެވަނަ ޕޯސްޓަރުގައި ފިޔާޒުގެ އިތުރުން ސްކީލާން އަދި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރެވެ.

ހަސަން ކުރުސީ

މިދިޔަ އަހަރު ފަހުކޮޅު އެކްސްއާ ގުޅުނު، ކާކުކަން ނޭނގޭ ގޮތަށް ކުރިއަށް ގެންދާ 'ހަސަން ކުރުސީ' އެކައުންޓު ވެގެންދިޔައީ މި އަހަރު އެކްސްގައި އެންމެ މަޝްހޫރުވި އެއް ޝަހްސިއްތަށެވެ. މިހާރު 22،000 މީހުން ފޮލޯކުރާ މި އެކައުންޓުން އެތައް ސިއްރެއް ފަޅާލައިފައިވެ އެވެ.


ވަކި ބަޔަކަށް ބެލުމެއް ނެތި ނިމިގެން ދިޔަ ސަރުކާރުގެ އިސް ބޭފުޅުންނާއި މި ސަރުކާރުގެ އިސް ބޭފުޅަށް ވެސް އޭނާ ދަނީ ފާޑުކިޔަމުންނެވެ.

ގާސިމްގެ ތަފާތު ކެމްޕޭން

މި އަހަރުގެ ރިޔާސީ ކެމްޕޭނުގައި އެންމެ ގިނަ ބައެއްގެ ސަމާލުކަން ލިބިގެންދިޔައީ ޖުމްހުރީ ޕާޓީގެ ކެމްޕޭނަށެވެ. އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މިފަހަރުގެ ކެމްޕޭނުގައި ދެއްކެވި އެކި ވާހަކަތައް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ޓްރެންޑުވި އެވެ.

އެގޮތުން އެންމެ ބޮޑަށް ހިނގި އެއް ވާހަކައަކީ ރަށެއްގެ ނަން ނޭނގިގެން އުޅުއްވާ ވީޑިއޯއަކާއި މައިކުގެ ބެޓެރި ޗާޖުދާ ވީޑިއޯ އެވެ.

"އޭ މިހިރަ ދިދަޔާ"

ރައީސް މުއިއްޒު ހުވާ ކުރެއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ގައުމީ ދިދަޔަށް އިޝާރާތް ކުރައްވާ "އޭ މިހިރަ ދިދަޔާ" އޭ ވިދާޅުވެ މުހާތަބު ކުރެއްވުމުން އެ ވީޑިއޯވެސް ސޯޝަލް މީޑިއާގައި ވަގުތުން ވައިރަލްވި އެވެ.

އެ ތަގުރީރަށް ފަހު "އޭ މިހިރަ" ކުރިއަށް ލާފައި އެކި ޕޯސްޓުތައް ޓްރެންޑުވި އެވެ. އެގޮތުން "އޭ މިހިރަ ގޮނޑިއާ"، "އޭ މިހިރަ ގަޑިބުރާ"، "އޭ މިހިރަ އަލަމާރިއާ" އޭ ބުނެ ގިނަ މީމްތައް ދައުރުވި އެވެ.

ޔާމީންގެ ގޮނޑިކޮޅު

ރިޔާސީ އިންތިހާބުގެ ކެމްޕޭނު ފަށައި ފޯރި ހިފިއިރު ވެސް ޕީޕީއެމް/ޕީއެންސީ އޭރުގެ ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުންނެވީ 11 އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރުމުގައި މާފުށި ޖަލުގަ އެވެ. ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭނުގައި އެންމެ ބޮޑުކުރަން ހުންނީ ޔާމީންގެ ފޮޓޯ އެވެ. ކޮންމެ ޖަލްސާއެއްގައި "ރައީސް ޔާމީން" ޖަހާފައިވާ ހުސް ގޮނޑިއެއް އެ މަނިކުފާނުގެ ހަނދާނުގައި ހުރެ އެވެ. އެ ގޮނޑީގެ ފޮޓީތައް އޭރު ވެސް ސޯޝަލް މީޑިއާގައި ބާރަށް ދައުރުވެގެން ދިޔަ އެވެ. އަދި މިހާރު ވެސް ދަނީ ދައުރުވަމުންނެވެ.

