Advertisement

މަސްމަހާމެހީގެ ތެރެއިން މިޔަރުގެ ކިއްސަރު

23 ޑިސެންބަރު 2023 - 12:18 1

ހަސަން ޒަރީރު (ލަގަން)

ހަސަން ޒަރީރު (ލަގަން)


މަސްމަހާމެހީގެ ތެރެއިން މިޔަރުގެ ކިއްސަރު

23 ޑިސެންބަރު 2023 - 12:18 1

ކަނޑުތަކުގެ ދިރުންތަކުގެ ތެރެއިން މަސްމަހާމެއްސަށް ބަލައިލަމާ ހިނގާށެވެ. އަދި އޭގެތެރެއިން ކަނޑުގެ ރަސްގެފާނު ކަމުގައިވާ މިޔަރަށް ބަލައިލާ ވިސްނާލަމާ ހިނގާށެވެ.

މިޔަރަކީ ދުނިޔޭގެ ހުރިހާ ކަނޑުތަކެއްގައި ވެސް އުޅޭ އެއްޗެއްކަމުން، އެކިހިސާބުތަކާއި އެކިފުންމިނާއި ހޫނާއި ފިނީގައި އުޅޭ މިޔަރުގެ ހަށިގަނޑުގައި އެތައް ތަފާތުތަކެއްވެ އެވެ. ޖަނަވާރުތައް އުފައްދަވާފައިވަނީ އެއެއްޗެއް އެ އުޅޭ މާހައުލުތަކާއި ގުޅޭ ބައްޓަމާ ނުވަތަ ސިފަތަކަކާއި އެކުގަ އެވެ.


އެކި ކަހަލަ މިޔަރުގެ ހަށިގަނޑު އުފެދިފައިވަނީ އެކިސިފަޔަށް އެކިބައްޓަމަށެވެ. ނަމަވެސް ގިނަ ވައްތަރުގެ މިޔަރުގެ ހަށިގަނޑު ހުންނަނީ ފެނުގައި ހަލުވިކަމާއިއެކު ފެންކަފާފައި ބާރަށް ދުވެވޭނެ ކިއްސަރަކަށެވެ. ހަނގުރާމަ ތަކުގައި، ބޯޓު ފަހަރާ މަނަވަރުތަކަށް ހަމަލާދޭ ތޮރުޕިޓޯ (torpedo) އުފައްދާފައިވަނީ މިފަދަ މިޔަރުތަކުގެ ބައްޓަން ބަލައިގެންނެވެ.

ބައެއް މިޔަރަކީ ކަނޑު އަޑީގެ ބަތާނުގައި ދިރިއުޅޭ މިޔަރެވެ. މިވައްތަރުގެ މިޔަރަކީ ހަރަކާތްތެރިކަން ކުޑަ، ހަށިގަނޑު ފަތާކޮށްހުންނަ އަދި ފަސޭހައިން ވެލިގަނޑު ތެރޭގައި ފިލާ ރައްކާވެވޭ ބާވަތްތަކެވެ. މިގޮތުން ފާހަގަކޮށްލެވޭ އެއްބާވަތަކީ މަޑިމިޔަރުގެ ވައްތަރުތަކެވެ. އަނެއްބައި މިޔަރު އުފެދިފައިވަނީ އިސްކޮޅާ ރޫފަޔާއި ގުޅޭ ގޮތަށެވެ. މިގޮތުން ދަތްވަޅު (ކޫކީކަޓަރ) މިޔަރާއި ކާޕެޓް (ވޮބެގޮންގް) މިޔަރު ފާހަގަކޮށްލެވެ އެވެ. ކީސްތިލަ (ސޯ ޝާކު) މިޔަރަށް ދިގުނިތްގަނޑެއް ލިބިފައިވާއިރު ކަނޑިމިޔަރަށް އާދަޔާ ޚިލާފު ދިގު ނަގުލެއް ލިބިފައިވެއެވެ. އަދި އެނަގުލުގެ މަތީއުރަހަ ސިކާރަކުރަން އެސޮރު ބޭނުން ކުރެއެވެ. ކާލިގަނޑުމިޔަރުގެ ބޮލަކީ ތަފާތުކޮށް ފުޅާކޮށްހުންނަ ބޮލެކެވެ. ތުންދަމާ މިޔަރުގެ ބޮލުގައި ބޮޑުކޮށް އޫކޮށް ބޭރަށް ދިގުނިތްގަނޑެއް އޮވެ އެވެ.


