Advertisement

ޝަރީއަތް އަވަސްވުމަށް އުންމީދުކުރުން؛ "ކަނޑުގައި ރޮނގުއެޅުމާއި، ބިންމަތީގައި ހުރެގެން ހަނދުގައި އަތްލާން އުޅުން ފަދަ"

7 މޭ 2024 - 07:08 6

މަހްފޫޒް ސައީދު

މަހްފޫޒް ސައީދު


ޝަރީއަތް އަވަސްވުމަށް އުންމީދުކުރުން؛ "ކަނޑުގައި ރޮނގުއެޅުމާއި، ބިންމަތީގައި ހުރެގެން ހަނދުގައި އަތްލާން އުޅުން ފަދަ"

7 މޭ 2024 - 07:08 6

އަޅުގަނޑުމެންގެ ލަދުހަޔާތް ކުޑައީ އެވެ. އަގުބޮޑު ސޫޓު ލައިގެން، ފައިލު ބޮނޑި ކިހިލީގައި ޖަހާލައިގެން ކޮންމެ ދުވަހަކު ގޮސް ކޯޓަށް ވަންނަ ވަކީލާއި، އެ ވަކީލު ދައްކާ ވާހަކަ އަޑުއަހަން، ފޫހިވެގެން ގޮސް އަމިއްލައަށް މަރުވާވަރުވެފައި އެ އިންނަ ފަނޑިޔާރާއި، އެ ފަނޑިޔާރުން ކަންކުރާ ގޮތް ބަލާން އޮތް އެގާރަ މެންބަރުންގެ މައްޗަށް ހިމެނޭ ޖޭއެސްސީއޭ ކިޔުނު މުއައްސަސާއާއި، ޖުޑީޝަރީ ހިންގަން ވަސީލަތްތައް ހަމަޖައްސައިދޭން އޮތް ސަރުކާރުގެ ވެރިން ހިމެނޭހެން އަޅުގަނޑުމެން އެކެއްގެ ވެސް ލަދެއް ހަޔާތެއް ނެތެވެ.

ލަދު ހުރި އިންސާނުން ނަމަ އަޅުގަނޑުމެން މި މަސައްކަތެއް އިތުރަކަށް ކޮށެއް ނޫޅޭނެ އެވެ. މިކަން ކުރާންއުޅެ ނުވިކަން ގަބޫލުކޮށް، ކަމެއް ކުރާ ކަމުގެ މަންޒަރު ދައްކައި އެކަމުގެ މައްޗަށް ކިބުރުވެރިވެފައި މިތިބެވެނީ ލަދުގެ ކަންފުޅެއްވެސް ނެތީމަ އެވެ.

ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއަށް ވެއްދޭ ކޮންމެ މީހަކަށްމެ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައި ހުރި ހައްގުތަކުގެ ތެރެއިން އެންމެ އަސާސީ ހައްގަކީ އެކަށީގެންވާ އަވަސްމިނެއްގައި ޝަރީއަތްކުރެވުމުގެ ހައްގެވެ. އޭނާއަކީ ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން އަދަބުދޭންޖެހޭ މީހެއްތޯ ނުވަތަ ނޫންތޯ ބަލައި، އޭނާއާމެދު ގޮތް ކަނޑައެޅުމަށް އަވަސްވެގަތުމަކީ ޖިނާއީ އަދުލުގެ ނިޒާމުގައި ހިމެނޭ އެންމެންމެ، އެންމެ އިސްކަމެއް ދޭންޖެހޭ ކަންތަކެވެ. ސަބަބަކީ، އޭނާއާ ގުޅިފައި ތިބި މައުސޫމު އެތައް ބައެއްގެ މަސްލަހަތުވެސް އެކަމުގައި ހިމެނުމެވެ. ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއަށް މީހަކު ވެއްދޭއިރަށް އޭނާއާއި، އޭނާއާ ގުޅިފައިތިބި އެންމެންގެ ދިރިއުޅުން ހުއްޓެ އެވެ. ކުރިއަށް އަމަލުކުރާނޭ ގޮތެއް ނިންމެނީ އޭނާގެ މައްޗަށް ހިންގޭ ޝަރީއަތުގެ ނަތީޖާގެ މައްޗަށެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނު އޮތްގޮތުން ގިނަވެގެން އަށެއްކަ މަސްދުވަހުގެ ތެރޭގައި ޝަރީއަތެއް ހިންގައި ނިންމޭނެ އެވެ. އެހެންނަމަވެސް އަޅުގަނޑުމެން އެކަމުގައި އާންމުކޮށް މިހޭދަކުރަނީ ހަތަރު އަހަރާއި ފަސް އަހަރާއި ދެމެދުގެ މުއްދަތެކެވެ. ސަބަބުތައް ވަރަށް ގިނަ އެވެ.

