Advertisement

ފިޝަރީޒް ކޮލެޖު ގާއިމުކުރަން އެމްއެންޔޫއާ ހަވާލުކޮށްފި

27 ޑިސެންބަރު 2023 - 15:58 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ފަހުމުނާމާގައި ސޮއިކުރުމަށް ފަހު ދެ އިދާރާގެ އިސްވެރިން. މިއީ ދިވެހިން މަސްވެރިކަމުގެ ސިނާއަތަށް ނެރުމަށް އަމާޒުކޮށް ގާއިމުކުރާ ކޮލެޖެއް --- ފޮޓޯ: އެމްއެންޔޫ


ފިޝަރީޒް ކޮލެޖު ގާއިމުކުރަން އެމްއެންޔޫއާ ހަވާލުކޮށްފި

27 ޑިސެންބަރު 2023 - 15:58 0

މަސްވެރިކަމުގެ ސިނާއަތަށް މީހުން ތަމްރީނު ކުރުމާއި އެ ސިނާއަތާއި ގުޅޭ އިލްމީ ދިރާސަތަކާއި އެހެނިހެން މަސައްކަތްތައް ކުރުމަށް ގާއިމުކުރާ ފިޝަރީޒް ކޮލެޖުގެ މަސައްކަތްތައް ކުރިއަށްގެންދިޔުމަށް މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާއެކު މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ފިޝަރީސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ ދާއިރާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ތަމްސީލުކުރައްވާ މިނިސްޓަރު އަހްމަދު ޝިޔާމް އެވެ. އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރު ޑރ. އައިޝަތު ޝެހެނާޒް އާދަމް އެވެ.

އެއްބަސްުވުމުގައި ސޮއިކުރެއްވުމަށް ފަހު ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ އޭނާ ފިޝަރީޒް މިނިސްޓްްރީއާ ހަވާލުވެވަޑައިގެންނެވީ އެ ދާއިރާ ކުރިއެރުވުމުގެ ބޮޑު މެންޑޭޓަކާ އެކު ކަމަށެވެ. އެގޮތުން, ފިޝަރީޒް ކޮލެޖު ގާއިމުކުރުމަކީ އެ މަގުސަދުތައް ހާސިލުކުރުމަށް މުހިންމު ކަމެއް ކަމަށާއި, އެކަމުގެ ގާބިލުކަން އެމްއެންޔޫގައި ހުންނެވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަސްވެރިކަމުގެ ސިނާއަތުގައި ގިނަ ވަޒީފާތަކެއް ހުރި ނަމަވެސް އެ އެ ވަޒީފާތަކަށް ނިޒާމުގެ ތެރެއިން ތައްޔާރު ކުރެވިފައި ތިބި ދިވެހިން މަދު ކަމަށް ފާހަގަކުރެވިފައިވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"މަސްވެރިކަމުގެ ބާވަތްތައް އުފައްދާ ފެކްޓްރީތަކުގައި ވެސް ފެންނަނީ ވަރަށް ބޮޑަށް ދިވެހިންނަށް އަދާކުރެވޭ ވަޒީފާތަކުގައި, ޓެކްނިކަލް ވަޒީފާތައް, މި ތައުލީމާއި ތަމްރީނު ދެވޭނެ ނިޒާމެއް އޮތް ކަމަށްވާނަމަ, ރާއްޖޭން މިކަން ކުރެވޭނެ ނިޒާމެއް އޮތްނަމަ މި ދަންނަވާ ފެކްޓްރީތަކުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭރުގެ ފަރާތްތަކުގެ ބަދަލުގައި ރާއްޖޭގެ ޒުވާނުން ފެންނާނެކަން ޔަގީން ކުރެވޭ," ޝިޔާމް ވިދާޅުވި އެވެ.

މި ކޮލެޖުން ފަރުމާ ކުރާ ޕްރޮގްރާމްތަކަކީ ރާއްޖޭގެ މަސްވެރިކަމަށް ނަފާ އިތުރުކޮށްދޭނެ ޕްރޮގްރާމްތަކަކަށް ވާނެ ކަމަށާއި އުންމީދަކީ ޕީއެޗްޑީއާ ހަމައަށް ތައުލީމު ހާސިލުކުރެވޭނެ ގޮތް ވެގެން ދިޔުން ކަމަށް ޝިޔާމް ވިދާޅުވި އެވެ.

ފިޝަރީޒް މިނިސްޓްރީގައި އޮތް ތައުލީމާއި ތަމްރީނު ދިނުމުގެ ޒިންމާ އެމްއެންޔޫއާ ހަވާލުކޮށް ފިޝަރީޒް އިންސްޓިޓިއުޓް ވެސް ހަވާލުކުރަން ނިންމެވީ މިނިސްޓަރު ކަމަށް ގައުމީ ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މަހުމޫދު ޝައުގީ ވިދާޅުވި އެވެ. އެ ސިޔާސަތު ރައީސް އިއުލާނު ކުރެެއްވުމާ އެކު މިއަދު އެޅިގެން ދަނީ އެކަން ތަންފީޒު ކުރުމުގެ ފުރަތަމަ ފިޔަވަޅު ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖެއަކީ 99 އިންްސައްތަ ކަނޑުގެ ޖަޒީރާ ގައުމަކަށް ވާއިރުގައި އަދި އަޅުގަނޑުމެންގެ މުސްތަގުބަލު ވަރަށް ބޮޑަށް ބިނާވެފައި އޮތީ ކަނޑުގެ ވަސީލަތްތަކަށް ކަމަށްވާއިރު އެކަމުގެ އިލްމީ ދިރާސާތައް ކުރާ ކޮލެޖެއް ޔުނިވާސިޓީގައި އުފެއްދުމަކީ ވަރަށް މުނާސަބު ކަމެއް," އެމްްއެންޔޫގެ ޗާންސެލަރު ޝައުގީ ވިދާޅުވި އެވެ.

އެމްއެންޔޫގެ ދިގު ތާރީހެއް އޮތް ކަމަށާއި ނަމަވެސް މަސްވެރިކަމާ ގުޅޭ އިންސްޓިޓިއުޓެއް ގާއިމުކުރުން ލަސްވެފައިވާ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް ޝައުގީ ވިދާޅުވި އެވެ.