Advertisement

ކުރުސީ އާއި ދިޔަވަރަށް އެޅި ފިޔަވަޅާއެކު ސަރުކާރު 20 އަހަރު ފަހަތަށް

22 ޑިސެންބަރު 2023 - 14:11 7

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ރައީސް މުއިއްޒު: ވެބްސައިޓުތައް ބްލޮކް ކުރަން ނިންމުމުން ވަރަށް ގިނަ ފާޑުކިޔުން ދަނީ އަމާޒުވަމުން -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ކުރުސީ އާއި ދިޔަވަރަށް އެޅި ފިޔަވަޅާއެކު ސަރުކާރު 20 އަހަރު ފަހަތަށް

22 ޑިސެންބަރު 2023 - 14:11 7

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކުރެއްވި "އަނިޔާވެރި" ވެރިކަމުގެ ވާހަކަތައް އެންމެ ފުޅާކޮށް ރައްޔިތުންނާ ހަމައަށް ގެނެސްދީ 2003 ވަނަ އަހަރުން ފެށިގެން ހިންގަމުން އައި ދިވެހި އޮބްޒާވަރު ވެބްސައިޓާއި މިނިވަން ރޭޑިއޯއިންނެވެ.

އޮބްޒާވާ އަދި މިނިވަން ރޭޑިއޯ ވެސް ހިންގަމުން އައީ އަރުވާލެވިގެން ތިބި ދިވެހިންތަކެއް އިނގިރޭސިވިލާތުގައި ތިބެގެންނެވެ. އެ ދެ މަސްދަރު ވެސް ރާއްޖޭގައި އޮތީ ބްލޮކްކޮށްފަ އެވެ. ސަރުކާރުން ދެކުނު ގޮތުގައި އެއީ ވަނުން މަނާ ސައިޓުތަކެވެ. ލިބުން ހުއްދަ ނޫން މައުލޫމާތުތަކެވެ.

އެއިރު ދިވެހިރާއްޖޭގެ އާބާދީއަކީ ގާތްގަނޑަކަށް 300،000 އެެވެ. އިންޓަނެޓު ބޭނުން ކުރަމުންދާ މީހުންގެ އަދަދަކީ އެންމެ 15،000 އެވެ. ނަމަވެސް ވެރިކަމުން ކުރިމަތި ކުރަމުންދިޔަ ދަތިތަކާއެކު ވެސް އާންމުން ދިޔައީ އެކި ގޮތްގޮތުން ދިވެހި އޮބްޒާވާ އާއި މިނިވަން ރޭޑިއޯ ބަލަމުންނެވެ.

އޭގެ 20 އަހަރު ފަހުން މިއަދު އަނެއްކާ ވެސް ސަރުކާރުން މި ވަނީ ސަރުކާރަށް ފާޑުކިޔާ ކުރުސީ ޑޮޓް ކޮމް އަދި ދިޔަވަރު ޑޮޓް ކޮމް ބްލޮކްކޮށްފަ އެވެ. މިއަދު ރާއްޖޭގެ އާބާދީއަކީ 515،132 އެވެ. އަދި އެ އާބާދިން ގާތްގަނޑަކަށް 381،954 އިންޓަނެޓު ކަނެކްޝަން ބޭނުން ކުރެ އެވެ.

ބްލޮކް ކުރި ކުރުސީ އާއި ދިޔަވަރަކީ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ރާއްޖޭގެ އެންމެ މަގުބޫލު ހޭންޑަލްތަކުގެ ތެރޭގައި ހިމެނޭ ދެ ހޭންޑަލް އެވެ. ކުރުސީއަށް ފޮލޯ ކުރާ 22،000 އަށް ވުރެ ގިނަ އެކައުންޓު އުޅެ އެވެ. ދިޔަވަރަށް 16،600 އެކައުންޓަކުން ފޮލޯ ކުރެ އެވެ.