ދެހާސް ނަވާރަވަނަ އަހަރު ކްރިމިނަލް ކޯޓަށް އައު ފަނޑިޔާރުން އައްޔަނުކުރެވުނު ހިސާބުން އެކޯޓުގެ ދުވެލި 200 އިންސައްތަ ހަލުވި ވި އެވެ. ދެން އައީ ކޯވިޑްގެ އާލަމީ ވަބާ އެވެ. އެކަމުގެ ތެރޭގައިވެސް އައީ ކުޑަކުޑަ މަޑުޖެހުމެކެވެ. އޭގެ ފަހުން އޮންލައިންކޮށް ޝަރީއަތް ކުރިއަށް ގެންދަން ފެށުނީ އިހުނަށްވުރެވެސް ހަލުވިކޮށެވެ. ކޯޓުގެ ޝެޑިއުލްތައް ބައްލަވާށެވެ. އެންމެ ދަށް ދުވަހެއްގައިވެސް 40 އަށްވުރެ ގިނަ އަޑުއެހުން ތާވަލުކުރާނެ އެވެ.

އަލަށް އައްޔަނުކުރެވުނު ފަނޑިޔާރުން އެހައި ފޯރީގައި ކްރިމިނަލް ކޯޓުގެ މަސައްކަތްތައް ހިންގަމުން ދަނިކޮށް 2020 ވަނަ އަހަރުގެ ދުވަހެއްގައި ކުރި ގަދަ ވިއްސާރައިގައި ކޯޓުގެ ފުރާޅުގަނޑު ވެއްޓުނީ ފަނޑިޔާރުންގެ ބޮލަށެވެ. ހުރިހާ ޝަރީއަތްތަކެއް ހުއްޓުނީ އެވެ. އޭގެ ފަހުން ކޯޓުގައި މަސައްކަތްކުރެވޭ ގޮތަށް އޮތީ ޝަރީއަތްކުރާ ދެ ކޮޓަރި އެވެ. އެ ދެކޮޓަރީގައި ޝަރީއަތް ހިންގާން ކޮންމެ ފަނޑިޔާރަކަށް ލިބޭނީ ހަފުތާއަކު ދެ ދުވަހެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުން ރޮއިގަތުމުން އޭރުގެ ސަރުކާރުން އެންގެވީ، ކްރިމިނަލް ކޯޓު ހިންގާން ވަގުތީ އިމާރާތެއް ވަރަށް އަވަހަށް ހަމަޖައްސަވައި ދެއްވާނޭ ކަމަށެވެ. އެ ސަރުކާރުގެ ދައުރު ހަމަވިއިރުވެސް ވަގުތީ ހައްލެއްވެސް ހޯދައެއް ނުދެވުނެވެ. ޖުޑީޝަލް ސާވިސް ކޮމިޝަންއަށް ވެސް ޖެހުނީ ސަރުކާރުގައި އާދޭސް ދަންނަވާލަ ދަންނަވާލަ އޮންނާށެވެ. އެ ކޮމިޝަނުން ކުރެއްވި މަސައްކަތުންނާއި، އާދޭހުން ނަތީޖާއެއް ނުނުކުތެވެ.

