Advertisement

ރިސޯޓުތަކުން ބަރަހަނާ ސައިޓުތަކަށް ވަަދެވޭ، ބްލޮކް ކުރަން ސަރުކާރުން އަދިވެސް މަސައްކަތް ކުރަނީ

22 ޑިސެންބަރު 2023 - 16:21 5

އަހުމަދު އާއިދު

އަހުމަދު އާއިދު

ރާއްޖޭގެ ރިސޯޓެއް : ސަރުކާރުން 'ބްލްކު' ކުރި ނަމަވެސް ރިސޯޓުތަކުގައި އަދިވެސް ބަރަހަނާ ސައިޓުތަކަށް ވަދެވޭ - ފޮޓޯ: އަދަދު


ރިސޯޓުތަކުން ބަރަހަނާ ސައިޓުތަކަށް ވަަދެވޭ، ބްލޮކް ކުރަން ސަރުކާރުން އަދިވެސް މަސައްކަތް ކުރަނީ

22 ޑިސެންބަރު 2023 - 16:21 5

ބަރަހަނާ މަންޒަރު ދައްކާ ވެބްސައިޓުތަކަށް ރާއްޖޭގެ ރިސޯޓުތަކުން އަދިވެސް ވަދެވޭއިރު ރިސޯޓުތަކަށް އެފަދަ ވެބްސައިޓުތައް ބްލޮކް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ބުނެފި އެވެ.

ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް މިފަދަ ސައިޓުތައް ބްލޮކު ކުރިކަން ސަރުކާރުން ބުނީ މި މަހުގެ 15 ގަ އެވެ. ނަމަވެސް، ރިސޯޓުތަކުގައި މަސައްކަތް ކުރާ އެކި ފަރާތްތަކުން "އަދަދު" އަށް ކަށަވަރުކޮށްދީފައިވާ ގޮތުގައި ރިސޯޓުތަކުގެ އިންޓަނެޓު ވިއުގައިން އެއްވެސް ހުރަހެއްނެތި އެފަދަ ހުރިހާ ސައިޓުތަކަކަށް ވަދެވޭ ކަމަށެވެ.

އެކަމާ ގުޅިގެން ސުވާލުކުރުމުން ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުހައްމަދު ޝަހީބު ވިދާޅުވީ، ބަރަހަނާ ސައިޓުތައް ރިސޯޓުތަކުން ބްލޮކް ކުރުމުގެ މަސައްކަތް މިހާރު ސަރުކާރުން ކުރަމުންދާ ކަމަށެވެ. އިތުރު ތަފުސީލެއް ނުދެއްވަ އެވެ.

ބަރަހަނާ މަންޒަރު ދައްކާ ވެބްސައިޓުތައް ބްލޮކް ކުރުމަށްފަހު ޖެހިގެން އައި ދުވަހުގެ ރޭ ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހަފުތާއެއްގެ ތެރޭގައި މުޅި ރާއްޖެއިން އެފަދަ ހުރިހާ ސައިޓެއް ބްލޮކު ކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ.

"އިރާދަކުރެއްވިއްޔާ ރާއްޖޭގައި އިންޓަނެޓު މެދުވެރިކޮށް ލަދުހުތުރު މަންޒަރުތައް ބެލޭ ވެބްސައިޓުތަކަށް ވަދެވެން ހުރި ހުރިހައި ދޮރެއްގައި މި ސަރުކާރުން ތަންޑު އަޅުވާނަން... ކުރިއަށް އޮތް ހަފުތާ ތެރޭގައި ރާއްޖެއިން ލަދުހުތުރު ވެބު ސައިޓުތަކަށް ނުވަދެވޭ ގޮތަށް އެ ފަދަ ވެބްސައިޓްތައް މުޅިން ބަންދުކޮށްލެވޭނެ،" ރައީސް އެ ރޭ ވިދާޅުވި އެވެ.

ރާއްޖޭގައި އިންޓަނެޓުގެ ހިދުމަތް ދެނީ ތިން ކުންފުންޏެކެވެ. އެ ކުންފުނިތަކުގެ ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް ވަކި ވެބްސައިޓަކަށް ނުވަދެވޭ ގޮތް ހަދަނީ ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްއިން އެންގުމުންނެވެ. މިކަމާ ގުޅިގެން އެ އޮތޯރިޓީގެ ބަހެއް މިހާތަނަށް ލިބިފައެއް ނުވެ އެވެ.

ރާއްޖޭގައި މިވަގުތު 168 ރިސޯޓުގައި ހިދުމަތް ދެމުންދެ އެވެ. ދިވެހިންގެ ބޮޑު އާބާދީއެއް މި ރިސޯޓުތަކުގައި މަސައްކަތް ކުރަމުންދާއިރު، ރައީސް މުޅި ރާއްޖެއިން ބަރަހަނާ ސައިޓުތައް ބޭން ކުރަން ދިން ހަފުތާގެ މުހުލަތު މިއަދަށް ހަމަވާނެ އެވެ.