Advertisement

ހަގީގީ ސަލާމަތްތެރިކަން އޮތީ ﷲ ގެ ވާފަށުގައި އެކުވެރިކަމާއެކު އެންމެން ހިފައިގެން: ރައީސް

26 ޑިސެންބަރު 2023 - 22:05 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އެއްބައިވަންތަކަމުގެ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ. މީގެ ކުރިން އުޅުނު ގޮތަށް އެއްބައިވަންތަކަމާއި އެކުވެރިކަމާއެކު ދިވެހީން އުޅޭނެ ދުވަހެއް ދެކެން ބޭނުންވާ ކަމަށް އެމަނިކުފާނު ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް


ހަގީގީ ސަލާމަތްތެރިކަން އޮތީ ﷲ ގެ ވާފަށުގައި އެކުވެރިކަމާއެކު އެންމެން ހިފައިގެން: ރައީސް

26 ޑިސެންބަރު 2023 - 22:05 0

ކިތަންމެ ރައްކާތެރިކޮށް ރަށްތައް ބިނާކޮށްގެން ތިބި ނަމަވެސް ހަގީގީ ސަލާމަތްތެރިކަން އޮތީ ﷲ ގެ ވާފަށުގައި އެކުވެރިކަމާއެކު އެންމެން ހިފައިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިއަދު ލިބިގަންނަންވީ ފިލާވަޅަކީ އިސްލާމްދީނުގައި އެންމެން އެކުގައި ސާބިތުވެތިބުމުގެ މުހިންމުކަމާއި އެކި ނަންނަމުގައި އެކި ކަންކަމުގައި ބައިވައިވެ އިސްލާމީ އަހުވަންތަކަން ފުނޑުފުނޑުކޮށްނުލުމުގެ ފިލާވަޅު ކަމަށެވެ.

"އެއްބައިވަންތަ ވެވޭނެ ހުރިހައި ސިފަތަކެއް އޯގާވަންތަ ﷲ ދިވެހީންނަށް ވަދީއަތްކުރައްވާފައިވޭ، އެއް ދީނަކުން ހިދާޔަތު ލިބިފައިވުމުގެ ނަސީބު، އެއް ބަހަކުން ބަސްމޮށެ އުޅުމުގެ ޝަރަފު، އެއް އަކުރަކުން ލިޔެކިޔައި އުޅުމުގެ އުފާ، އެއް ސަގާފަތެއް ހިއްސާ ކުރުމާއި އެއް ނަސްލަކުން ގުޅިފައިވުމުގެ އަމާންކަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

"ހަމަ އެހެންމެ އެއް ސޫރައެއްގައި އޮތް އެއްކަހަލަ ރަށްތަކަކުން ދިވެހީންގެ ވެށި ސިފަވެގެން ދިޔުމުގެ ޒީނަތްތެރިކަން، ދިވެހީން އެއްބައިވަންތަ ކުރުވީ އެއްގޮތްވަންތަކަން، މިއީ އެއް ގައުމެއް، އެއް ބައެއް،"

އާލުއިމްރާން ސޫރަތުގެ 103 ވަނަ އާޔަތުގެ މާނައިން މިސާލު ނަންގަވައި ރައީސް ވިދާޅުވީ އެ ހުރިހާ ކަންކަމަކީ ވެސް ދިވެހީންނަށް ﷲ ދެއްވާފައިވާ ނިއުމަތްތަކެއް ކަމަށާއި އެކަންކަން އަބަދުމެ ހަނދުމަ ކުރަންޖެހޭ ކަމަށެވެ.

އެ ވާހަކަތައް ތަފުސީލުކޮށްދެއްވައި ރައީސް ވިދާޅުވީ ދުނިޔޭގެ އެހެން ކަންކޮޅަށް ބަލައިލުމުން މިފަދަ ކަންތައްތަކެއް ފެނިގެން ނުދާ ކަމަށެވެ. އެގޮތުން ދުނިޔޭގެ އެހެން ގައުމުތަކުގައި އެކި ނަސްލުތަކާއި ސަގާފަތްތަކާއި ތަފާތު ދީންތަކުގެ މީހުން ދިރިއުޅޭ ކަމަށެވެ. ނަމަވެސް ދިވެހީންނަކީ އެއް ބަހަކުން ބަސްމޮށެ އުޅޭ އެއް ނަސްލެއްގެ ބައެއް ކަމަށެެވެ.

ދިވެހީންގެ މާޒީން ފެނިފައި ވަނީ އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަން ކަމަށް ވިދާޅުވެ ރައީސް ވަނީ މިއަދު ވެސް އެ ގުޅުންތައް އެގޮތުގައި ދެމެހެއްޓުމަށް ގޮވައިލައްވައިފަ އެވެ.

"ޝައްކެއް ނެތް މިއަދު އަޅުގަނޑުމެންގެ އާއިލީ ގުޅުންތަކަށް ފަރުވާ އެބަ ބޭނުންވޭ، އަޅުގަނޑުމެންގެ ދޭދޭ ކުލުނުވެރިކަމާއި އެއްބަނޑުއެއްބަފާކަން ގާއިމު ކުރުމަށް އެހީ އެބަ ބޭނުންވާ، އަޅުގަނޑުމެން އެކަކު އަނެކަކުގެ އަބުރަށް އިއްޒަތް ހުރުމަތްތެރިކޮށް ހިތުމަށް މަގުދައްކައިދޭން އެބަޖެހޭ، އަޅުގަނޑުމެންގެ ހިތްތަކަށް ރަހުމާއި ކުލުނާއި އޯގާވެރިކަމުގެ މޫސުމެއް އަންނަން އެބަޖެހޭ،" އަޑަށް ބާރުލައްވައި ރައީސް ވިދާޅުވި އެވެ.

މާޒީން ފެނިފައިވާ ތަނަކީ އެކުވެރިކަމާއި ގުޅުންތެރިކަން ކަމަށާއި މިއަދުވެސް ދެކެން ބޭނުންވަނީ އެ ދުވަސް ކަމަށް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.

އެއްބައިވަންތަ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހުގެ 26 ވަނަ ދުވަސް ފާހަގަ ކުރަނީ މީގެ 19 އަހަރު ކުރިން އޭޝިއާ ކަނޑުގައި އުފެދުނު ސުނާމީގައި ރާއްޖޭއަށް ލިބުނު ގެއްލުމުން އަރައިގަތުމަށް ދިވެހީން ދެއްކި އެކުވެރިކަމާއި އެއްބައިވަންތަމުގެ ހަނދާން އައު ކުރުމުގެ ގޮތުންނެވެ.

ރާއްޖޭގެ ނުވަ ރަށެއް ފިޔަވައި އެހެން ހުރިހާ ރަށަކަށް އަސަރު ކުރި ސުނާމީގައި މުޅި ރާއްޖެއިން 109 މީހުންގެ ފުރާނަ ގެއްލިގެންދިޔަ އެވެ. އެ ކާރިސާގައި ލިބުނު ގެއްލުންތަކުގެ ސަބަބުން ރ. ކަނދޮޅުދޫ އެއްކޮށް ފަޅުވި އެވެ.