ހަގީގަތުގައި އޭރުގެ ސަރުކާރުން އެކަމަށް އެހާ ބޮޑު މުހިންމު ކަމެއް ނުދިނީ އެވެ. އަޅުގަނޑަށް ފެނުނީ އެކަކު އަނެކަކާ މަތިކޮށް، އެންމެން އެކަމުން ރެކޭން އުޅުނުތަނެވެ. އެ މަސައްކަތް ހަވާލުކުރެވުނު އެޗްޑީސީން ބުނަނީ ބަޖެޓު ނުލިބޭ ކަމަށެވެ. ފިނޭންސް މިނިސްޓަރު ބުނަމުން ގެންދިޔައީ ފައިސާ ހަމަޖައްސައިދީފި ކަމަށެވެ. އެކަމަކު ޕްރޮޖެކްޓް ހިންގޭ ވަރަކަށް ފައިސާއެއް ދޫކުރެވިފައެއް ނެތެވެ. ސަރުކާރުގެ މަގާމުތަކުގައި ތިބި ވަކީލުންނާއި، ސަރުކާރާ ގުޅުން އޮތް ހުރިހާ އެންމެންހެން މިކަމަށް ނުހަނު މަސައްކަތްކުރި އެވެ. އެކަން ނުވާތީ ހިތާމަކުރުން ނޫންކަމެއް ސަރުކާރަކުން ވެސް ނުކުރި އެވެ. ސަރުކާރުން ކުރާން ބޭނުންވިނަމަ އެކަމަކީ ބޮޑު ކަމެއް ނޫނެވެ. އެކަމަކު އެކަމުގައި އަމަލީ މަސައްކަތެއް ނުކުރެވި، ވާހަކައިގައި އޮއްވައި ސަރުކާރުގެ ދައުރު ހަމަވެއްޖެ އެވެ. ކްރިމިނަލް ކޯޓު އޮތީ ހަމަ އޮތްހާލުގަ އެވެ.

އެހެން އޮއްވައި، އެއްކަލަ ދެ ކޮޓަރީގެ ތެރެއިން އެއްކޮޓަރީގެ ފުރާޅު ވެއްޓި، ވިއްސާރައިގެ ސަބަބުން އިތުރު އެތައް ގެއްލުމެއް ވެއްޖެ އެވެ. މިހާރު އެ އިމާރާތުގައި މަސައްކަތްކުރާން ލިބޭން އޮތީ އެންމެ ކޮޓަރި އެކެވެ. އެތަން ބޭނުންކުރަން ކޮންމެ ފަނޑިޔާރަކަށް މަހަކު 2 ދުވަސް ލިބެ އެވެ. ކިހައި ބާރު ސްޕީޑުގައި މައްސަލަތައް ހިންގާލެވޭނެތޯ އެވެ.

ސުޕްރީމް ކޯޓުގެ 2024 ވަނަ އަހަރުގެ 14 ވަނަ ގަޒިއްޔާ (ޕްރިސިކިއުޓަރ ޖެނެރަލް ވ. އިރުފާން ތަގިއްޔު) ގައި ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވެފައި އޮވެ އެވެ.

"...ޝަރީއަތުގެ މަރުހަލާ އަވަސްކުރެވެން އޮތީ ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން، ޝަރީއަތްކުރުމަށް އެކަށޭނަ މިންވަރަކަށް އިމާރާތާއި މުވައްޒަފުން ޝަރުއީ ދާއިރާއަށް ހޯދައިދީގެންނެވެ. އެފަދަ ވަސީލަތްތައް ދައުލަތުގެ އިދާރާތަކުން ޝަރުއީ ދާއިރާއަށް ހޯދައިނުދީ، ޝަރީއަތް އަވަސްކުރަން ނުވަތަ ބަންދުގައި ތިބޭ މީހުންގެ އަދަދު މަދުކުރަން އުއްމީދުކުރާ ކުރުމަކީ ކަނޑުގެ ލޮނުގަނޑުގައި އިނގިލިން ރޮނގުއެޅުން ނުވަތަ ބިންމަތީގައި ހުރެގެން ހަނދުވަރުދޭ ރެއެއްގައި ހަނދުގައި އަތްލާން އުޅުންފަދަ އެވެ."

