Advertisement

ޕޮލިސް ކޮމިޝަނަރަކަށް ޝުޖާއު އައްޔަނުކޮށްފި

25 ޑިސެންބަރު 2023 - 10:01 1

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ރައީސް މުއިއްޒު, ޝުޖާއުއަށް މަގާމުގެ ފަތްކޮޅު ހަވާލުކުރައްވަނީ. އޭނާ ކުރިން ހުންނެވީ އެސިސްޓަންޓް ކޮމިޝަނަރަކަށް --- ފޮޓޯ: ރައީސް އޮފީސް


ޕޮލިސް ކޮމިޝަނަރަކަށް ޝުޖާއު އައްޔަނުކޮށްފި

25 ޑިސެންބަރު 2023 - 10:01 1

ދިވެހި ފުލުހުންގެ ހިދުމަތުގެ އެންމެ އިސްވެރިޔާ ކަމަށްވާ, ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ދާދި ދެންމެއަކު އައްޔަނުކޮށްފި އެވެ.

މަގާމަށް އައްޔަނުކުރި ކަމުގެ ފަތްކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ޝުޖާއުއާ ހަވާލުކުރައްވާފަ އެވެ.

ޕޮލިސް ކޮމިޝަނަރު ކަމަށް ކުރިމަތިލާން ހުޅުވައިލި ފުރުސަތު މި މަހު 19 ވަނަ ދުވަހު ހަމަވިއިރު، އެ މަގާމަށް ހުށަހެޅުއްވީ ޝުޖާއުގެ އިތުރުން އެސިސްޓެންޓު ޕޮލިސް ކޮމިޝަނަރު އިސްމާއީލް ނަވީން އެވެ.

ކޮމިޝަނަރު އައްޔަނު ކުރާނީ ޕޮލިސް ބޯޑުން ވަޒަންކޮށް މިނިސްޓަރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން، މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ. ބޯޑުން ލަފާ ދިނީ އެ މަގާމަށް ޝުޖާއު އައްޔަނު ކުރުމަށެވެ.

ޝުޖާއު ފުލުހުންގެ ހިދުމަތާ ގުޅިވަޑައިގެންނެވީ މީގެ 26 އަހަރު ކުރިން ޑިސެމްބަރު, 1997 ގަ އެވެ. ކޮމިޝަނަރު ކަމާ ހަވާލުވެވަޑައިގަތުމާ ހަމައަށް ޝުޖާއު ހުންނެވީ ސެންޓްރަލް ޕޮލީސިން ކޮމާންޑްގެ އެންމެ އިސްވެރިޔަކަށެވެ.

އޭނާ ވަނީ މީގެ ކުރިން ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑާއި, ސާވިސް ޑެވެލޮޕްމަންޓު ޑިރެކްޓަރޭޓާއި, ޑިވިޝަނަލް އޮޕަރޭޝަންސް ކޮމާންޑާއި, އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޑިރެކްޓަރޭޓާއި, ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުގެ އިސްވެރިޔާގެ މަގާމު އަދާކުރައްވާފަ އެވެ.

ޝުޖާއު ވަނީ އިންޑިއާގެ ބެންގަލޫރު ޔުނިވާސިޓީން ޑިގްރީ ފުރިހަމަ ކުރައްވާފަ އެވެ. މެނޭޖުމަންޓު ދާއިރާއިން އޭނާ މާސްޓާސް ޑިގްރީ ހާސިލުކުރެއްވީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީންނެވެ.

ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ހަމީދު ނޮވެމްބަރު 15, 2023 ގައި ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ. ފުލުހުންގެ އިސްވެރިޔަކު އައްޔަނު މިކުރީ 40 ދުވަސް ފަހުންނެވެ.