ކުއްލި ގޮތަކަށް ރޭގައި އެ ދެ ވެބްސައިޓު ބަންދު ކުރުމަށްފަހު ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ޝަހީބު މިއަދު ވިދާޅުވީ، ގާނޫނާއި ގަވާއިދުގެ ތެރެއިން ހިންގާ އެއްވެސް ވެބްސައިޓެއް ސަރުކާރުން ބްލޮކް ނުކުރާނެ ކަމަށެވެ.

"ގާނޫނާއި ގަވައިދުތަކުގެ ދަށުން ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫސް/މަޖައްލާއެއް ސަރުކާރުން ބަންދެއް ވެސް އަދި ބްލޮކެއް ވެސް ނުކުރާނެ. ނޫސްވެރިކަމުގެ މިނިވަންކަން އޭގެ އެންމެ ފުޅާމިނުގައި ދެމެހެއްޓުން މި ސަރުކާރުން ކަށަވަރުކުރާނެ ކަމުގެ ޔަގީންކަން އަރުވަން،" އެކްސްގައި ކުރި ޕޯސްޓެއްގައި ޝަހީބު ވިދާޅުވި އެވެ.

ނަމަވެސް ކުރުސީ އާއި ދިޔަވަރު ހިލާފުވި ގާނޫނެއް ނުވަތަ ގަވާއިދެއް ޝަހީބު ވިދާޅެއް ނުވެ އެވެ. ކުރުސީ އާއި ދިޔަވަރުގެ އިތުރުން ވެސް ރެޖިސްޓްރީނުކޮށް ހަބަރު ގެނެސްދޭ ވަރަށް ގިނަ ސައިޓު ހިންގަމުންދާއިރު އެ ދެ ވެބްސައިޓަށް "ޓާގެޓު ކުރި" ސަބަބެއް ވެސް ޝަހީބު ވިދާޅެއް ނުވެ އެވެ.

ނޫސް މަޖައްލާ ރަޖިސްޓްރީ ކުރުމާ ބެހޭ ގަވާއިދުގައި ބުނާ ގޮތުން "ނޫސް މަޖައްލާ އާއި މިނޫން ވެސް މިފަދަ ތަކެތި" ހިންގަންވާނީ ރަޖިސްޓްރީކޮށްގެނެވެ. އެހެން ކަމަށްވާ ނަމަ ހުރިހާ ބްލޮގެއް، ސައިޓެއް ވެސް ހިންގޭނީ ރަޖިސްޓްރީކޮށްގެނެވެ.

ނަމަވެސް ގާނޫނުއަސާސީގެ 27 ވަނަ މާއްދާގައި ބުނެފައި އޮންނަނީ "މިނިވަންކަމާއެކު ފިކުރުކުރުމާއި، އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާ ގޮތެއްގެމަތީން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި، ހިޔާލުތައް ދުލާއި ގަލަމުން އަދި މިނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާ" ކަމަށެވެ.

އެއާއެކު އެ އަސާސީގެ 28 ވަނަ މާއްދާގައި ބުނެފައި ވަނީ "ނޫސްވެރިކަން ކުރުމާއި، މުއާސަލާތީ ވަސީލަތްތައް ބޭނުންކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާ" ކަމަށެވެ. އަދި "މީގެތެރޭގައި ހަބަރާއި، މައުލޫމާތާއި، ފެންނަ ގޮތްތަކާއި، ހިޔާލުތައް ފާޅުކުރުމާއި، ޝާއިއުކުރުމާއި، ފެތުރުމުގެ މިނިވަންކަން ހިމެނޭ" ކަމަށް ވެސް އެ މާއްދާގައި ބުނެފައިވެ އެވެ.

ކުރުސީގެ ދިފާއުގައި އޭނާ އެކްސްގައި ބުނީ، ކުރުސީ ޑޮޓް ކޮމްއަކީ ދިވެހިރާއްޖެއިން ބޭރުގައި އުފެއްދި ބްލޮގެއް ކަމަށާއި އެއީ ވިޔަފާރީގެ މަގްސަދުގައި ހިންގާ ސައިޓެއް ނޫން ކަމަށެވެ. ކުރުސީ ބްލޮކް ކުރާ ނަމަ ރަޖިސްޓްރީނުކޮށް ޕްރޮސެކިއުޓ ޖެނެރަލް ހުސެއިން ޝަމީމް ލިޔުއްވާ ބްލޮގާއި އިލްމުވެރިޔާ ހަސަން ހަމީދު ހިންގަވާ ބްލޮގު ވެސް ބަންދު ކުރަންޖެހޭނެ ކަމަށް އޭނާ ބުންޏެވެ.

"ހިޔާލު 'ރެޖިސްޓާ' ކުރާކަށް ނުޖެހޭނެ،" އޭނާގެ ބަހުސް ހަތަރު ބަހަށް ކުރުކޮށްލުމަށްފަހު ކުރުސީ ބުނެފައިވެ އެވެ.

ކުރުސީ އާއި ދިޔަވަރު ބްލޮކް ކުރުމުން އާންމުންނާއި ހިޔާލުފާޅު ކުރުމަށް ލޯބި ކުރާ އެތައް ބަޔަކާއި ސިޔާސީ ފަރާތްތަކާއި ވަރަށް ގިނަ ނޫސްވެރިން ވެސް ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އޭގެ ތެރެއިން އެކަކީ، އެކްޓިވިޒަމްގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފައިވާ އަދި ތާރީހީ ލިޔުންތައް ގެނެސްދޭ ބްލޮގެއް ހިންގާ ޝައްމޫން ޖަލީލް (ލޫކަސް ޖަލީލް) އެވެ.

"އެއްވެ އުޅުމާ، ސިޔާސީ ހިޔާލު ފާޅުކުރުމާ، ސިޔާސީ އިދިކޮޅު ހަރަކާތަކީ އެ ކަންކަމަށް އެއްވެސް ހުރަހެއް އައުމަށް އަބަދުވެސް ދެކޮޅު ހަދާނެ ސިޔާސީ މިނިވަން މާހައުލެއްގެ އަސާސީ ގަބޫލުކުރުންތައް. އެ ކަންކަމަށް ހުރަހެއް އައިސްގެން ނުވާނެ،" އެކްސްގައި ކުރި ޕޯސްޓެއްގައި އޭނާ ބުނެފައިވެ އެވެ.

ކުރުސީ އާއި ދިޔަވަރު ބްލޮކް ކުރުމަކީ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ނަގާލުމަށް މަސައްކަތް ކުރުން ކަމަށް ދަ ޑިމޮކްރެޓްސްގެ މެމްބަރު އިލްޔާސް ލަބީބް ސިފަ ކުރެއްވި އެވެ. އޭނާ ވިދާޅުވީ އެއީ އިންޓަނެޓު ސެންސަރު ކުރަން ފެށުން ކަމަށެވެ.

"ސަރުކާރަށް ފާޑުކިޔާ ވެބްސައިޓްތައް ބްލޮކް ކުރުމަކީ އިންޓާނެޓް ސެންސަރ ކުރަން ފެށުން. ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަން ނަގާލުމަށް ޖާގައެއް ނުދެވޭނެ. ސަރުކާރަށް އަދި އެހެން ފަރާތްތަކަށް ވެސް ފާޑުކިޔާނެ ކިޔެން ޖެހޭނެ. ފިޔަވަޅެއް އެޅިގެން ނުވާނެ. މިއަދު މިކަން ނުހުއްޓުވައިފި ނަމަ މާދަމާ ސަރުކާރު ނުރުހޭ ސޯޝަލް މީޑިއާ އެކައުންޓްތައް ބްލޮކުކޮށް ނޫސްވެރިން އަދި އާންމު މީހަކު ވެސް ލިޔެލާ އެއްޗަކުން ނުވަތަ ބުނެލާ ބަހަކުން ހިފާ ހައްޔަރު ކުރަން ފަށާނެ. މިދަނީ ވަރަށް ނުރައްކާ ދިމާލަކަށް ކަމަށް އެބަ ފެނޭ،" އިލްޔާސް ވިދާޅުވި އެވެ.

