Advertisement

ބަނޑުފިލާ ޗެލެންޖު ކާމިޔާބުކޮށް ލީގު ޗެމްޕިއަންކަން ވެސް ޖާއްޓެ އަށް

23 ޑިސެންބަރު 2023 - 02:17 0

އަތޫފް އާތިފް

އަތޫފް އާތިފް

ގައުމީ ބަނޑުފިލާ ޗެލެންޖާއި ލީގުގެ ޗެމްޕިއަންކަން ހޯދި ޖާއްޓެ (ވ) އަށް ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ރިޔާޒު ޓްރޮފީ ހަވާލުކުރަނީ.--- ފޮޓޯ: އަދަދު


ބަނޑުފިލާ ޗެލެންޖު ކާމިޔާބުކޮށް ލީގު ޗެމްޕިއަންކަން ވެސް ޖާއްޓެ އަށް

23 ޑިސެންބަރު 2023 - 02:17 0

ގައުމީ ބޮޑީބޯޑިން ލީގުގެ ފަހު މުބާރާތް ކަމަށްވާ ގައުމީ ބަނޑުފިލާ ޗެލެންޖު ކާމިޔާބުކޮށް، ބޮޑީބޯޑިން ލީގު ޗެމްޕިއަންކަން އަލީ ޖާވިދު (ޖާއްޓޭ) ހޯދައިފި އެވެ.

އިއްޔެ މެންދުރު ފަހު، މާލޭ ވަރުނުލާ ރާޅު ގަނޑު ސަރަހައްދުގައި ވަނީ ގައުމީ ބަނޑުފިލާ ޗެލެންޖުގެ ފައިނަލް ހީޓުތައް ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން ޑްރޮޕްނީ ކެޓަގަރީ، ޖޫނިއާ އޯޕަން އަދި މެންސް އޯޕަން ކެޓަގަރީގެ ފައިނަލް ވަނީ ކުރިއަށް ގޮސްފަ އެވެ.

މެންސް އޯޕަން ކެޓަގަރީގެ ފައިނަލުގައި ޖާއްޓެ ނުކުތީ ފުވައްމުލަކަށް އުފަން ދުވާން ބޮޑީބޯޑަރު މުހައްމަދު އަޒާން އަހްމަދާ ދެކޮޅަށެވެ. ފައިނަލް ހީޓުގެ ބޮޑުބައިގައި ލީޑު ކުރީ އަޒާނެވެ. މި ހީޓު ޖައްޓޭ ކާމިޔާބުކުރީ 9.60 އިންނެވެ. އަޒާން އަށް ލިބުނީ 9.34ގެ ސްކޯ އެކެވެ.

ޖާއްޓެ ވަނީ މި ހީޓުގެ ފަހު ސިކުންތުކޮޅު އެޅި ރާޅުން 5.10 ގެ ސްކޯއެއް ހޯދައިގެންނެވެ. ޖާއްޓޭ ދެން އެންމެ މަތިން ސްކޯކުރި ރާޅުގައި 4.50 ސްކޯކުރި އެވެ. އަޒާން އެންމެ މަތިން ސްކޯކުރި ދެ ރާޅުން އޭނާއަށް ލިބުނީ 3.67 ގެ ސްކޯއަކާއި 5.67 ގެ ސްކޯއެކެވެ.

މި މުބާރާތުގެ ޑްރޮޕް-ނީ ކެޓަގަރީގެ ޗެމްޕިއަންކަން ހޯދީ އަލީ ޚުޝްރުވާން އަހުމަދު (ކުޑަ އައްޔަ) އެވެ. ރާއްޖޭގައި އުފެދުނު އެންމެ މޮޅު ބޮޑީބޯޑަރު ކުޑަ އައްޔައާ ދެކޮޅަށް ފައިނަލުގައި ނުކުތީ ހުނަރުވެރި ބޮޑީބޯޑަރު އާމިން އުމަރު މޫސާ އެވެ.

ޑްރޮޕް-ނީ ކެޓަގަރީގެ ޗެމްޕިއަންކަން ކުޑައްޔަ ހޯދީ 11.00 ސްކޯ ކޮށްގެންނެވެ. އާމިން އަށް ލިބުނީ 6.16 އެވެ. ކުޑަ އައްޔަ އެންމެ މަތިން ސްކޯކުރީ ތިންވަނަ ރާޅު އަދި 11 ވަނަ ރާޅުގަ އެވެ. ތިން ވަނަ ރާޅުގައި އޭނާ ވަނީ 4.33 ސްކޯކޮށްފަ އެވެ. އަދި 11 ވަނަ ރާޅުގައި އައްޔަ ވަނީ 6.67 ސްކޯކޮށްފަ އެވެ. އާމިން އެންމެ މަތިން ސްކޯކުރި ދެ ރާޅުގެ ސްކޯއަކީ 2.83 އަދި 3.33 އެވެ.

ބަނޑުފިލާ ޗެލެންޖުގެ ޑްރޮޕްނީ ކެޓަގަރީގެ ފައިނަލް ހީޓުގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


މި މުބާރާތުގެ ޖޫނިއާ މެންސް ކެޓަގަރީގެ ޗެމްޕިއަންކަން އާމިން ވަނީ ދިފާއުކޮށްފަ އެވެ. އޭނާ ފައިނަލް ހީޓުގައި ވާދަކުރަން ޖެހުނީ އަޒާންއާ ދެކޮޅަށެވެ. އާމިން ފައިނަލް ހީޓު ކާމިޔާބުކުރީ 9.63 ގެ ސްކޯއަކުންނެވެ. އަޒާންއަށް ލިބުނީ 9.33 ގެ ސްކޯއެކެވެ.

އާމިން އެންމެ މަތިން ސްކޯކުރި ދެ ރާޅަށް އޭނާ އަށް ލިބުނީ 4.83 އަދި 4.80 ގެ ސްކޯ އެކެވެ. އަޒާން އެންމެ މަތިން ސްކޯކުރީ 5.33 އަދި 4.00 އެވެ.

ގައުމީ ބަނޑުފިލާ ޗެލެންޖުގެ ނަތީޖާތަކާ އެކު ގައުމީ ބޮޑީބޯޑިން ލީގުގެ ޗެމްޕިއަންކަން ޖާއްޓެ ހޯދީ ޖުމްލަ 2610 ޕޮއިންޓް ހޯދައިގެންނެވެ. ލީގުގެ ޖޫނިއާ ޗެމްޕިއަންކަން އާމިން ހޯދީ 3000 ޕޮއިންޓާ އެކުގަ އެވެ. އަދި ގައުމީ ލީގުގެ އެންމެ މޮޅު ޓީމަކަށް ހޮވިފައިވަނީ މާލެ ސިޓީ އެވެ.