Advertisement

އާރުޑީސީއާ ހަވާލުކޮށް، ނުނިމިވާ މަގު ހެދުމުގެ މަޝްރޫއުތައް 17 ރަށެއްގައި އަލުން ފަށައިފި

23 ޑިސެންބަރު 2023 - 22:41 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

އަމީނީ މަގު ހެދުމުގެ މަސައްކަތް އާރުޑީސީގެ މުވައްޒަފުން ކުރަމުން ދަނިކޮށް؛ މަޑުޖެހިފައިވާ މަގު ހެދުމުގެ މަޝްރޫއުތަކެއްގެ މަސައްކަތް އަލުން ފެށިފައިވާ ކަމަށް ބުނެފި - ފޮޓޯ:އަބްދުﷲ އިޔާން/އަދަދު


އާރުޑީސީއާ ހަވާލުކޮށް، ނުނިމިވާ މަގު ހެދުމުގެ މަޝްރޫއުތައް 17 ރަށެއްގައި އަލުން ފަށައިފި

23 ޑިސެންބަރު 2023 - 22:41 0

ކުރީގެ ސަރުކާރުން މަސައްކަތް ފެށުމަށް ފަހު، ފަހުން އެއްވެސް މަސައްކަތެއް ނުކޮށް ހުއްޓިފައި އޮތް މަގު ހެދުމުގެ މަޝްރޫއުތަކުގެ ތެރެއިން 17 ރަށެއްގެ މަގު ހެދުމުގެ މަސައްކަތް އަލުން ފަށާފައިވާ ކަމަށް ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ން މިއަދު ބުނެފި އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން، މީހުން ދިރިއުޅޭ ގިނަ ރަށްތަކެއްގައި، އެ ރަށެއްގައި ދިރިއުޅޭ މީހުން އެދެމުން ދިޔަ އުމްރާނީ ތަރައްގީގެ މިފަދަ ގިނަ މަޝްރޫއުތަކެއް އިފްތިތާހުކޮށް މަސައްކަތް ފެށި އެވެ. ނަމަވެސް މަސައްކަތުގެ ދުވެލި ލަސްކަމާއި، ދޭތެރެއަކުން މަސައްކަތް މަޑުޖެހިފައި ގިނަ ދުވަސްތަކަށް އޮންނަ ކަމުގެ ޝަކުވާ އަބަދު ވެސް އިވެ އެވެ.

މި މަސައްކަތް ހަވާލުކޮށްފައިވާ އާރުޑީސީގެ އާ މެނޭޖުމަންޓުން ވަނީ މިގޮތަށް ހުއްޓިފައި ހުރި މަޝްރޫއުތަކުގެ ދުވެލި އަވަސްކޮށް، ތާވަލަށް ވުރެ ލަސްވެފައިވާ މަޝްރޫއުތަކުގެ އަމަލީ މަސައްކަތްތައް އަވަހަށް ނިންމަން އަމާޒު ހިފާފަ އެވެ. އެގޮތުން އާރުޑީސިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އުތުރުގެ ހަތަރު ރަށަކާއި މެދުރާއްޖެތެރޭގެ ހަތް ރަށަކާއި ދެކުނުގެ ހަ ރަށެއްގައި މަގު ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

މަގު ހެދުން އަލުން ފެށި ރަށްތައް

ނޯތު ރީޖަން؛

  • ހއ. ދިއްދޫ
  • ހދ. ކުޅުދުއްފުށި ސިޓީ
  • ށ. މިލަންދޫ
  • ރ. ހުޅުދުއްފާރު

ސެންޓްރަލް ރީޖަން؛

  • ނ. ހޮޅުދޫ
  • ނ. ވެލިދޫ
  • ޅ. ހިންނަވަރު
  • މ. މުލައް
  • އަމީނީ މަގު (ގްރޭޓާ މާލެ ސިޓީ)
  • އދ. މާމިގިލި
  • ދ. ކުޑަހުވަދޫ

ސައުތު ރީޖަން

  • ތ. ތިމަރަފުށި
  • ލ. ގަން ފޭސް 2
  • ގއ. ކޮލަމާފުށި
  • ގއ. ވިލިނގިލި ފޭސް 2
  • ގދ. ތިނަދޫ ފޭސް 2
  • ގދ. ގައްދޫ

ގްރޭޓާ މާލެ ސަރަހައްދުގައި އެންމެ ފަހުން ފެށި، އަމީނީ މަގު ހެދުމުގެ މަޝްރޫއުގެ ވެސް ފަހުގެ މަސައްކަތްތަކުގެ ތަފުސީލުތަކެއް އާރުޑީސީން ވަނީ މިރޭ ދީފަ އެވެ. އެ ކުންފުނިން ބުނި ގޮތުގައި މި ވަގުތު ކުރިއަށް ދަނީ ނަރުދަމާގެ އައުޓް ފޯލް ހޮޅި އެޅުމާއި، ކާބް ސްޓޯން ޖެހުމާއި، އޫރިދޫ ވިއުގައަށް ބޭނުންވާ ހޮޅި އެޅުމާއި، އެޗް ހޮޅި އެޅުމުގެ އިތުރަށް ސްޓޯމް ވޯޓާ ކްރޮސް ހޮޅި އެޅުމުގެ މަސައްކަތްތަކެވެ.