Advertisement

ކަށި މިޔަރުގެ މަސްވެރިކަމަށް ފުރުސަތު ނުދޭން ގޮވާލައި ހުށަހެޅި ގަރާރު މަޖިލީހުން ބޭރުކޮށްލައިފި

5 ނޮވެންބަރު 2025 - 13:16 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެންބަރުން ބައިވެރިވަނީ: ގަރާރު ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ އައްބާސްގެ އިތުރުން އިދިކޮޅު އެމްޑީޕީގެ ނުވަ މެންބަރަކު ---- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ކަށި މިޔަރުގެ މަސްވެރިކަމަށް ފުރުސަތު ނުދޭން ގޮވާލައި ހުށަހެޅި ގަރާރު މަޖިލީހުން ބޭރުކޮށްލައިފި

5 ނޮވެންބަރު 2025 - 13:16 1

ކަށިމިިޔަރުގެ މަސްވެރިކަމަށް ފުރުސަތު ނުދޭން ގޮވާލައި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ގަރާރު ބޭރުކޮށްލައިފި އެވެ.

މިއަދުގެ ޖަލްސާގައި އެ ގަރާރަށް ބަހުސް ކުރުމަށްފަހު ނެގި ވޯޓުގައި ގަރާރު ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ އައްބާސްގެ އިތުރުން އިދިކޮޅު އެމްޑީޕީގެ ނުވަ މެންބަރެކެވެ. ޖަލްސާގައި ބައިވެރިވި ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ 44 މެންބަރުން ވޯޓު ދެއްވީ ގަރާރު ބޭރުކޮށްލުމަށެވެ.

މިއަދުގެ ބަހުސްގައި ޕީއެންސީގެ މެންބަރުން ވަނީ ގަރާރަށް ތާއީދުނުކުރާ ކަމަށް ވިދާޅުވެ، ކަށިމިޔަރުގެ މަސްވެރިކަމަކީ ތިމާވެއްޓަށް ގެއްލުން ލިބޭނެ ކަަމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.

ގަރާރަށް ބަހުސް ކުރައްވަމުން އައްބާސް ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ އާއި ޑައިވަރުން ތިބީ މިޔަރުގެ މަސްވެރިކަމާ ދެކޮޅަށް ކަމަށާއި ތިމާވެއްޓަށް ގެއްލުންވާ ގޮތަށް ސަރުކާރުން ކުރަމުންދާ ކަންކަމުގެ ސަބަބުން ޓޫރިޒަމަށް ފޫނުބެއްދޭ ވަރުގެ ގެއްލުންތައް ކުރިމަތިވާނެ ކަމަށެވެ.

އައްބާސް ހުށަހެޅުއްވި ގަރާރުގައި ބުނެފައި ވަނީ މިޔަރު އާއިލާގެ މަސްތަކަކީ ލަހުން ދަރިމައިވާ އަދި ލަހުން ބޮޑެތިވާ މަސްތަކަކަށްވެފައި އެ ބާވަތުގެ މަސްތަކަކަކީ ވިހާ ފަހަރެއްގައި ވަރަށް މަދުން ވިހާ މަސްތަކަކަށް ވާތީ މިޔަރަކީ ދެ އުމުރުފުރާގެ ދޭތެރެ ދުރު ސްޓޮކުގެ އުފެއްދުންތެރިކަން ދަށް އެއްޗެއް ކަމަށެވެ.

މިޔަރަކީ ކަނޑުގެ ދިރުންތަކާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ދިރުމަކަށް ވާއިރު، މިޔަރުގެ މަސްވެރިކަން ހުއްދަ ކޮށްފި ނަމަ، އޭގެ ސަބަބުން ކަނޑުގައި އުޅޭ އެހެން ދިރުންތަކަށް އޭގެ ނުރަނގަޅު އަސަރު ވަރަށް ބޮޑަށް ކޮށް، މަސްވެރިކަމަށް ވެސް ގެއްލުން ލިބިގެންދާނެ ކަމަށް އެ ގަރާރުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން ދިވެހިރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކުރާ އެންމެ ބޮޑު އެއް ބޭނުމަކީ ރާއްޖޭގެ ކަނޑު އަޑީގެ ރީތިކަން ބަލައިލުން ކަމަށް ވާއިރު، މިޔަރުގެ މަސްވެރިކަން ހުއްދަ ކޮށްފިނަމަ، މިޔަރުގެ އާބާދީ ވަރަށް ބޮޑުތަނުން މަދުވެ ފަތުރުވެރިކަމަށް ނުހަނު ބޮޑު ގެއްލުންތަކެއް ވެދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް އެ ގަރާރުގައި ބުނެފައިވެ އެވެ.

ކަށިމިޔަރުގެ މަސްވެރިކަން ހުއްދަ ނުކުރުމަށް ގޮވާލައި ބައިނަލްއަގުވާމީ ޖަމިއްޔާ ޖަމާއަތްތަކުން ގޮވާލާފައިވާ ގޮވާލުންތަކަށް ވެސް އެ ގަރާރުގައި ރިއާޔަތްކޮށްފައިވެ އެވެ.

ކަށިމިޔަރުގެ މަސްވެރިކަމަށް ފުރުސަތު ނުދިނުމަށް ގޮވާލައި މަޖިލީހަށް ހުށަހެޅި ގަރާރު ބޭރުކޮށްލާފައި މިވަނީ މިޔަރުގެ އެއްވެސް ބާވަތެއް ބޭނުން މަނާކޮށްފައި އޮންނަތާ 15 އަހަރާއި ނުވަ މަސްދުވަސް ފަހުން އޮކްޓޫބަރު 31، ގައި ކަށިމިޔަރުގެ މަސްވެރިކަން ރާއްޖޭގައި ރަސްމީކޮށް ހުއްދަ ކޮށްފައި ވަނިކޮށެވެ.

ކަށިމިޔަރުގެ މަސްވެރިކަން ހުއްދަ ކުރީ މަސްވެރިކަމާ ބެހޭ އާންމު ގަވާއިދަށް ގެނައި ބަދަލަކުންނެވެ. އެ ގަވާއިދު ގެޒެޓުކޮށް މިހާރު ވަނީ އަމަލު ކުރަން ފަށައިފަ އެވެ.

ގަވާއިދުގައި ކުރިން ބުނެފައިވާ ގޮތުން މިޔަރުގެ އެއްވެސް ބާވަތެއް ރާއްޖޭގައި ބޭނުމާއި ހިފުމާއި މެރުމަކީ މަނާކަމެކެވެ. އެކަމަކު، ގަވާއިދަށް ގެނައި ބަދަލުގެ ސަބަބުން ކަށިމިޔަރު އާއިލާގެ ހުރިހާ ބާވަތެއް ބޭނުން މިހާރު ހުއްދަވާނެ އެވެ.

ކަށި މިޔަރުގެ މަސްވެރިކަން ރާއްޖޭގައި ރަސްމީކޮށް ހުއްދަ ކުރުމާއެކު ފިޝަރީޒް މިނިސްޓްރީން ވަނީ ކަށިމިޔަރުގެ މަސްވެރިކަން ކުރެވޭނީ ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު 1، އިން ފެށިގެން ޖޫން 30، ގެ ނިޔަލަށް އަހަރަކު ޖުމްލަ ހަތް މަސްދުވަހަށް ކަމަށް ކަނޑައަޅައިފަ އެވެ.