މިއީ ޝަރުއީ ދާއިރާގެ ހަގީގަތެވެ. ހިނގޭ މަގު ރަނގަޅުތޯ ނޫންތޯ ބެލުމެއް ނެތި އަޅުގަނޑުމެން އުއްމީދުކުރަނީ މަންޒިލަށް ވާސިލުވުމަށެވެ. މިތިބިގޮތުގައި ތިބެ އަދި ސަތޭކަ އަހަރު މަސައްކަތްކުރިޔަސް އަޅުގަނޑުމެން މިއެދޭ ނަތީޖާއަކަށް ވާސިލެއް ނުވާނެ އެވެ. އެގޮތަކީ މިހިނގެނީ ރަނގަޅު މަގަކުން ނޫނެވެ. މި ދަތުރުގައި ފަރަށް ކިޔާން ދިރުބާކޮޅަށް އަރާ ހަމަ އެއްވެސް ކުއްޖެއްގެ އިހުލާސްތެރިކަމެއް ނެތީ އެވެ.

ވަކީލުންގެ ހައިސިއްޔަތުން މިހާރު އަޅުގަނޑުމެންގެ ވަރަށް ގިނަ ވަގުތު ހޭދަވަނީ، އަޅުގަނޑުމެންނާ ހަވާލުކޮށްފައި ހުރި މައްސަލަތައް ކުރިއަށް ނުދަނީ ކީއްވެގެންކަން މުވައްކިލުންނަށް ބުނެދިނުމުގަ އެވެ. ފަނޑިޔާރުން މަދުވުމާއި، މުވައްޒަފުން ނެތުމާއި، ޝަރީއަތް ކުރާނޭ ކޯޓު ކޮޓަރި ނެތްކަމުގެ ވާހަކައިން މުވައްކިލުންނަށް ލިބޭ ތަސައްލީއެއް ނެތެވެ. އެއީ އެމީހުން އަޑުއަހަން ބޭނުންވާ ވާހަކައެއްވެސް ނޫނެވެ. މައްސަލަތައް ހުއްޓިފައި އެ އޮންނަނީ ދައުވާ ލިބޭ މީހުން ނުވަތަ ދައުވާކުރާ މީހުންގެ ސަބަބަކުންނެއް ނޫނެވެ. އެމީހުންގެ ހުއްޓިފައި އޮތް ދިރިއުޅުން ކުރިއަށް ގެންދެވޭނޭ ގޮތެއް ދެއްކުމަށް އެދި ކުރާ އާދޭސް އަޑުއަހާއިރު، އަޅުގަނޑުމެންވެސް ތަހައްމަލުކުރަނީ ބުނެދޭން ނޭނގޭ ކަހަލަ ނިކަމެތި ކަމެކެވެ.

