Advertisement

މެޑިކަލް ސްކޫލް ބަދަލުކުރުމުގެ ކަންބޮޑުވުންތައް ރައީސް އޮފީހަށް ހުށަހަޅައިފި

28 އޭޕްރީލް 2024 - 08:56 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ރައީސް އޮފީހަށް ވަންނަ ދޮރާށްޓެއް، މެޑިކަލް ސްކޫލްގެ ދަރިވަރުން އެ އޮފީހަށް ގޮސް، ސްކޫލް ބަދަލުކުރުމާ ގުޅޭ ކަންބޮޑުވުންތައް ހިއްސާކުރި. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


މެޑިކަލް ސްކޫލް ބަދަލުކުރުމުގެ ކަންބޮޑުވުންތައް ރައީސް އޮފީހަށް ހުށަހަޅައިފި

28 އޭޕްރީލް 2024 - 08:56 0

މޯލްޑިވްސް ނެޝަނަލް ޔުނިވާސީޓީ (އެމްއެންޔޫ) ގެ މެޑިކަލް ސްކޫލް ދަރުމަވަންތަ ހޮސްޕިޓަލުން، އެ ޔުނިވާސިޓީގެ މައި ކެމްޕަހަށް ބަދަލު ކުރުމާ ގުޅިގެން ހުރި ކަންބޮޑުވުންތައް ހިއްސާކުރަން އެމްއެންޔޫގެ ސްޓޫޑެންޓް ޔޫނިއަން (އެމްއެންޔޫއެސްޔޫ) އާއި މެޑިކަލް ސްކޫލްގެ ދަރިވަރުން ބައިވެރިކޮށްގެން ރައީސް އޮފީހުގައި ބައްދަލުވުމެއް ބާއްވައިފި އެވެ.

އެމްއެންޔޫގެ ދަރިވަރުންގެ ޔޫނިއަންއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ މައްސަލައާ ގުޅިގެން ހުކުރު ދުވަހު ރައީސް އޮފީހުގައި އެ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި އެ އޮފީހުގެ އިސްވެރިންގެ އިތުރުން އައިޖީއެމްއެޗް އަދި ޔުނިވާސިޓީގެ އިސް ބޭފުޅުން ވެސް ބައިވެރިވި ކަމަށެވެ.

ދަރިވަރުންގެ ހުރި ކަންބޮޑުވުންތައް އެބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންނަށް ޔޫނިއަން އަދި މެޑިކަލް ސްކޫލްގެ ދަރިވަރުންގެ ފަރާތުން ތަފްސީލުކޮށްދީފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

މެޑިސިން ކިޔަވާ ދަރިވަރުން ކިޔެވުމަށް ހުރަސް އެޅޭފަދަ އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެ ކަމުގެ ޔަގީންކަންދީ، ދަރިވަރުންގެ ތައުލީމީ ހައްގުތައް ރައްކާތެރި ކުރުމުގައި ރައީސް ބައިވެރިވެވަޑައިގެން، އެކަމަށް އިސްކަމެއް ދެއްވާ ކަމާއި، މިހާރަށްވުރެ ފުރިހަމަ ވަސީލަތްތައް ގާއިމު ކޮށްދޭނެކަމުގެ ޔަގީންކަން އެ ބައްދަލުވުމުގައި ރައީސް އޮފީހުން ދިން ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

"ބައްދަލުވުމުގައި ސަރުކާރުގެ ފަރާތުން ދަރިވަރުންނަށް ދެރަގޮތް ނުވާނެ ކަމުގެ އުއްމީދު ދެއްވުމުން އަޅުގަނޑުމެންގެ ހިތްތަކަށް ވަނީ ތަސައްލީ ލިބިފައި. މެޑިސިން ސްކޫލުގައި ކިޔަވާ 200 އަށްވުރެ ގިނަ ދަރިވަރުންނަށް ދާއިމީ ހިޔާވެހިކަމެއް ލިބެންދެން، ދަރުމަވަންތަ ހޮސްޕިޓަލުގެ 8 އަދި 14 ވަނަ ފަންގިފިލާގައި ތިބެވޭނެ ކަމަށް ކުރެވޭ އުއްމީދު ވަނީ އާވެފައި،" ދަރިވަރުންގެ ޔޫނިއަންގެ ބަޔާނުގައި ބުންޏެވެ.

މައްސަލައިގެ ދާއިމީ ހައްލަކާ ހަމައަށް ދިޔުމަށް ގިނަ ދުވަސްތަކެއް ހޭދަވެދާނެތީ، މިހާރު ދަރިވަރުން ކިޔަވަމުން އަންނަ އިމާރާތުގައި ދަރިވަރުންގެ ކިޔެވުން ކުރިއެކޭ ވެސް އެއްފަދައިން ކުރިއަށް ގެންދެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ ހުރިހާ ދަރިވަރުންގެ އެދުން ކަމަށާއި އެކަން އެގޮތަށް ހަމަޖައްސަން ގޮވައިލާ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

މެޑިކަލް ސްކޫލް ދަރުމަވަންތަ ހޮސްޕިޓަލުން، އެ ޔުނިވާސިޓީގެ މައި ކެމްޕަހަށް ބަދަލު ކުރުމުން 1،000 އަށްވުރެ ގިނަ ދަރިވަރުންގެ ކިޔެވުމަށް އަސަރު ކުރާނެ ކަމަށް ދަރިވަރުންގެ ޔޫނިއަންއިން ބުނެ އެވެ.