Advertisement

އިންޑިއާ ސިފައިންގެ އަދަދު ނުރައްކަލަކަށް ވެގެން ނޫޅެން: ސަރުކާރު

28 ޑިސެންބަރު 2023 - 12:38 2

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ކޮޕް28 ގެ ހަވާސާގައި ރައީސް ޑރ. މުހައްމަދު އިންޑިއާގެ ބޮޑުވަޒީރު މޯދިއާ ބައްދަލުކުރައްވަނީ. އިންޑިއާ ސިފައިން ބޭލުމާ ގުޅޭ މައުލޫމާތެއް މި ސަރުކާރުން ހާމަނުކުރޭ --- ފޮޓޯ: ރައީސް އޮފީސް


އިންޑިއާ ސިފައިންގެ އަދަދު ނުރައްކަލަކަށް ވެގެން ނޫޅެން: ސަރުކާރު

28 ޑިސެންބަރު 2023 - 12:38 2

ސަރުކާރަށް ދޮޅުމަސް ދުވަސް ވެގެންދާއިރު ވެސް ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންގެ އަދަދު އިތުރުވެ ނުވަތަ މަދުވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށާއި މިވަގުތު ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދުން ގައުމީ ސަލާމަތަށް ނުރައްކަލެއް އޮތް ކަމަށް ނުދެކޭ ކަމަށް ސަރުކާރުން ހާމަކޮށްފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދުލުވުމެއްގައި ތަކުރާރުކޮށް ނޫސްވެރިން ވަނީ އިންޑިއާ ސިފައިންގެ އަދަދު މިއަދާ ހަމައަށް ވެސް ސަރުކާރަށް ޔަގީން ކުރެވިފައި ނުވާތީ ސުވާލުތައް އަމާޒުކޮށްފަ އެވެ.

"އެންމެ ފުރަތަމަ ދެންނެވި އަދަދެއް ނޫން, އެއީކީ ފަހުން އެ އަދަދުތައް ކްލެރިފައި ވެގެން އެ އަދަދު 70 ކޮންމެވެސް އަދަދެއް. ފަހުން 89 ކަމަށް ދަންނަވާ ހާމަކޮށްފައި އޮތީ. އެ އަދަދު އަދިވެސް އޮތީ އެހެން," އިންޑިއާ ސިފައިންގެ އަދަދާ ގުޅޭ ގޮތުން ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ޝަހީބް ވިދާޅުވި އެވެ.

ސިފައިންގެ އަދަދު ކަށަވަރު ނުވުމަކީ ގައުމީ ސަލާމަތަށް ނުރައްކަލެއް އޮތް ކަމެއް ކަމަށް ސަރުކާރުން ދެކޭތޯ ސާފުކުރުމަށް ވެސް ނޫސްވެރިން ސުވާލުކުރި އެވެ.

"ދެން ސުވާލަކީ އިންޑިއާ ސިފައިންގެ އަދަދު ކަށަވަރު ނުވުމަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ކަމެއްހޭ. އިންޑީއާ ސިފައިންގެ އަދަދު މީޑިއާއަށް މި ދަންނަވަނީ އަޅުގަނޑުމެންނަށް ލިބޭ އަދަދު. ކަމާ ބެހޭ މުއައްސަސާތަކުން އެ ކަންތައްތައް ބަލާ, އެއީކީ ގައުމީ ސަލާމަތަށް ހުރި ނުރައްކާ ހުރި ކަމެއްގެ ގޮތުގައި އެ ބޭފުޅުން ފާހަގައެއް ނުކުރައްވާ. އެ ބޭފުޅުން އެކަންތައް މެނޭޖު ކުރައްވަމުން ގެންދަވަނީ," ޝަހީބް ވިދާޅުވި އެވެ.

މިހާރު ތިބީ 89 ސިފައިން ކަމަށް ސަރުކާރުން ހާމަކޮށްފައިވީ ނަމަވެސް އަދިވެސް އެ އަދަދަށް އުނިއިތުރު އައުން އެކަށީގެންވާ ކަމަށް ޝަހީބު ވިދާޅުވި އެވެ. އަދި, އެއީ މާ ބޮޑު މައްސަލައެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑު ދެންނެވީ އިންޑިއާ ސިފައިންގެ އަދަދު, އަޅުގަނޑުމެން ލިޔެފައިވާ އަދަދަކީ 89 އެކޭ. ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އެ އަދަދުތައް ބައްލަވާ ސާފުކުރައްވަމުން ގެންދަވަނީ. އެ ނުރައްކަލަކަށް ވެގެން ނޫޅެމޭ އަޅުގަނޑުމެންނަށް," ނޫސްވެރިންގެ ބައްދަލުވުން ނިންމާލަމުން އިންޑިއާ ސިފައިން ތިބި އަދަދު ނޭނގުމަކީ ނުރައްކަލެއް ކަމަށް ނުދެކެންތޯ ނޫސްވެރިޔަކު އެހުމުން ޝަހީބް ވިދާޅުވި އެވެ.

ރައީސް އޮފީހުން އެންމެފަހުން ހާމަކޮށްފައިވާ ގޮތުން އިންޑިއާގެ 89 ސިފައިން ރާއްޖޭގައި އެބަތިއްބެވެ. މި އަދަދު ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ކުރިން ހާމަކުރެއްވި އެވެ.

ސަރުކާރުން އެންމެ ފުރަތަމަ އިއުލާނުކުރީ ރާއްޖޭގައި ތިބީ 77 ސިފައިން ކަމަށެވެ. އޭގެ ފަހުން އިންޑިއާގެ އިސް އޮފިޝަލަކު ވަނީ އެ އަދަދުގެ ތެރޭގައި ސެނަހިޔާގައި ތިއްބަވާ މިލިޓަރީ ޑޮކްޓަރުން ނުހިމެނޭ ކަމަށް ވިދާޅުވެފަ އެވެ. އަދި, އެ ނުވަ ޑޮކްޓަރުން ހިމެނުމުން އަދަދު އަރަނީ 86 އަށެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރު ކުރުމަކީ މިހާރު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މުޅި ރިޔާސީ ކެމްޕޭން ބިނާވި އެމަނިކުފާނުގެ އެންމެ މުހިންމު ރިޔާސީ ވައުދެވެ.

ކޮޕް-28 ގެ ހަވާސާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެކު ބޭއްވި ބައްދަލުވުމުގައި، އިންޑިއާ އިން އެ ގައުމުގެ ސިފައިން އަނބުރާ ގެންދިއުމަށް އެއްބަަސްވި ކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް, އެކަމާ ގުޅިގެން ނޫސްވެރިން ސުވާލުތައް ކުރިމަތިވުމުން ރައީސް އިތުރު ތަފުސީލެއް ނުދެއްވަ އެވެ.

އިންޑިއާގެ ނޫސްތަކުން، އެ ގައުމުގެ އޮފިޝަލުންނާ ހަވާލާދީ ބުނެފައިވާ ގޮތުން މިހާތަނަށް ދެ ގައުމުން މިފަދަ އެއްބަސްވުމަކަށް އާދެވިފައެއް ނުވެ އެވެ.