Advertisement

އަަންމަޓީގެ ޕާސްޕޯޓު ދޫކޮށްލާ ގޮތަށް ފުރަން ދިން ހުއްދަ ހައި ކޯޓުން ދަމަހައްޓައިފި

26 ޑިސެންބަރު 2023 - 11:45 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

އަހުމަދު މޫސާ މުހައްމަދު (އަންމަޓީ) ހައި ކޯޓުގެ ޝަރީއަތުގައި: އަންމަޓީ ފުރަން ދިން ހުއްދަ ދަމަހައްޓައިފި - ފޮޓޯ: ހައި ކޯޓު


އަަންމަޓީގެ ޕާސްޕޯޓު ދޫކޮށްލާ ގޮތަށް ފުރަން ދިން ހުއްދަ ހައި ކޯޓުން ދަމަހައްޓައިފި

26 ޑިސެންބަރު 2023 - 11:45 0

ސީލައިފް ފްލެޓްތަކުގެ މައްސަލައިގައި ހިޔާނާތުގެ ދައުވާ އުފުލާފައިވާ އެ ކުންފުނީގެ ވެރިޔާ އަހުމަދު މޫސާ މުހައްމަދު (އަންމަޓީ) ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާން ކްރިމިނަލް ކޯޓުން ދިން ހުއްދަ ހައި ކޯޓުން ވެސް ދަމަހައްޓައިފި އެވެ.

ހައި ކޯޓުން މި ގޮތަށް ނިންމީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުންނެވެ. ދަށު ކޯޓުގެ ނިންމުން ދަމަހައްޓަން ރައުޔު ދެއްވީ ފަނޑިޔާރު ފާތިމަތު ފަރުހީޒާ އަދި ފަނޑިޔާރު މުހައްމަދު ޝަނީޒު އަބްދުﷲ އެވެ. ރައުޔަ ތަފާތުވީ ފަނޑިޔާރު ހަސަން މަޒީދުގެ އެވެ.

ފަނޑިޔާރު ފަރުހީޒާގެ ރައުޔަކީ ޕާސްޕޯޓް ދޫކޮށްލުމުގެ ބަދަލުގައި ވަގުތީ ޓްރެވެލް ޑޮކިއުމަންޓެއް މެދުވެރިކޮށް ހުއްދަ ދިނުން ފަދަ ދައުލަތުން ހައި ކޯޓުގައި ހުށަހެޅި ހުށަހެޅުންތަކަކީ ދަށު ކޯޓުގެ މަރުހަލާގައި ފާހަގަކޮށްފައިވާ ނުކުތާތަކެއް ނޫން ކަމަށެވެ. ދަށު ކޯޓުގައި ފާހަގަ ނުކުރާ އެފަދަ ނުކުތާތަކުގެ މައްޗަށް އިސްތިއުނާފު މަރުހަލާގައި ގޮތެއް ނުނިންމޭނެ ކަމަށެވެ. ރިޔާސަތު ވެސް ބެލެހެއްޓެވި ފަނޑިޔާރު ފަރުހީޒާގެ ރައުޔައަށް ފަނޑިޔާރު ޝަނީޒު ތާއީދު ކުރެއްވި އެވެ.

ފަނޑިޔާރު މަޒީދުގެ ރައުޔަކީ ވަށައިގެންވާ މުޅި ހާލަތަށާއި މީގެ ކުރިން މި މައްސަލާގައި ޝަރުއީ ހުރިހާ މަރުހަލާއެއްގެ ނިންމުންތަކަށް ރިއާޔަތް ކުރުމުން ވެސް އަންމަޓީއަކީ ޝަރީއަތަށް ފިލައިގެން ދިޔުމުގެ އިހުތިމާލު އޮތް ފަރާތެއް ކަން އެނގޭ ކަމަށެވެ. އެހެންކަމުން ހަރުކަށި ޝަރުތުތަކެއް ނެތި ފުރަން ހުއްދަ ދެވިގެން ނުވާނެ ކަމަށް ފަނޑިޔާރުގެ ރައުޔުގައިވެ އެވެ.

މީގެ ކުރިން ހައި ކޯޓުގެ އިސްތިއުނާފު ޝަރީއަތް ނިމެންދެން އަހުމަދު މޫސާ ފުރުން މަނާ ކުރުމުގެ ވަގުތީ އަމުރެއް ހައި ކޯޓުން ނެރެދެއްވި އެވެ.

ރާއްޖޭން ބޭރަށް ފުރުމުގެ ހުއްދަ ދިނުމަށް އަންމަޓީގެ ފަރާތުން ހުށަހެޅީ މައިބަދައިގެން އޮޕަރޭޝަނެއް ކުރަންޖެހޭތީ ކަމަށް ބުނެ އެވެ. އެ ހުށަހެޅުން ބެލުމަށް ފަހު، ބޭސްފަރުވާ އަށް އޭނާ 20 ދުވަހުގެ މުއްދަތަކަށް ރާއްޖޭން ބޭރަށް ދާން ކްރިމިނަލް ކޯޓުން ހުއްދަ ދިނެވެ. އެއީ މި މަހު 6 ވަނަ ދުވަހުން ފެށިގެން 26 ވަނަ ދުވަހުގެ ނިޔަލަށެވެ.

އަންމަޓީގެ މައްޗަށް ކުރި ތުހުމަތުތަކުގެ މައްސަލައިގައި ހޯދުމަށް ރެޑް ނޯޓިސް ނެރެފައިވަނިކޮށް އޭނާ ހައްޔަރުކުރީ ލަންކާގައި އުޅެނިކޮށެވެ. އޭނާގެ އާއިލާ ދިރިއުޅެމުން ދަނީ ލަންކާގަ އެވެ.

އަންމަޓީގެ މައްޗަށް ހިޔާނާތުގެ 42 ދައުވާއެއް އުފުލާފައިވެ އެވެ. އެ ހުރިހާ މައްސަލައެއްގެ ވެސް ޝަރީއަތް ކުރިއަށް ދަނީ ވަކިވަކިންނެވެ. އެއީ، އޭނާ ހިޔާނާތްތެރިވި ކޮންމެ މީހެއްގެ މައްސަލަ ވަކިންނެވެ.