މިޔަރުގެ ނަގުލަކީ އެސޮރުމެންގެ ދިރިއުޅުމާއި ދަތުރުކުރުމާއި އަދި ޝިކާރަ ކުރުމުގައި މުހިންމު ބައެއް އަދާކުރާ އެއްޗެކެވެ. ސިކާރަ ކުރުމުގައި ހަލުވިކަމާއިއެކު ހަމަލަދޭ މިޔަރު ތަކުގެތެރޭގައި ރަސްމިޔަރު (ގުރޭޓްވައިޓް) ވޮށިމަސް މިޔަރާއި ފެމުނުމިޔަރާއި އަދި ކާލިގަނޑު މިޔަރު ހިމެނެ އެވެ. މި މިޔަރުތަކުގެ ނަގުލުގެ މަތީއުރަހަތައް ހުންނަނީ އެއްވަރަކަށެވެ. ނަމަވެސް މަޑުން ދުވާ މިޔަރުތަކުގެ ނަގުލުގެ މަތީ އުރަހަ ހުންނަނީ އެއްވަރަކަށް ނޫނެވެ. ކަނޑިމިޔަރު ނަގުލުގެ މަތީ އުރަހަ މިޔަރުގެ ދެބައިކުޅަ އެއްބައިހާ ދިގެވެ.


ނަގުލުގެ އިތުރުން މިޔަރުގެ އުރަހަތަކުގައިވެސް ތަފާތުތަކެއް ވެއެވެ. މިގޮތުން އެއްއުރަހަ މިޔަރުގެ ވައްތަރުތަކާއި (ފުރިލްޑް މިޔަރާއި އާއި ކަވް މިޔަރު) ފިޔަވާ ހުރިހާ މިޔަރެއްގައިވެސް ބުރަކަށިމަތީގައި ދެއުރަހަ ހުރެ އެވެ. މަޑިމިޔަރާއި ކީސްތިލަ މިޔަރު އަދި ކުއްތާ (ސްޕައިނީ ޑޯގުފިސް ޝާކު) މިޔަރުގައި އޭނަލް (ބަނޑުދަށު ދެވަނަ) އުރަހައެއް ނުހުރެއެވެ. ދެން އެހެން ހުރިހާ މިޔަރެއްގައި މި އުރަހަ ހުރެއެވެ. މީގެ އިތުރުން ކަންފަތު އުރަހަ ޖޯޑަކާއި ބަނޑުދޮށު އުރަހަ ޖޯޑެއް ހުރެ އެވެ.

މި ކަންތައް ނޫނަސް މިޔަރުގައި އެތައްއެތައް ތަފާތު ތަކެއް ލައްވާފައިވެ އެވެ. ކަނޑުގައި ލެއްވިޔަސް އެއްގަމުގައި ލެއްވިޔަސް މިކާއިނާތުގައިވާ ކޮންމެ ކޮންމެ އެއްޗަކީވެސް އަޖައިބު ކުރުވަނިވި ފުރިހަމަ ކަމެއް ލައްވަވާފައި އެއްޗެކެވެ. މިކަންކަމާމެދު ވިސްނާ ފިކުރުކުރުމަކީ އަޅުގަނޑުމެން އެންމެންވެސް ކުރަން ޖެހޭކަމެކެވެ.