22 ޑިސެންބަރު 2023 - 11:01 0
ގައުމީ ބޮޑީބޯޑިން މުބާރާތުގައި އަޒާން ރާޅާއަޅާނީ، އޭނާ ވަނީ ފިރިހެން އޯޕަން އަދި ޖޫނިއާ އޯޕަންގެ ފައިނަލުންވެސް ޖާގަ ހޯދާފައި - ފޮޓޯ: އެމްބީބީއޭ
22 ޑިސެންބަރު 2023 - 11:01 0
ގައުމީ ބަނޑުފިލާ ޗެލެންޖުގެ އެންމެ ފޯރިގަދަ އިވެންޓް ކަމަށްވާ ފިރިހެން އޯޕަން ބައިގެ ފައިނަލުން ޒުވާން ބޮޑީބޯޑަރު މުހައްމަދު އަޒާން އަހުމަދު ޖާގަ ހޯދައިފި އެވެ.
ގިނަ ބަޔަކު ސިއްސުވާލުމަށް ފަހު ފުވައްމުލަކުގެ އުންމީދީ ބޮޑީބޯޑަރު އަޒާން ފައިނަލުން ޖާގަ ހޯދީ ރާއްޖޭގެ އެންމެ ވަރުގަދަ ބޮޑީބޯޑަރުން ކަޓުވާލުމަށް ފަހުގަ އެވެ. އޭނާ ވަނީ ގައުމީ ބަނޑުފިލާ ޗެލެންޖުގެ ޖޫނިއާ އިވެންޓުގެ ފައިނަލުންވެސް ޖާގަ ހޯދައިފަ އެވެ.
މުބާރާތުގައި އަޒާން ހޯދި އެންމެ އާދަޔާހިލާފު ނަތީޖާއަކީ ރާއްޖޭގެ އެންމެ ކާމިޔާބު ބޮޑީބޯޑަރު އަލީ ޚުޝްރުވާން އަހުމަދު (ކުޑަ އައްޔަ) ކަޓުވާލުމެވެ. މުބާރާތުގެ ކުއާޓާ ފައިނަލުގައި އަޒާން ވަނީ ގައުމީ ޗެމްޕިއަންކަން ހަތަރު ފަހަރު ހޯދާފައިވާ ކުޑަ އައްޔަގެ މައްޗަށް 0.43ގެ ކުޑަ ތަފާތަކުން ކުރި ހޯދައިފަ އެވެ. މި ހީޓުގައި އަޒާން އަށް 10.10ގެ ސްކޯއެއް ލިބުނުއިރު، އައްޔަ އަށް ލިބުނީ 9.67ގެ ސްކޯއެކެވެ.
މުބާރާތުގެ ސެމީ ފައިނަލުގައި ވެސް އަޒާން ނުކުތީ ރާއްޖޭގެ އެންމެ ސީނިއާ ބޮޑީބޯޑަރުންގެ ތެރޭގައި ހިމެނޭ އަލީ ޝާމް ރާފިއުއާ ދެކޮޅަށެވެ. މި ހީޓު އަޒާން ކާމިޔާބުކުރީ 0.66ގެ ތަފާތަކުންނެވެ. އެ ގޮތުން، 8.50ގެ ސްކޯއެއް އަޒާން މި ހީޓުގައި ހޯދިއިރު، ޝާމް އަށް ލިބުނީ 7.84ގެ ސްކޯ އެކެވެ.
ފައިނަލުގައި އަޒާން ނުކުންނާނީ އަލީ ޖާވިދު (ޖާއްޓެ)އާ ދެކޮޅަށެވެ. ޖާއްޓެ ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލްގައި އާމިން އުމަރު މޫސާ ބަލިކޮށްގެންނެވެ. ސެމީގައި ޖާއްޓެ 10.00ގެ ސްކޯއެއް ހޯދިއިރު، އާމިން އަށް ލިބުނީ 7.93ގެ ސްކޯއެކެވެ.
ޖާއްޓެ އަދި އަޒާން ފައިނަލުން ޖާގަ ހޯދުމާ އެކު ރާއްޖޭގެ އާ ގައުމީ ޗެމްޕިއަނެއް ފެންނާނެ އެވެ. މި ބޮޑީބޯޑަރުންނަކީވެސް ގައުމީ ތަށި މީގެ ކުރިން ލިބިފައިވާ ދެ އެތުލީޓުންނެއް ނޫނެވެ.
ފިރިހެން އޯޕަން ބައިގެ ފައިނަލުން ޖާގަ ނުލިބުނު ނަމަވެސް ޑްރޮޕް-ނީ ބައިގެ ފައިނަލުން ކުޑަ އައްޔަ ވަނީ ޖާގަ ހޯދައިފަ އެވެ. ޑްރޮޕް-ނީ ބައިގެ ސެމީ ފައިނަލުގައި އޭނާ ވަނީ ނޫހު މުހައްމަދު ދުނައިމް އިރުޝާދު ބަލިކޮށްފަ އެވެ.
ފައިނަލުގައި އައްޔައާ ދެކޮޅަށް ނުކުންނާނީ އާމިން އުމަރު މޫސާ އެވެ. އާމިން ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލުގައި ޔާސިން އަހުމަދު ނާޝިދު ބަލިކޮށްގެންނެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment