Advertisement

ތިލަމާލެ ބްރިޖު އަވަސް ކުރަން އިންޑިއާއަށް ހުށަހަޅައިފި

29 ޑިސެންބަރު 2023 - 11:22 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ތިލަމާލެ ބްރިޖަށް ބޭނުންވާ ކޮންކްރީޓު ބައިތައް ތައްޔާރުކުރުމުގެ މަސައްކަތް ގުޅީފަޅު ސައިޓުގައި ކުރިއަށް ދަނީ. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ތިލަމާލެ ބްރިޖު އަވަސް ކުރަން އިންޑިއާއަށް ހުށަހަޅައިފި

29 ޑިސެންބަރު 2023 - 11:22 0

ތިލަމާލޭ ބްރިޖުގެ މަސައްކަތް މިހާރަށް ވުރެ ހަލުވިކޮށް، މަޝްރޫއު ނިންމާ ތާރީހު ވެސް އަވަސް ކުރަން އިންޑިއާ އަށް ހުށަހަޅާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ދިވެހިރާއްޖޭގެ އަޑުގެ 61 އަހަރީ ދުވަސް މިއަދު ފާހަގަ ކުރާއިރު، އަޑުގެ އެންމެ ދުވަސްވީ އެއް ޕްރޮގްރާމު ކަމުގައިވާ "ބާއްޖަވެރި ހެނދުނެއް"ގެ މެހްމާނުންގެ ގޮތުގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ބްރިޖުގެ އެއްބަސްވުމަށް ގެނެސްފައިވާ ބަދަލާއެކު އެ މަޝްރޫއުގެ މިހާރު ނިންމޭނީ 2026 ގެ ފަހުކޮޅު ނުވަތަ 2027 ގެ ކުރީކޮޅުގައި ކަމަށެވެ.

އެއީ ވަރަށް ދިގު މުއްދަތެއް ކަމަށާއި އެ މަޝްރޫއަށް އެހައި ގިނަ ދުވަސް ނަގަންޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. އެހެންވެ ބްރިޖުގެ މަސައްކަތް 2024 ގައި ނިންމުމަށް ނުވަތަ 2025 ގައި ނިންމުމަށް އިންޑިއާ އަށް ހުށަހަޅުއްވާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އެކަން ހުށަހެޅުއްވީ، ދާދި ފަހުން ދުބާއީގައި އޮތް ތިމާވެއްޓާބެހޭ ބައިނަލްއަގުވާމީ ސަމިޓު، ކޮޕް20 ގެ ހަވާސާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު ބޭއްވި ބައްދަލުވުމުގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅައިލާ 6.7 ކިލޯމީޓަރުގެ އެ ބްރިޖުގެ މަސައްކަތް، އިންޑިއާ އާއި ރާއްޖޭގެ އިސްވެރިންނާއެކު މަޝްވަރާކޮށްގެން ހަލުވި ކުރެވިދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެންމެ ކުޑަމިނުން ވިލިގިއްޔާ ހަމައަށް އަންނަ އަހަރުތެރޭގައި ވެސް، 2024 ނިމެންވާއިރަށް ނުވަތަ 2025 ގެ ކުރީކޮޅަށް ނިންމުނަސް ވަރަށް ބޮޑުވަރު އެއީ،" އެމަނިކުފާނު ވިދާޅުވި އެވެ.

އެކަމަށް އިންޑިއާއާއެކު މަޝްވަރާކޮށް ގޮތެއް ހޯދޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ބްރިޖުގެ މަސައްކަތް ރަނގަޅަށް ފެށުން ލަސްވެގެން ދިޔަސް، މިހާރު އެ މަސައްކަތް ކުރިއަށް ދަނީ ރަނގަޅަށް ކަމަށް އެ މަނިކުފާނު ފާހަގަ ކުރެއްވި އެވެ.

އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު ނަގައިގެން ހިންގާ މި މަޝްރޫއު އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލު ކުރީ ދެ މަރުހަލާއަކަށް ބަހާލައިގެން، މޭ 2024 ގެ ނިޔަލަށް ނިންމުމަށެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ މަޝްރޫއު ލަސްވެގެން ދިޔުމާއެކު އަލަށް އެކުލަވާލި ތާރީހުގައި، ވިލިމާލެއާ ހަމައަށް ބްރިޖު ގުޅައިލަން ޖެހެނީ 2025 ގެ ނިޔަލަށެވެ. އަދި މުޅި މަޝްރޫއު، އެއީ ތިލަފުއްޓާ ހަމައަށްގުޅާލަން ޖެހެނީ ސެޕްޓެމްބަރު 2026 ގެ ނިޔަލަށެވެ.