Advertisement

ޒުވާނުންނާ ގުޅޭ ކަންކަމުގައި ރައީސަށް ލަފާ އަރުވަން 15 މެމްބަރުންގެ ބޯޑެއް އެކުލަވާލަނީ

25 ޑިސެންބަރު 2023 - 15:33 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ރައީސް މުއިއްޒު ކެބިނެޓު ބައްދަލުވުމަށް ވަޑައިގަންނަވަނީ. ދައުރުގައި ދެ ފަހަރު މި ބޯޑު އެކުލަވާލާނެ --- ފޮޓޯ: ރައީސް އޮފީސް


ޒުވާނުންނާ ގުޅޭ ކަންކަމުގައި ރައީސަށް ލަފާ އަރުވަން 15 މެމްބަރުންގެ ބޯޑެއް އެކުލަވާލަނީ

25 ޑިސެންބަރު 2023 - 15:33 0

ޒުވާނުންނާ ގުޅޭ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ލަފާ އެރުވުމަށާއި ސަރުކާރުގެ ސިޔާސަތުތައް އެކަށައެޅުމުގައި ޒުވާނުންގެ ވިސްނުމާއި އުންމީދުތައް ހިމެނުމަށްޓަކައި ހާއްސަ ބޯޑެއް އުފެއްދެވުމަށް އެމަނިކުފާނު ނިންމަވައިފި އެވެ.

މި ބޯޑު އުފައްދާނީ "ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒާސް" ބޯޑުގެ ނަމުގަ އެވެ. މި ނިންމުން ރައީސް ނިންމެވީ މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށް ފަހު އެވެ.

ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި މި ބޯޑުގައި ތިއްބަވާނީ 15 މެމްބަރުންނެވެ. އަދި, އެ މެމްބަރުންގެ އުމުރަކަށް ވާނީ 18 އަހަރާއި 30 އަހަރާ ދެމެދު ކަމުގައި ވެސް ރައީސް ވަނީ ކަނޑައަޅުއްވާފަ އެވެ.

ހަމައެހެންމެ, ގިނަ ޒުވާނުންނަށް މި ބޯޑުގައި ބައިވެރިވުމަށް މަގުފަހިކޮށްދެއްވުމުގެ ގޮތުން، ރިޔާސީ ދައުރެއްގައި ދެ ފަހަރު ބޯޑު އެކުލަވާލުމަށް ވެސް ރައީސް ވަނީ ނިންމަވާފަ އެވެ.

ނަމަވެސް, މަތީ ސާނަވީ ސްކޫލެއްގައި ތައުލީމް ހާސިލުކުރަމުންދާ ދަރިވަރުން އަދި ޔުނިވާސިޓީތަކުގެ ސްޓޫޑަންޓް ކައުންސިލް/އެގްރެކެޓިވް ކޮމިޓީތަކުން މި ބޯޑަށް އައްޔަނުކުރާ މެމްބަރުން ކޮންމެ އަހަރަކު އެއްފަހަރު ބަދަލުވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.

މި ބޯޑަކީ ރައީސަށް ލަފާދިނުމަށް އެކުލަވާލާ ބޯޑަކަށްވުމުން، މި ބޯޑުގެ ސެކްރެޓޭރިއޭޓް ބަލަހައްޓާނީ ޔޫތު މިނިސްޓްރީން ކަމަށް ވެސް ރައީސް އޮފީހުން ހާމަކޮށްފައިވެ އެވެ.

މި ސަރުކާރުގައި ޔޫތު މިނިސްޓަރެއްގެ މަގާމުގައި ކެބިނެޓުގައި ޒުވާނުން ތަމްސީލު ކުރައްވަމުން ގެންދަވަނީ އިބްރާހިމް ވަހީދު (އަސްވާޑު) އެެވެ.