ތެދެކެވެ. މައްސަލަތައް ލަސްވުމުގެ އެންމެ ބޮޑު ސަބަބަކީ ވަސީލަތް ނެތުމެވެ. އެހެން ނަމަވެސް އެއީ ހަމައެކަނި ސަބަބޭ ބުނުމަކީ ބުހުތާނަކަށް މެނުވީ ނުވާނެ އެވެ. ސުޕްރީމް ކޯޓުގައި އަޅުގަނޑު ވަކާލާތުކުރާ މައްސަލައެއްގެ އަޑުއެހުންތައް ނިމިފައި އޮންނަތާ ދެ އަހަރު ދުވަސް ވެއްޖެ އެވެ. އެ މައްސަލައިގެ ނިޔާ ކަނޑައެޅުމަށް އަޑުއެހުމެއް ތާވަލުކޮށްލެވޭ ވަރެއް ނުވެ އެވެ. ސުޕްރީމް ކޯޓުން އެންމެ ފަހުން ނިންމި މައްސަލަތަކުގެ ތެރޭގައި ހިމެނޭ "ހުސައިން ހިލްމީ ވ. އިސްމާއީލް ޝުޖާއު" ގަޒިއްޔާގެ ހުކުމް ކޮށްލެވޭ ވަރުވީ އެ މައްސަލައިގެ އަޑުއެހުންތައް ނިމުނުތާ ދެ އަހަރު ފަހުންނެވެ. ގައިމު ސުޕްރީމް ކޯޓު ހިންގާން އިމާރާތެއް އެބަހުއްޓެވެ. ފަނޑިޔާރުން އެބަތިއްބެވެ. ވަސީލަތްތައް ފުރިހަމަ ނޫނަސް ނުވެގެން އުޅޭ މިންވަރަށް މަދެއްވެސް ނޫނެވެ. އެކަމަކުވެސް މުޅި ޖުޑީޝަރީއަށް ކުރިމަތިވެފައި އޮތް ލަސްވުމުގެ ރޯގާގައި ޖެހި، ސުޕްރީމް ކޯޓުގެ ބައެއް މައްސަލަތައްވެސް ލަސްވެ އެވެ.

ސިވިލް ކޯޓާއި ހައިކޯޓުގެ ވާހަކަ ނުދައްކައި ދޫކޮށްލާނީ އެވެ. ދައްކާން ހުރީ ހަމަ އެއްކަހަލަ ވާހަކަތަކެކެވެ. ވަސީލަތްތައް ވެސް މަދެވެ. ވަކި ސަބަބެއް ނޭނގި ވެސް ބައެއް މައްސަލަތައް ވަރަށް ބޮޑުތަނުން ލަހެވެ. އެ ދެކޯޓުގައިވެސް ބޮޑު ބެކްލޮގެއް އެބައޮތެވެ. ލިބިއޮތް ވަސީލަތްތަކާ ބައްދަލު ނަތީޖާއެއް ވެސް ނުފެނެ އެވެ.

ޖުޑީޝަރީގައި ހިމެނޭ އެންމެން މިކަމާމެދު ވިސްނައި ޖުމުލަ ހައްލެއް ލިބޭނޭ ގޮތަކަށް އަމަލުކުރާން ވެއްޖެ އެވެ. ޖުޑީޝަރީގެ އަގު ހިފެހެއްޓުމުގެ ޒިންމާ އޮތީ އަޅުގަނޑުމެންނަށެވެ. މިދާއިރާގެ ރަނގަޅު ހުރިހާ ކަމެއްގެ ތައުރީފު އަޅުގަނޑުމެންނަށް ލިބޭނޭ ފަދައިން ގޯސްކޮށްދާ ހުރިހާ ކަމެއްގެ ހުތުރުވެސް ލިބޭނީ އަޅުގަނޑުމެން އެންމެންނަށެވެ. ޖުޑީޝަރީ ހިންގުމަށް ބޭނުންވާ ވަސީލަތްތައް ދިނުން ސަރުކާރަށް ލާޒިމެވެ. މިއީ ވެސް އެހެނިހެން މެގަ ޕްރޮޖެކްޓްތައް ހިންގާ އުސޫލުން ހިންގާންޖެހޭ މެގަ ޕްރޮޖެކްޓެކެވެ. އެކަން ސަރުކާރަށް ހަނދާންކޮށްދޭންވާނީ އަދުލުއިންސާފުގެ ދާއިރާގައި މަސައްކަތްކުރާ އެންމެންނެވެ. އެއީ ވެފައި މިއޮތް ބަދުނާމުގައި އެންމެ ބޮޑު މަލާމާތަކާއި ނުރުހުމެއް އަމާޒުވަނީވެސް ހަމަ އަޅުގަނޑުމެން އެންމެންނަށެވެ.