Advertisement

ފުށިދިއްގަރު މަޝްރޫއުގެ "ފޮރުވިފައިވާ ކަންކަން" އެމްޑީޕީން ބަލަނީ

21 ޑިސެންބަރު 2023 - 11:14 1

މިންހާ އަބްދުﷲ

މިންހާ އަބްދުﷲ

ފުށިދިއްގަރުފަޅު ހިއްކަން ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅުދައްކަވަނީ. މި މަޝްރޫއުގެ އެއްވެސް މައުލޫމާތެއް މިހާތަނަށް ހާމަކޮށްފައެއް ނުވޭ - ފޮޓޯ: މިރާޝް / އަދަދު


ފުށިދިއްގަރު މަޝްރޫއުގެ "ފޮރުވިފައިވާ ކަންކަން" އެމްޑީޕީން ބަލަނީ

21 ޑިސެންބަރު 2023 - 11:14 1

ފުށިދިއްގަރު މަޝްރޫއުގެ ހަގީގަތް ހޯދުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލިމަންޓްރީ ގްރޫޕުން ބުނެފި އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ގްރޫޕްގެ ލީޑަރު އަދި އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބިގޭ) ތުހުމަތުކުރެއްވީ ފުށިދިއްގަރު ފަޅުން ބިން ހިއްކުމުގެ މަޝްރޫއު ސަރުކާރުން ކުރިއަށް ގެންދަނީ އުސޫލުން ބޭރުން ކަމަށެވެ. އެއީ މާލިއްޔަތު ގަވައިދަށް ފެތޭ ގޮތަށް ކުރިއށް ގެންދާ މަޝްރޫއެއް ނޫން ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވި އެވެ.

"އޮންނަން ޖެހޭ ހަމަތަކާ އުސޫލުގެ ތެރެއިން ނުވަތަ މާލިއްޔަތު ގަވާއިދަށް ވެސް ފެތޭ ގޮތަށް ދާ ކަމެއް ނޫން މިއީ، އޭގައި ފޮރުވިފައިވާ ކަންކަން ހޯދުމުގެ މަސައްކަތް ކުރަމުން މި ދަނީ،" ބިގޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ބަޖެޓުގައި ފުށިދިއްގަރު ފަޅު މަޝްރޫއު ނުހިމެނުމަށް ނިންމީ، މާލޭ ރައްޔިތުން އުޅެމުންދާ ދަތި، ދިރިއުޅުމަށް އަވަސް ހައްލެއް ހޯދައި ދިނުމަށް ކަމަށެވެ.

އެ މަޝްރޫއު ފެށުމަށްޓަކައި އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި 400 މިލިއަން ރުފިޔާ ހިމަނާފައި އޮތެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުން އެ ބަޖެޓު އުނިކޮށް އެ ފައިސާ އެކި މަޝްރޫއުތަކަށް ބަހައިލި އެވެ.

"ފުށިދިއްގަރު ފަޅަށް ބަޖެޓު ނުކޮށް، އޭގެ ތެރެއިން 200 މިލިއަން ރުފިޔާ ގުރާވަރު ގުޅިފަޅު އަދި ހުޅުމާލޭގައި އިންފްރާސްޓްރަކްޗަރ ގާއިމް ކުރުމަށް ފާސްކުރީ، އެއީ ދަތި ހާލުގައި މާލޭ ރައްޔިތުން އުޅެމުންދާތީ އެ ރައްޔިތުން އެ ތަންތަނަށް ބަދަލު ކުރުން އަވަސް ކުރުމަށް، ދެން ބާކީ ބައި ރަށްރަށުގެ އުމްރާނީ ތަރައްގީއަށް ހޭދަ ކުރުމަށް ނިންމީ،" ބިގޭ ވިދާޅުވި އެވެ.

ފުށިދިއްގަރު ފަޅުގެ މަޝްރޫއު ސަރުކާރުން ކުރިއަށް ގެންދަނީ އެ މަޝްރޫއުގެ އެއްވެސް ތަފްސީލެއް ހާމަ ނުކޮށެވެ.

ޕީޖީ ލީޑަރު، އެ ކަންކަމަށް އިޝާރާތް ކުރައްވައި، ޖުމްލަކޮށް މުޅި މަޝްރޫއަށް ފާޑު ވިދާޅުވި އެވެ.

ފުށި ދިއްގަރު ސަރަހައްދު ހިއްކުމުގެ މަސައްކަތް ފެށުމަށް، ނޫސްވެރިން އެ ސަރަހައްދަށް ގެންދިޔަ ދުވަހު އެތަނުގައި ބޭނުން ކުރަމުން ދިޔައީ އެކަން ކުރަން މަޝްވަރާ ކުރި ކުންފުނީގެ ޑްރެޖަރެއް ނޫން ކަމަށް ވެސް ޕީޖީ ލީޑަރު ވިދާޅުވި އެވެ. އޭގެ ބަދަލުގައި، އެތަނުގައި އެ ދުވަހު ވެސް ބޭނުން ކުރަމުން ދިޔައީ އެމްޓީސީސީގެ ޑްރެޖަރެއް ކަމަށް ވިދާޅުވި އެވެ.