ރައީސް މުއިއްޒުގެ ކެމްޕޭން ޖަލްސާއެއްގެ ތެރެއިން "ހުސް ގޮނޑި" - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ނަމަވެސް މިހާރު އެ ގޮނޑީގެ ވާހަކަ އެންމެ ބޮޑަށް ދެކެވެނީ ރައީސް މުއިއްޒުގެ ކެމްޕޭނުގައި ޔާމީނަށް ހުސް ގޮނޑި ބެހެއްޓުމަށް ފަހު، އެމަނިކުފާނާ ޔާމީނާ ދެމެދު މައްސަލަ ޖެހުމުންނެވެ. ޔާމީނާއި ރައީސް މުއިއްޒުގެ ހިޔާލު ތަފާތުވުން ބޮޑުވެ، ޔާމީން ވަނީ އާ ސިޔާސީ ޕާޓީއެއް އުފައްދައިފަ އެވެ.

ޖީލުތަކެއްގެ ވާހަކަ

މި އަހަރު ދެން އެންމެ ގަދަޔަށް ދެކެވުނު ވާހަކައަކީ "ޖީލު" ތަކުގެ ވާހަކަ އެވެ.

އަހަންނަކީ މިވަނި ކަމެއް ކުރި، މިވަނި ތަނަކަށް ދިޔަ ޖީލުގެ ގޮތުގައި ލޭބަލްކޮށް ގިނަ ޕޯސްޓުތަކެއް ސޯޝަލް މީޑިއާގައި ދައުރުވި އެވެ. މި ޕޯސްޓުތައް އެންމެ ގިނައިން ދައުރުވީ ފޭސްބުކް ގަ އެވެ. މަދުން ނަމަވެސް އެކްސްގައިވެސް ޕޯސްޓުތައް ދައުރުވަމުން ދިޔަ އެވެ.

'އޮޒީ' މާލެއިން ފެނުނު ގިނިކާމާ ދޫނި

މާލޭގެ ގެއަކުން މި އަހަރު ގިނިކާމާދޫންޏެއް ފެނުން ވެގެން ދިޔައީ މުޅި ރާއްޖެ ހައިރާން ކުރުވި ކަމަކަށެވެ. އެ ދޫނީގެ ފޮޓޯއެއް ފޭސްބުކުގައި އާންމުވެ، ގިނަ ބަޔަކު ޝެއާ ކުރަން ފެށުމުން، "އޮޒީ" ނަކަމަށް ކިޔާ އެ ދޫނި ބަދަލު ކުރީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުރި ސައިޓަކަށެވެ. އޮޒީ އެންމެ ފުރަތަމަ ވައިރަލްވީ 16، މެއި ގަ އެވެ.

އާންމު ރައްޔިތުންގެ ތެރެއިން ގިނަ ބައެއްގެ ލޯބި ލިބުނު އޮޒީއަށް ބަޔަކު ހަމަލާދީ އޭގެ ފައި ޒަހަމްކޮށްލި އެވެ. އޮޒީ މަރުވީ އެ އަނިޔާތަކާ ގުޅިގެންނެވެ. އޮޒީ މަރުވުމުންވެސް ގިނަ ބަޔަކު ވަނީ އެ ދޫނީގެ ޕޯސްޓުތައް ޝެއާކޮށްފަ އެވެ.

އޭދަފުށީ ފާލަން

ރިޔާސީ ކެމްޕޭނުގައި އެންމެ ބޮޑަށް އާންމުވި އެއް ފޮޓޯއަކީ ރަށެއްގެ ފާލަމުގައި މައި ދެ ޕާޓީ، އެމްޑީޕީ އަދި ޕީޕީއެމްގެ ދިދަތައް ދަމާފައިހުރި ފޮޓޯއެކެވެ.

އޭދަފުށީ ފާލަން - ފޮޓޯ: ފޭސްބުކް


އޭދަފުށީ މައި ފާލަމުގެ އެ މަންޒަރު ވަރަށްވެސް ގިނަ ބަޔަކު ޝެއާކުރިއިރު، އެ ޕޯސްޓާ ގުޅިގެން އެ ރަށުގެ ރައްޔިތުން ވަނީ ރަސްމީ ފާލަމުގައި ހުރި ދިދަތައް ނަގައިފަ އެވެ.