Advertisement

ރަޖިސްޓްރީ ނުކުރާ ނޫސްތައް ބްލޮކް ކުރުމުގެ ވިސްނުމެއް ނެތް: އާދަމް ޝަރީފް

26 ޑިސެންބަރު 2023 - 14:14 1

މިންހާ އަބްދުﷲ

މިންހާ އަބްދުﷲ

މިނިސްޓަރު އާދަމް ޝަރީފް އުމަރު: ނޫސްތައް ބްލޮކް ކުރި މައްސަލައިގައި އާންމުންގެ ގިނަ ފާޑުކިޔުންތަކެއް ސަރުކާރަށް އަމާޒުވި - ފޮޓޯ: އަދަދު


ރަޖިސްޓްރީ ނުކުރާ ނޫސްތައް ބްލޮކް ކުރުމުގެ ވިސްނުމެއް ނެތް: އާދަމް ޝަރީފް

26 ޑިސެންބަރު 2023 - 14:14 1

ބަރަހަނާ ވެބްސައިޓްތައް ބްލޮކް ކުރި ކަމުގައި ވިޔަސް، އެހެން ވެބްސައިޓުތަކާއި ރަޖިސްޓްރީ ނުކުރާ ނޫސްތައް ބްލޮކް ކުރުމުގެ ވިސްނުން ނެތް ކަމަށް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވާކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެ އެވެ.

މިފަހުން ބްލޮކް ކުރި ވެބްސައިޓުތަކާއި ނޫސްތައް ބްލޮކް ކުރަން ނިންމީ، ކޮން އުސޫލަކުންތޯ ސުވާލު ކުރުމުން، މިނިސްޓަރު "އަދަދު" ނޫހަށް ވިދާޅުވީ، ބަރަހަނާ ވެބްސައިޓްތައް ބްލޮކް ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމެއް ކަމަށެވެ. އަދި އެއީ ރާއްޖޭގެ ގާނޫނާއި އިޖުތިމާއި މިންގަނޑުތަކާއި ހިލާފު ވެބްސައިޓުތަކަކަށް ވާތީ ނިންމެވި ނިންމެވުމެއް ކަމަށް މިނިސްޓަރު ވިދާޅުވީ އެވެ.

ބަރަހަނާ ވެބްސައިޓުތައް ބްލޮކު ކުރި ނިންމުމަށް އާންމުންގެ ތަރުހީބު ލިބުނެވެ. ނަމަވެސް, ރަޖިސްޓްރީ ނުކޮށް ހިންގަމުން ދިޔަ "ދިޔަވަރު" އަދި "ކުރުސީ" ނޫހާއި ރަޖިސްޓްރީކޮށްގެން ހިންގަމުން ދިޔަ "ފުރަތަމަ" ނޫސް ބްލޮކު ކުރި މައްސަލައިގައި ގިނަ ބަޔެއްގެ ފާޑުކިޔުމާއި ނުރުހުން ސަރުކާރަށް އަމާޒުވި އެވެ. މި ވެބްސައިޓުތައް ބްލޮކު ކުރީ ބަރަހަނާ ވެބްސައިޓުތައް ބްލޮކް ކުރުމަށް ގިނަ ދުވަސްތަކެއް ނުވަނީހެވެ.

މިކަމާ ގުޅޭގޮތުން އާދަމް ޝަރީފް އުމަރު ވިދާޅުވީ ނޫސްތަކާއި ވެބްސައިޓުތައް ބްލޮކް ކުރުމުގެ މަސައްކަތް އާންމުކޮށް ކުރަމުން ދަނީ ކޮމިޔުނިކޭޝަން އޮތޯރިޓީ މޯލްޑިވްސް (ކޭމް) އިން ކަމަށެވެ. އަދި ކޭމް އިން އެ ފަދަ ފިޔަވަޅެއް އަޅާނީ މީޑިޔާ ކައުންސިލް، ފުލުހުން ނުވަތަ ގައުމީ ދިފާއީ ބާރުގެ އިރުޝާދެއްގެ ދަށުން، އެ އިދާރާތަކުން ދޭ މައުލޫމާތަށް ބެލުމަށް ފަހުގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ގައުމީ ސަލާމަތަށް ނުވަތަ މީހެއްގެ ފުރާނައަށް ނުރައްކާ ވާ ކަމެއް ނެތް ނަމަ، އެފަދަ ކަމަކަށް (ބްލޮކް ކުރުމަށް) އިރުޝާދެއް ނުދޭނަން،" މިނިސްޓަރު ވިދާޅުވި އެވެ.

ރަޖިސްޓްރީ ނުކުރާ ނޫސްތައް ބްލޮކް ކުރުން ދިފާއުކުރައްވަމުން އާދަމް ޝަރީފް ވިދާޅުވީ އެ ވެބްސައިޓުތައް ބްލޮކު ކުރީ އާންމު އުސޫލާ ހިލާފަށް، "ފިތުނަ އުފައްދަން" ހިންގާ ނޫސް ވެބްސައިޓުތަކަކަށް ވާތީ ކަމަށެވެ. އެކަމަކު މުސްތަގުބަލުގައި އެގޮތަށް އެކަން ނުކުރާނެ ކަމަށް، ކުރިއަށް އޮތް ތަނުގައި މި ފަދަ ގޮތަކަށް ވެބްސައިޓުތަކާއި ނޫސްތައް ބްލޮކް ކުރާނަންތޯ ސުވާލު ކުރުމުން މިނިސްޓަރު ވިދާޅުވި އެވެ.

"ނޫސް ވެބްސައިޓުތައް ބްލޮކް ކުރީ އާންމު އުސޫލާއި ހިލާފަށް ހިންގާތީ، ރަޖިސްޓްރީ ވެސް ނުކޮށް ފިތުނަ އުފައްދަން ހިންގާ ނޫސް ވެބްސައިޓުތަކެއް ކަމަށް ވާތީ، އެ ފަދަ ވެބްސައިޓުތައް ބްލޮކް ކުރުމަކީ ކޮންމެހެން ހިތްވަރު ދޭ ކަމެއް ވެސް ނޫން، ހިއެއް ނުވޭ ރަޖިސްޓްރީ ނުކޮށް ހިންގިޔަސް ކުރިއަށް އޮތް ތަނުގައި ބްލޮކް ކުރާނެހެން،" އޭނާ ވިދާޅުވި އެވެ.

މި ވެބްސައިޓުތައް ބްލޮކު ކުރި މައްސަލަ ފެންމަތިވުމުން ސަރުކާރުން ބުނީ ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫހެއް ބްލޮކު ނުކުރާނެ ކަމަށެވެ. އޭރު "ފުރަތަމަ" ނޫސް އޮތީ ބްލޮކް ކޮށްފަ އެވެ. އެ ނޫހަށް އަލުން ވަދެވޭ ގޮތް ހެދީ އާންމުންނާއި ޖަމިއްޔާތަކުންނާއި ސިޔާސީ ޕާޓިތަކުން ސަރުކާރަށް އަމާޒުވީ ފާޑު ކިޔުންތަކާއި ޕްރެޝަރާ ހެދި އެވެ.

މިއީ ސަރުކާރަށް ފާޑު ކިޔުމުގެ ސަބަބުން، ފަހުގެ ތާރީހެއްގައި ސަރުކާރުން ނޫސްތަކެއް ބްލޮކް ކުރި ފުރަތަމަ ފަހަރެވެ.