31 ޑިސެންބަރު 2023 - 11:28 0
އަތޫފް އާތިފް
ޮރޭގެ މެޗުގެ ތެރެއިން އާބަންކޯ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަަދަދު
31 ޑިސެންބަރު 2023 - 11:28 0
މައިލޯ ގައުމީ ވޮލީބޯލް މުބާރާތުގައި ސިޓީ ސްޕޯޓްސް ކުލަބްގެ މައްޗަށް ކުލަބް އާބަންކޯ އިން ފަސޭހަ މޮޅެއް ހޯދައިފި އެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ރޭ ކުޅުނު މެޗު އާބަންކޯ އިން ކާމިޔާބު ކުރީ ފަސޭހަ ކަމާއެކު ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ 25-17, 25-23 އަދި 25-19 އިންނެވެ.
މި މެޗަށް އާބަންކޯ ނުކުތްއިރު, އާބަންކޯގެ ސެޓަރު އިޝާން އިބްރާހީމް (ބަޓިސް) އަނިޔާގެ ސަބަބުން މި މެޗުގައި ނުކުޅެ އެވެ. ބަޓިސްގެ ބަދަލުގައި މި މެޗުގައި ސެޓަރުގެ ޒިންމާ އަދާކުރީ ބްލޮކަރަކަށް ކުޅެމުން އަންނަ އާދަމް ފައިރޫޒް އެވެ. އަދި މި މެޗުގައި ފައިރޫޒްގެ ބަދަލުގައި ސެންޓަ ޕްލޭޔަރަކަށް ކުޅުނީ ޝަމާއިލް ހުސައިން އެވެ.
މި މެޗުގެ ފުރަތަމަ ސެޓުގައި އާބަންކޯގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) ގެ މޮޅު ކުޅުން ފެނިގެންދިޔައިރު, މި ސެޓުގައި ސިޓީގެ ޓީމު ފެނިގެންދިޔައީ އާދައިގެ ގޮތަކަށެވެ. އޭގެ ފައިދާ ނަގާ މި ސެޓު އާބަންކޯއިން ކާމިޔާބުކުރީ ފަސޭހަކަމާއެކު 25-17 އިންނެވެ.
މެޗުގެ ދެ ވަނަ ސެޓުގައި ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު, މި ސެޓުގެ ކުރީކޮޅު އެއްވެސް ޓީމަކަށް ބޮޑު ލީޑެއްގައި އޮވެގެން ކުޅެވޭ ގޮތް ވަނީ ނުވެފަ އެވެ. އެކަމަކު، ސެޓުގެ ފަހުކޮޅު އާބަންކޯގެ ތަޖުރިބާކާރު ކުޅުންތެރިންގެ ބޭނުން ހިފައި އެ ޓީމުން ވަނީ ލީޑު ކޮށްފަ އެވެ. އާބަންކޯ ޓީމުގެ ކުޑަކާއްޓޭ އާއި ފައިރޫޒްގެ ކާމިޔާބު ގިނަ ބްލޮކްތަކެއް މި ސެޓުގެ ފަހު ކޮޅު ފެނިގެންދިޔަ އެވެ. އެއާއެކު އާބަންކޯ އިން މި ސެޓު ކާމިޔާބުކުރީ 25-23 އިންނެވެ.
މެޗުގެ ފަހު ސެޓު ސިޓީގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު, އާބަންކޯއިން ވަނީ ސެޓު ފަށައިގެން އަށް ޕޮއިންޓްގެ ލީޑެއް ނަގާފަ އެވެ. އަދި އާބަންކޯއިން ވަނީ މި ލީޑު ދަމަހައްޓައި 25-19 އިން މި ސެޓު ކާމިޔާބު ކޮށްފަ އެވެ.
މި މުބާރާތުގައި އިއްޔެ ހަވީރު ކުޅެން އޮތް މެޗު ވަނީ މިއަދު މެންދުރަށް ފަސްކޮށްފަ އެވެ.
Comment