Advertisement

މެސީގެ އެދުމަށް ސުއަރޭޒް އިންޓަ މިއާމީ އަށް

23 ޑިސެންބަރު 2023 - 02:35 0


މެސީގެ އެދުމަށް ސުއަރޭޒް އިންޓަ މިއާމީ އަށް

23 ޑިސެންބަރު 2023 - 02:35 0

ފްލޮރިޑާ، ޔުނައިޓެޑް ސްޓޭޓްސް (ޑިސެމްބަރު 23) - ލިއޮނަލް މެސީ ވެސް ބޭނުންވާތީ، އޭނާ ކުޅެމުން އަންނަ އެމެރިކާ ލީގުގެ ކްލަބް އިންޓަ މިއާމީ އަށް ބަދަލުވާން އުރުގުއޭގެ ތަޖުރިބާކާރު ފޯވާޑް، ލުއިސް ސުއަރޭޒް ވަނީ ނިންމައިފަ އެވެ.

ސުއަރޭޒް، 36، އެންމެ ފަހުން ކުޅެމުން އައި ބްރެޒިލްގެ ޓީމު ގްރެމިއޯ، އަށް މިދިޔަ ސީޒަނު، ބްރެޒިލް ލީގުގައި 33 މެޗުން 17 ގޯލު ޖެހިއިރު، އެ ލީގުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެސް އޭނާ އެެވެ.

އެކަމަކު، އެ ޓީމާ އެކު ހަދާފައިވާ ދެ އަހަރުގެ ކޮންޓްރެކްޓް އުވާލަން ސުއަރޭޒް ނިންމީ، ކަކުލަށް ލިބިފައިވާ އަނިޔާއާ ހުރެ ގާތްގާތުގައި ގިނަ މެޗުތަކެއް ދަތުރުފަތުރު ކޮށްގެން ކުޅެން ބޭނުންނުވާތީ އެވެ.

ކުރިން ލިވަޕޫލާއި އެތުލެޓިކޯ މެޑްރިޑް އަދި އަޔަކްސް އަށް ވެސް ކުޅުނު ސުއަރޭޒް ބުނީ އިންޓަ މިއާމީއާ އެކު ވެސް ކާމިޔާބީތަކެއް ހޯދުމަކީ ހާއްސަ އަމާޒެއް ކަމަށެވެ.

އިންޓަ މިއާމީގެ ޗީފް ބިޒްނަސް އޮފިސަރު، ޒަވިއޭ އަސެންސީ ބުނީ ސުއަރޭޒް އެ ޓީމާ ގުޅެން ނިންމުމަކީ ކްލަބްގެ ކަންކަން ފުޅާކުރަން ލިބިގެންދިޔަ ފަސޭހައެއް ކަމަށެވެ.

އަންނަ ސީޒަނަށް، ސުއަރޭޒް އިންޓަ މިއާމީ އަށް ބަދަލުވުމުގައި މެސީ އިސް ދައުރެއް އަދާކުރި ކަމަށް އަސެންސީ ވަނީ ބުނެފަ އެވެ.

އިނގިރޭސި މަޝްހޫރު ތަރި، ޑޭވިޑް ބެކަމްގެ ހިއްސާ އޮންނަ އިންޓަ މިއާމީއާ ސުއަރޭޒް ގުޅުމާ އެކު، އެ ޓީމުގައި އެކުގައި ބާސެލޯނާ އަށް ކުޅުނު ހަތަރު ކުޅުންތެރިން ހިމެނޭނެ އެވެ. ކުރިން ބާސެލޯނާ އަށް ކުޅުނު ސާޖީ ބުސްކެޓްސް އާއި ޖޯޑީ އަލްބާ ވެސް ކުޅެނީ އިންޓަ މިއާމީ އަށެވެ.