އެންމެ ބޮޑު އިދިކޮޅު ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވީ، މިމަގުން ސަރުކާރު ކުރިއަށްދާ ނަމަ ފެންނާނީ "ނުރައްކާތެރި" މުސްތަގުބަލެއް ކަމަށެވެ.

"ސަރުކާރާ ފާޑުކިޔާ ނޫސްތައް ބްލޮކް ކުރަން ފެށުމަކީ އިންތިހާއަށް ބޮޑު ކަންބޮޑުވުމެއް. ސަރުކާރުން ބޭނުންހާ ގޮތަކަށް ހުދުމުހުތާރުކޮށް ކަންކަން ކުރުމަށް މިވަގުތު އޮތް ހަމައެކަނި ހުރަހަކީ، ސަރުކާރަށް މަޖިލީހުގެ އަގުލަބިއްޔަތު ނެތުން،" ފައްޔާޒް ވިދާޅުވި އެވެ.

ދިވެހިރާއްޖޭގައި އެންމެ ދުވަސްވީ އެއް ނޫސްވެރިޔާ އަހުމަދު ޒާހިރު (ހިރިގާ) ވެސް އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އެކްސްގައި އޭނާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއީ "އަސްލު ވެސް ނުރައްކަލުގެ ރަނގަބީލެއް" ކަމަށެވެ.

"މިއީ ހިޔާލުފާޅު ކުރުމާ ދެކޮޅަށް ދިން ހަމަލާއެއް. މުޅި މައްސަލައަށް ޖުމުލަ ހައްލެއް ހޯދުމަށް މަސައްކަތް ކުރުމަކާ ނުލައި، ސަރުކާރަށް ފާޑުކިޔާ ނޫސްތައް ބަންދު ކުރުމަކީ އަސްލު ވެސް ނުރައްކަލުގެ ރަނގަބީލެއް. ސޯޝަލް މީޑިއާ އެކައުންޓްތައް ވެސް ރަޖިިސްޓްރީ ކުރަން ޖެހެނީ؟،" ޒާހިރު ވިދާޅުވެފައިވެ އެވެ.

ވެބްސައިޓުތައް ބްލޮކް ކުރާ މައްސަލައިގައި މިދިޔަ އަހަރު ދިވެހިރާއްޖޭގެ އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑު ލިބުނު އަދި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަންގެ އެއް ހިންގުންތެރިޔާ އަހުމަދު ނާއިފް ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

"މިއަދު ބްލޮކް ކުރީ ކާކުން ނޭނގޭ ގޮތަށް ހިންގާ ވެބްސައިޓެއް. މާދަމާ ބްލޮކް ކުރާނީ ރަޖިސްޓްރީކޮށްގެން ހިންގާ ނޫހެއް. ނުބައި މައުލޫމާތާ ދެކޮޅަށް މަސައްކަތް ކުރުމުގެ ނަމުގައި މި ލިސްޓު ވާނީ ދިގު،" ނާއިފް އެކްސްގައި ކުރި ޕޯސްޓެއްގައި ބުންޏެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ ދިވެހީންނަށް ފުރިހަމަ މިނިވަންކަން ދިނުމަށް ވައުދުވެވަޑައިގަތުމަށްފަހެވެ. ވިދާޅުވީ "ދިވެހީންނަކީ މިނިވަންކަމުގެ ދަރީން" ކަމަށެވެ. އެހެން ކަމަށްވާ ނަމަ ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ވެސް ރައްޔިތުންނަށް ދޭންޖެހެ އެވެ. ކުރުސީ އާއި ދިޔަވަރު ބްލޮކްކޮށްފައި އޮތް އޮތުން ނިމުމަކަށް ގެންނަންޖެހެ އެވެ.