Advertisement

ފޭކު ސިނގިރޭޓު ވިއްކާ ކަމަށް ބުނެ ކުރި ދައުވާއަކާ ގުޅިގެން ކަސްޓަމްސްގައި ހުރި މުދާ ހިފަހައްޓަން ވަގުތީ އަމުރެއް

26 ޑިސެންބަރު 2023 - 11:30 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

މޯލްޑިވްސް ކަސްޓަމްސް ސާވިސަސް


ފޭކު ސިނގިރޭޓު ވިއްކާ ކަމަށް ބުނެ ކުރި ދައުވާއަކާ ގުޅިގެން ކަސްޓަމްސްގައި ހުރި މުދާ ހިފަހައްޓަން ވަގުތީ އަމުރެއް

26 ޑިސެންބަރު 2023 - 11:30 1

އެގްޒޮކެޓިކް އެންޓަޕްރައިޒަސް ނަމަކަށް ކިޔާ ކުންފުންޏަކަށް "ކެމަލް" ބްރޭންޑްގެ ކައުންޓަފީޓް ނުވަތަ ފޭކު ވައްތަރެއް އެތެރެކުރަމުންދާ ކަމަށް ތުހުމަތުވާ މައްސަލައެއްގައި ކަސްޓަމްސްގައި މި ވަގުތު ހުރި ކްލިއާނުކޮށް ހުރި އެ ކުންފުނީގެ މުދާ ހިފެހެއްޓުމަށް އަންގައި ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފި އެވެ.

ކެމަލް ބްރޭންޑްގެ ސިނގިރޭޓު ރާއްޖެ އެތެރެކޮށް ވިއްކުމުގެ އޮތަރައިޒް ޑިސްޓްރިބިއުޓާއެއް ގޮތުގައި މިދިޔަ 20 އަހަރު ވެސް އޮތް ހަމައެކަނި ކުންފުންޏަކީ ސީޖީޓީ އެވެ. އެހެން ބަޔަކު އެ ނަމުގައި ސިނގިރޭޓު ފޮށިތަކެއް އެތެރެ ކުރާތީ، އެ ކުންފުންޏާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ ސީޖީޓީންނެވެ.

ސީޖީޓީން އަދި މައްސަލައިގެ މައުޟޫއީ ދައުވާއެއް ހުށަނާޅަ އެވެ. އެ ކުންފުނިން ސިވިލް ކޯޓުގައި އެދިފައިވަނީ ހެކި ހޯދައި އެއްކުރުމަށް ފަހު އެ މައްސަލަ ހުށަހެޅުމަށް އަދި 20 ދުވަހާއި 30 ދުވަހުގެ މުއްދަތެއް ނަގާނެ ކަމަށެވެ.

އޭގެ ކުރިއަށް، ވަގުތީ އަމުރެއް ނެރެދިނުމަށް އެދި ހުށަހެޅީ އެވެ. އެއީ ގާނޫނުން ލިބިދޭ ޖާގަ އެކެވެ.

ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ބުނާ ގޮތުން، ކަސްޓަމަށް މި ފަހުން އެގްޒޮކެޓިކް އެންޓަޕްރައިޒަސްގެ 200 ސިނގިރޭޓު ކޭސް ގެނެސް އެއިން 10 ކޭސް ކްލިއާ ކޮށްފައިވެ އެވެ. އަދި ބާކީ 190 ކޭސް އަދިވެސް ބޮންޑެޑް ވެއާ ހައުސްގައި ބަހައްޓާފައިވާ ކަމަށެވެ.

ސީޖީޓީން ވަގުތީ އަމުރު ނެރެދިނުމުގެ މައްސަލަ ހުށަހެޅިއިރު ވެސް ހެކީގެ ގޮތުގައި ހަ ލިޔުމެއް ހުށަހެޅި އެވެ.

  1. އެގްޒޮކެޓިކް އެންޓަޕްރައިޒަސް އިން ރާއްޖެ އެތެރެކުރާ މުދާތަކުގެ ފޮޓޯ
  2. ސީޖީޓީން ރާއްޖެ އެތެރެކުރާ މުދަލުގެ ބޭރުގައި ޖަހާ ލޭބަލްގެ ފޮޓޯ
  3. ކެމަލް އޮރިޖިނަލް އަދި ކައުންޓަފީޓް ކުރެވިފައިވާ ސިނގިރޭޓުގެ ތަފާތު އަންގައިދޭ ފޮޓޯ
  4. އެގްޒޮކެޓިކްގެ ސިނގިރޭޓު ކާޓޫން އަދި ސީޖީޓީން އެތެރެކުރާ ކާޓޫގެ ތަފާތު އަންގައިދޭ ފޮޓޯ
  5. ކެމަލް ބްރޭންޑްގެ ވެރިފަރާތް، ޖަޕާން ޓޮބެކޯގެ ޖޭޓީއައި އިން ސީޖީޓީއަށް ފޮނުވާފައިވާ ސިޓީތައް
  6. ކައުންޓަފީޓް ކުރެވިފައިވާ މުދާ ގަތް ފަރާތްތަކާއި ބޭނުން ކުރި ފަރާތެއްގެ އެފިޓަވިޓް.

އެ ކޯޓުގެ ގާޒީ އައިޝަތު އަޒުފާ އަބްދުލްޣަފޫރު މައްސަލަ ބެއްލެވުމަށް ފަހު އިއްޔެ ނެރުއްވި އަމުރުގައި ވަނީ އެ ތަކެތީގެ އަސްލާ މެދު ސުވާލު އުފެދިފައިވާތީ އެއިން އެއްވެސް މުއާމަލާތެއް ނުކުރުމަށް އެގްޒޮކެޓިކް އެންޓަޕްރައިޒަސްގެ މައްޗަށް އަމުރު ކުރާ ކަމަށެވެ.

އަދި ކަސްޓަމްސްގައި މި ވަގުތު ކްލިއާ ނުކޮށް ހުރި މުދާތައް ކްލިއާ ކުރުން މަޑުޖައްސާލައި އެ ތަކެތި ހިފެހެއްޓުމަށް އެ މުއައްސަސާގެ މައްޗަށް ވެސް އަމުރުކޮށްފައިވެ އެވެ.

މި އަމުރު ނެރުނީ ދައުވާ ރައްދުވާ ކުންފުނީގެ ޣައިރު ހާޒިރުގަ އެވެ.