"ފުށިދިއްގަރު ފަޅު ތަރައްގީ އެ ކުރަނީ ބަޖެޓުގެ ތެރެއަކުން ނޫން، މިހާރު އެ މަސައްކަތް ހިންގަނީ އާބަންކޯއިން ކުރާ މަސައްކަތެއްގެ ގޮތުގައި، ހަމަ ކުރަން ބޭނުން ވެގެން ކުރީމޭ ބުނަން ވެގެން ކުރާ ކަމެއްގެ ގޮތުގައި، އެއްވެސް އުސޫލެއް ހަމައަކަށް ބެލުމެއް ނެތް، މިހާރު މައުލޫމާތު ލިބޭ ގޮތުން ފޮޓޯއަށް ދައްކާލުމަށް ފަހު އެ ޑްރެޖަރު ވެސް އެތާ ނެތް،" ބިގޭ ވިދާޅުވި އެވެ.

ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫއު ފެށުމަށް ބޭއްވި ރަސްމިއްޔަާތުގައި ގެންގުޅުން ޑްރެޖަރު، އެ ޑްރެޖަރު މިހާރު އެތާ ނެތް ކަމަށް އެމްޑީޕީން ތުހުމަތު ކުރޭ - ފޮޓޯ: މިރާޝް .އަދަދު


އާބަންކޯއާ ހަވާލުކޮށްގެން މި މަހުގެ 18 ވަނަ ދުވަހު މި މަޝްރޫއު ފަށާފައިވާ އިރު ހާމަ ކުރީ މަދުމިންވަރެއްގެ މައުލޫމާތެވެ. ހިއްކާ ބޮޑުމިނާއި ރަށުގެ އުސްމިން އެނގުނާއި ފަޅުގެ ފުންމިން އެނގުނު ނަމަވެސް، މުޅި މަޝްރޫއުގެ ހަރަދެއް ނޭނގެ އެވެ. ހާމައެއް ވެސް ނުކުރެ އެވެ.

މި ސަބަބުތައް މިހެން ހުރުމުގެ ފުށިދިއްގަރުފަޅު މަޝްރޫއުއަކީ ގާނޫނުއަސާސީ އާއި މާލިއްޔަތު ގާނޫނާ ހިލާފަށް ހިންގާ މަޝްރޫއުއެއް ކަމަށް، ކުރީގެ ސަރުކާރުގެ ޓެންޑަ ބޯޑުގެ ޗެއާމަންކަމާއި، އަދި އޭގެ ކުރިން ފިނޭންސް މިނިސްޓްރީގެ އިންޓާނަލް އޮޑިޓް އެންޑް އިންވެސްޓިގޭޝަން ޑިވިޝަންގެ އެންމެ އިސް މަގާމުގެ އިތުރުން ނެޝަނަލް ބަޖެޓް އެންޑް ފޯމިއުލޭޝަން ޑިވިޝަންގެ ޑިރެކްޓަރުކަން ކުރެއްވި އިސްމާއީލް ޒަރިޔަންދު ވިދާޅުވެފައިވެ އެވެ.

ފުށިދިއްގަރުފަޅު މަޝްރޫއުގައި އާބަންކޯގެ ބައިވެރިންނަކީ އަވަށްޓެރި ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީސީ) އެވެ. އެ މަސައްކަތުގައި ސީއެމްސީސީގެ ވެސް އިތުރު ޕާޓްނަރުން އެބަ ތިއްބެވެ. އެއީ ނެދަލޭންޑްސްގެ ބޮސްކާލިސް އާއި ޗައިނާގެ ޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންޓްރެކްޓިން (ސީސީސީސީ) އެވެ. މިކަންކަން ހާމަ ކުރެއްވީ އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދެވެ.

ދައުލަތުން އެތައް ބިލިޔަން ރުފިޔާއެއް ހޭދަވާ މި މަޝްރޫއުގައި އެ ކުންފުނިތައް ބައިވެރި ކުރި ގޮތެއް ސާފެއް ނުވެ އެވެ.

ހަމައެހެންމެ މި މަޝްރޫއު އާބަންކޯއާ ހަވާލުކުރީ ކޮން އުސޫލަކުން ކަމެއް ހާމައެއް ނުކުރެ އެވެ. އާބަންކޯއިން ބޭރުގެ ކުންފުނިތައް ބައިވެރި ކުރި ގޮތެއް ވެސް ހާމައެއް ނުކުރެ އެވެ. އެ ހުރިހާ ކަމެއް ހުރީ ސުވާލުތަކެއްގެ ގޮތުގަ އެވެ.

މި މައްސަލަ ބެލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ނިންމައި، އެކަން އިއްޔެ ހާމަކޮށްފައިވެ އެވެ.